ތަރައްްޤީ

އަސްކަރިއްޔާއިން މަޖިލިސް ހިސޯރެއް ނުކުރޭ- ސަރުކާރު


ދިވެހިރާއްޖޭގެ އަސްކަރިއްޔާއިން ރައްޔިތުންގެ މަޖިލިސް ހިސޯރުކޮށްފައިވާކަމަށް ބައެއް މީޑިޔާތަކުން ފަތުރަމުންދާ ޚަބަރުތައް ދިވެހި ސަރުކާރުން ދޮގު ކުރައްވައިފިއެވެ.

ރައްޔިތުންގެ މަޖިލީހުގެ ގެއާއި ގޯތިތެރޭގައި 24 ޖުލައި 2017 ގައި ހިނގައިދިޔަ ކަންތައްތަކާ ބެހޭގޮތުން މީޑިޔާއިން ފަތުރަމުންދާ ޚަބަރުތަކާ ގުޅިގެން ރައްޔިތުންގެ މަޖިލީހުގެ އިދާރާއިންވެސް ވަނީ ނޫސް ބަޔާނެއް ނެރުއްވާފައެވެ.

ރައްޔިތުންގެ މަޖިލީހުގެ އިދާރާއިން ނެރުއްވި ނޫސް ބަޔާނުގައި ވަނީ، ރައްޔިތުންގެ މަޖިލިސްކުރާ ގެ އާއި ގޯތި ތެރޭގައި އެމް.އެން.ޑީ.އެފުން އެޅުއްވި ޚާއްޞަ ފިޔަވަޅުތަކަކީ، 24 ޖުލައި 2017 ގައި ރައްޔިތުންގެ މަޖިލީހުގެ އެއްވެސް ޖަލްސާއެއް އެޖެންޑާކޮށްފައި ނުވާއިރު، އެ ދުވަހު މަޖިލިސްކުރާ ގޭގެ ސަރަހައްދަށް އާންމުން އެއްވުމަށާއި ހަމަނުޖެހުން ހިނގުމަށް މަގުފަހިވާނެ ފަދަ ކަންކަން ކުރުމަށް ބައެއް ފަރާތްތަކުން ގޮވާލާފައިވާތީ، ޤާނޫނު އަސާސީގެ 105 ވަނަ މާއްދާގައިވާ ގޮތުގެ މަތިން ރައްޔިތުންގެ މަޖިލިސްކުރާ ގެ އާއި ގޯތި ތެރޭގެ ސަލާމަތީ ކަންކަން އެންމެ ފުރިހަމައަށް ކަށަވަރު ކުރެއްވުމަށްޓަކައި އެޅުއްވި ޚާއްޞަ ފިޔަވަޅުތަކެއްކަމަށެވެ. އަދި 24 ޖުލައި 2017 ގައި ޣައިރު ޤާނޫނީ އެއްވެސް ކަމެއް، ނުވަތަ މަޖިލީހުގެ ގެއާއި ގޯތި ތެރޭގައި ސަލާމަތަށް ނުރައްކާވެދާނެ ފަދަ އެއްވެސް ކަމެއް ހިނގިޔަ ނުދިނުމަށްޓަކައި، ސަލާމަތީ ގޮތުން އަޅުއްވައިންޖެހޭ އެންމެހައި ފިޔަވަޅުތަކެއް އަޅުއްވަމުން ގެންދެވުމަށް ރައްޔިތުންގެ މަޖިލީހުގެ އިދާރާއިން އެމް.އެން.ޑީ.އެފް ގައި އެދިވަޑައިގެންފައިވާނެ ކަމުގައިވެސް މި ނޫސް ބަޔާނުގައި ވެއެވެ.

ރައްޔިތުންގެ މަޖިލީހުގެ އިދާރާއިން ނެރުއްވި ނޫސް ބަޔާނުގައި، 24 ޖުލައި 2017 ގައި އެއްވެސް ވޯޓެއް ނެގުމަށް އެޖެންޑާކޮށްފައި ނުވާ ކަމަށާއި، އެ ދުވަހު މަޖިލީހުގެ ޖަލްސާއެއް އޮންނާނެ ކަމަށް ރައްޔިތުންގެ މަޖިލީހުގެ މެންބަރުންނަށް އަންގަވާފައިނުވާނެ ކަމުގައި ބަޔާންކޮށްފައިވެއެވެ. އަދި، 23 ޖުލައި 2017 އިން ފެށިގެން 31 ޖުލައި 2017 އާ ހަމައަށް މަޖިލީހުގެ ޖަލްސާއެއް ނުވަތަ ކޮމިޓީއެއްގެ ބައްދަލުވުމެއްވެސް ނޯންނާނެކަމަށް ރައްޔިތުންގެ މަޖިލީހުގެ މެންބަރުންނަށް 23 ޖުލައި 2017 ގައި ދަންނަވާފައިވާ ކަމުގައިވެސް ނޫސް ބަޔާނުގައި ވެއެވެ.

ސަރުކާރުން ވަނީ، މީޑިއާގެ އެކި ވަސީލަތްތައް މެދުވެރިކޮށް ޚަބަރު ފެތުރުމުގައި ޒިންމާދާރު ކަމާއެކު ހަގީގަތާ އެއްގޮތަށް ޚަބަރު ފެތުރުމަށާއި، އާންމުންނަށް ހަގީގަތް އޮޅޭ ފަދަ ގޮތަކަށް ޚަބަރު ނުފެތުރުމަށް، ހުރިހާ މީޑިޔާއަކަށް އިލްތިމާސް ކުރައްވާފައެވެ.