ރަޝިޔާގައި ހަރަކާތްތެރިވާ ޑިޕްލޮމެޓިކް މުވައްޒަފުންގެ ތެރެއިން 755 މީހުން އަނބުރާ އެމެރިކާއަށް ފޮނުވާލަން ޖެހޭނެކަމަށް ރަޝިޔާގެ ރައީސް ވްލަޑްމީރް ޕުޓިން ވިދާޅުވެއްޖެއެވެ.
ރަޝިޔާ ސަރުކާރުގެ މި ފިޔަވަޅަކީ، އެމެރިކާގެ ޤާނޫނު ހަދާ މަޖިލީހުން ރަޝިޔާއާ ދެކޮޅަށް ދަތިކުރުމުގެ ފިޔަވަޅުތައް އެޅުމަށް ނިންމި ނިންމުމުގެ ރައްދުގައި ރަޝިޔާއިން އެޅި ފިޔަވަޅެއް ކަމަށް ބެލެވެއެވެ. ރަޝިޔާގެ ރައީސް ވްލަޑްމީރް ޕުޓިން ވެސްޓީ ޓީވީއަށް ދެއްވި ބަސްދީގަތުމެއްގައި ވިދާޅުވީ، ރަޝިޔާގައި މަސައްކަތްކުރާ އެމެރިކާގެ ޑިޕްލޮމެޓިކް ސްޓާފުންގެ ތެރެއިން ގިނަ ބަޔަކު އަނބުރާ އެމެރިކާއަށް ފޮނުވާލުމުގެ ޢަމުރު ދެއްވިކަމަށެވެ.
އަދި އެމެރިކާގެ 1000 މީހުން ޑިޕްލޮމެޓިކް މަޤާމްތަކުގައި ރަޝިޔާގައި މަސައްކަތް ކުރަމުންދާ ކަމަށާ މީގެ ތެރެއިން 755 މީހުން އަނބުރާ އެމެރިކާއަށް ފޮނުވާލުމަށް ރަޝިޔާއިން ނިންމާފައިވާ ކަމަށެވެ. އަދި މި މީހުންނަށް އަނބުރާ އެމެރިކާއަށް ދިއުމަށް ރަޝިޔާ ސަރުކާރުން ދީފައިވާ ސުންގަޑިއަކީ ސެޕްޓެމްބަރު މަހުގެ ފުރަތަމަ ދުވަސްކަމަށްވެސް ޕުޓިން ވިދާޅުވިއެވެ.
ރަޝިޔާއިން އެންމެ ފުރަތަމަ މިކަން އިޢުލާންކޮށްފައިވަނީ މިދިޔަ ހުކުރު ދުވަހުއެވެ. ރަޝިޔާއިން ބުނެފައިވަނީ ސެޕްޓެމްބަރު މަހުގެ ފުރަތަމަ ދުވަހުގެ ކުރިން އެމެރިކާއިން ރަޝިޔާގައި ހިންގާ އެމްބަސީގައި މަސައްކަތްކުރާ މީހުންގެ އަދަދު 455 އަކަށް މަދުކުރަން ޖެހޭކަމަށެވެ.
މިއީ އެމެރިކާގައި ހުންނަ ރަޝިޔާގެ އެމްބަސީގައި މަސައްކަތްކުރުމަށް އެމެރިކާއިން ރަޝިޔާއަށް ހުއްދަ ދީފައިވާ ޢަދަދާ އެއްވަރުގެ އަދަދެކެވެ.
ރަޝިޔާގެ މި ފިޔަވަޅުތަކަކީ އެ ޤައުމާ ދެކޮޅަށް ދަތިކުރުމުގެ ފިޔަވަޅުތައް އެޅުމަށް ގޮވާލާ، އެމެރިކާގެ ޤާނޫނު ހަދާ މަޖިލީހުން ހުސްވި ހަފުތާގައި ފާސްކުރި ބިލުގެ ރައްދުގައި އެޅި ފިޔަވަޅުތަކެއްކަމަށް ޤަބޫލުކުރެވެއެވެ.
