ޚަބަރު

ޝަރީޢަތް ނިމެންދެން ފާރިސް ބަންދުގައި ބަހައްޓަން އަމުރުކޮށްފި


ޝަރީޢަތް ނިމެންދެން ފާރިސް މައުމޫން ބަންދުގައި ބަހައްޓަން ކްރިމިނަލްކޯޓުން އަމުރުކޮށްފިއެވެ. 

އަލަށް ޢަމަލުކުރަމުންދާ ޖިނާޢީ އިޖުރާއަތުގެ ޤާނޫނުގެ ދަށުން ދައުލަތުން އެދުނުގޮތަށް ފާރިސްގެ ބަންދުގެ މުއްދަތު ކަނޑައެޅީ މިއަދު އޭނާގެ ބަންދާމެދު ގޮތެއް ނިންމުމަށް ކްރިމިނަލްކޯޓަށް ހަޒިރުކުރުމުންނެވެ. 

ގިނައިރުތަކެއް ވަންދެން ކުރިއަށް ގެންދިޔަ މުއްދަތު މަޖިލީހަށްފަހު ކްރިމިނަލްކޯޓުން ނިންމާފައިވަނީ ޝަރީއަތް ނިމެންދެން ފާރިސް ބަންދުގައި ބަހައްޓަން ކަނޑައެޅުމަށެވެ. މިގޮތަށް ނިންމީ ފަރިސް ހެއްކަށް ނުފޫޒު ފޯރުވަފާނެ ކަމަށް ބެލެވޭތީ ޖިނާޢީ އިޖުރާއަތުގެ ޤާނޫނުގެ ދަށުން ދައުލަތުން އެދުނުގޮތަށެވެ.

ކުށެއްގެ ތުހުމަތުގައި ހައްޔަރުކޮށްފައިވާ މީހެއްގެ މައްޗަށް ދަޢުވާ އުފުލުމުގެ ކުރިން، އޭނާގެ ބަންދާ މެދު ގޮތެއް ނިންމާއިރު، އެކަށީގެންވާ ހެކި ހުރެއްޖެނަމަ ޝަރީއަތް ނިމެންދެން އެމީހަކު ބަންދުގައި ބެހެއްޓުމަށް ކަނޑައެޅުމުގެ ބާރު ޖިނާއީ އިޖުރާއަތުގެ ޤާނޫނުގެދަށުން ޤާޟީއަށް ލިބިދީފައިވެއެވެ.

ފާރިސް ހައްޔަރުކޮށްފައިވަނީ ރައްޔިތުންގެ މަޖިލިހުގެ ރައީސް އަބްދުﷲ މަސީހްގެ އިތުބާރު ނެތްކަމުގެ މައްސަލަ މަޖިލިހަށް ހުށަހެޅުމުގައި ރައްޔިތުންގެ މަޖިލީހުގެ މެމްބަރުންނަށް ރިޝްވަތު ހުށަހެޅި ކަމުގެ ތުހުމަތުގައެއެވެ. އޭނާއާދެކޮޅަށް ހެކިލިބިފައިވާކަމަށް ކުރިންވެސް ފުލުހުންވަނީ ބުނެފައެވެ. އިއްޔެ ފާރިސް ހައްޔަރުކުރީ ހައްޔަރުކުރުމުގެކުރިން އޭނާ ދިރިއުޅުއްވާ ގެ ބަލައި ފާސްކުރުމަށްފަހުއެވެ. މިއަދުވެސް ފުލުހުންވަނީ ފާރިސް ދިރިއުޅުއްވާގެ ބަލައިފާސްކޮށް ބައެއްތަކެތި ގެންގޮސްފައެވެ.