ޚަބަރު

އައިއެސްއޯ9001:2015 ސެޓްފިކެޓް އެމް.ޑަބްލިއު.އެސް.ސީއަށް ލިބިއްޖެ


ޚިދުމަތުގެ ފެންވަރު ދެމެހެއްޓުމާ ގުޅޭގޮތުން އައި.އެސް.އޯ އިންދޭ ސެޓްފިކެޓް، މާލޭ ވޯރޓަރ އެންޑް ސެވަރޭޖް ކޮންޕެނީ، އެމް.ޑަބްލިއު.އެސް.ސީއަށް ލިބިއްޖެއެވެ.  

ޚިދުމަތުގެ ފެންވަރު ދެމެހެއްޓުމާއި ގުޅޭގޮތުން ކުންފުނިތަކަށްދޭ ސެޓިފިކެޓް އައިއެސްއޯ 9001:2015 (ނައިން ތައުޒަން ވަން، ޓޫތައުޒަން ފިފްޓީން ސެޓްފިކެޓް އެމްޑަބްލިޔު އެސްސީއަށް ދިނުމުގެ ގޮތުން ޗަމްޕާ ސެންޓްރަލް ހޮޓެލްގައި ބޭއްވި ރަސްމިއްޔާތުގައި މި ސެޓްފިކެޓް އެމްޑަބްލިވްއެސްސީ އާ ހަވާލުކޮށްދެއްވީ ސީ އައި އިންޓަނޭޝަނަލްގެ މެނޭޖިންގ ޑިރެކްޓަރު މިސްޓަރ އޫއި ސޫ ކާންގްއެވެ. 

މި ސެޓްފިކެޓް ލިބުމާއެކު އެކުންފުނު ވެގެންދާނީ ކަމެއް ދިމާވުމުން އެކަމަށް ޙައްލު ހޯދުމުގެ ބަދަލުގައި ކަމެއް ދިމާވުމުގެ ކުރިން ދިމާވެދާނެ ކަންކަމަށް ދުރާލާ ތައްޔާރުވެ ގެއްލުން ކުޑަކުރުމަށް މަސައްކަތް ކުރާ ކުންފުންޏަކަށްކަމަށް އެމްޑަބްލިޔުއެސްސީން ބުނެއެވެ. މި ރަސްމިއްޔާތު ޝަރަފްވެރިކޮށްދެއްވާ ވާހަކަދައްކަވަމުން ޓޫރިޒަމް މިނިސްޓަރު މޫސާ ޒަމީރު ވިދާޅުވީ، މިފަދަ ސެޓްފިކެޓްތަކުގެ ސަބަބުން ރައްޔިތުންނަށް ފޯރުކޮށްދޭ އަސާސީ ހިދުމަތްތަކުގެ ފެންވަރު ރަނގަޅުވެގެންދާނެކަމަށެވެ. އަދި މިސަރުކާރުގެ އަމާޒަކީ އެންމެ ޒަމާނީ ޚިދުމަތް ފެންވަރު ރަނގަޅުކޮށް ފޯރުކޮށްދެއްވުންކަމަށް މިނިސްޓަރ ވިދާޅުވިއެވެ.

މި ރަސްމިއްޔާތުގައި ވާހަކަދައްވަމުން އެމްޑަބްލިޔުއެސްސީގެ މެނޭޖިންގ ޑިރެކްޓަރު އިބްރާހިމް ފަޒުލް ރަޝީދު ވިދާޅުވީ، މި ސެޓްފިކެޓަކީ މިދިޔަ އަހަރުން ފެށިގެން އެކުންފުނިން ހޯދަން މަސައްކަތްފެށި ސެޓްފިކެޓެއްކަމަށެވެ. މި ސެޓްފިކެޓަކީ އައިއެސްއޯގެ އެންމެ ފަހުގެ ސެޓްފިކެޓްކަން ފާހަގަކުރައްވާ ވާހަކަދައްކަވަމުން ފަޒުލް ވިދާޅުވީ، މި ސެޓްފިކެޓްގެ ސަބަބުން ބައިނަލްއަޤްވާމީ ބާޒާރުތަކުގައި އެކުންފުންޏަށް ވަރަށް ބޮޑު ފައިދާއެއް ވެގެންދާނެކަމަށެވެ. އަދި މި ސެޓްފިކެޓްގެ ސަބަބުން ރައްޔިތުންނަށް ފޯރުކޮށްދޭ ޚިދުމަތް އަވަސްވެ، ޚިދުމަތުގެ ފެންވަރު ރަނގަޅުވެގެންދާނެކަމަށް ފަޒުލް ވިދާޅުވިއެވެ.

މިރަސްމިއްޔާތުގައި ވާހަކަދައްކަވަމުން ސީ އައި އިންޓަނޭޝަނަލްގެ މެނޭޖިންގ ޑިރެކްޓަރު މިސްޓަރ އޫއި ސޫ ކާންގް ވިދާޅުވީ، އައިއެސްއޯ ސެޓްފިކެޓް ހާސިލް ކުމުގެ ސަބަބުން ކުންފުނިން ނަގަންޖެހޭ ރިސްކު ކުޑަވެ، ކުންފުންޏަށް ގިނަގުނަ ފައިދާތަކެއް ވެގެންދާނެކަމަށެވެ. އަދި މި ސިސްޓަމަކީ އެއް ލެވެލްއެއްގައި ކޮލިޓީ ހިފެހެއްޓުމަށް ބާރުއަޅާ ސިސްޓަމެއްކަން ސޫ ކާންގް ފާހަގަކުރެއްވިއެވެ.

މި ރަސްމިއްޔާތުގައި އެމްޑަބްލިޔުއެސްސީގެ ކޮލިޓީ މެނޭޖްމަންޓް ޓީމަށް ވަނީ ހަނދާނީ ލިޔުންދީފައެވެ. މި ސެޓްފިކެޓް ލިބުމުން ކުންފުންޏަށް ލިބޭ ފައިދާތަކުގެ ތެރޭގައި ކަސްޓަމަރުންނަށް ފޯރުކޮށްދޭ ޚިދުމަތުގެ ފެންވަރު ރަނގަޅުވުމާއި، ކުންފުންޏަށް ރީތި ނަމާއި ރައްޔިތުންކުރާ އިތުބާރު ބޮޑުވުން ހިމެނެއެވެ. އަދި ކުންފުނީގެ ޑިޕާޓްމަންޓްތަކުގެ މަސައްކަތްތައް ހަލުވިވެގެންދާނެކަމަށް އެމް.ޑަބްލިޔު.އެސް.ސީން ފާހަގަކުރެއެވެ.