އެމެރިކާއާ ދެކޮޅަށް އިތުރު ފިޔަވަޅުތައް އެޅުމަށް ރަޝިޔާއިން ތައްޔާރަށް އޮތްކަމަށް ރައީސް ޕުޓިން ވިދާޅުވެފައިވާއިރު މިވަގުތު އަދި އެފަދަ ފިޔަވަޅުތައް އެޅުމަށް ރަޝިޔާއިން ގަސްތުނުކުރާ ކަމަށެވެ. ރަޝިޔާގެ ރައީސް ވިދާޅުވީ، އެމެރިކާގެ ދަތިކުރުމުގެ ފިޔަވަޅުތަކަކީ އެމެރިކާއާ ރަޝިޔާއާ ދެމެދު އޮންނަ ގުޅުން އިތުރަށް ހީނަރުވުމަށް މަގުފަހިކުރުވި ކަމެއް ކަމަށެވެ. ޕުޓިން ވިދާޅުވީ ދެ ޤައުމުގެ ގުޅުން ނުތަނަވަސްކަމުގެ ތެރޭގައި ވާއިރުވެސް މުހިއްމު މައްސަލަތަކުގައި އެއް ޤައުމުން އަނެއް ޤައުމަށް އެއްބާރުލުން ދެމުންދާކަމަށެވެ.
ޚާއްޞަ ގޮތެއްގައި ސޫރިޔާގެ ހަނގުރާމައިގައި ދާދި ފަހުން ދެ ޤައުމު ގުޅިގެން ޤާއިމުކުރި، ހަމަލާތައް ބަދަލުކުރުން މަނާކުރާ އެއްބަސްވުން ރަޝިޔާގެ ރައީސް ފާހަގަކުރައްވާފައިވެއެވެ. ރަޝިޔާއާ ދެކޮޅަށް ފިޔަވަޅުތައް އިތުރުކުރުމަށް އެމެރިކާގެ ޤާނޫނު ހަދާ މަޖިލީހުން ފާސްކުރި ބިލަކީ 2016 ވަނަ އަހަރު އެމެރިކާގައި ބޭއްވި ރިޔާސީ އިންތިޚާބަށް ނުފޫޒު ފޯރުވުމަށް ރަޝިޔާއިން މަސައްކަތްކުރި ކަމަށް ބުނާ ތުހުމަތުތަކުގެ އިތުރުން ރަޝިޔާއިން އިރުމަތީ ޔޫކްރެއިންގައި ހިންގާ އަސްކަރީ ހަރަކާތްތަކާ ދެކޮޅުހެދުމުގެ ގޮތުން އެމެރިކާއިން ފާސްކުރި ބިލެކެވެ.
ރަޝިޔާގެ އިތުރުން އުތުރު ކޮރެއާ އާއި އީރާނާ ދެކޮޅަށްވެސް ދަތިކުރުމުގެ ފިޔަވަޅުތައް އެޅުމަށް ގޮވާލާ މި ބިލު އެމެރިކާގެ ޤާނޫނު ހަދާ މަޖިލީހުގެ ދެ ގެއިން ވެސް ފަސޭހަ ކަމާއެކު ފާސްކޮށްފައިވާ އިރު، ވައިޓް ހައުސްއިން ހުކުރު ދުވަހު ބުނެފައިވަނީ އެމެރިކާގެ ރައީސް ޑޮނާލްޑް ޓްރަމްޕް އެ ބިލު ތަސްދީގުކުރައްވާނެކަމަށެވެ. އެމެރިކާގެ މި ފިޔަވަޅުތަކުގެ ސަބަބުން ރަޝިޔާއާއެކު ވިޔަފާރީ ކުރާ ވިލާތުގެ ކުންފުނިތަކަށް ވެސް އަސަރު ކުރާނެ ކަމަށް ބެލެވޭއިރު، ވިލާތުގެ އިއްތިހާދުން ވަނީ މިކަމާ ގުޅިގެން އެ އިއްތިހާދުގެ ގައުމުތަކުން ރައްދުގައި ފިޔަވަޅުތަކެއް އަޅާނެކަމަށް ބުނެފައެވެ.