ދުނިޔެ

ހަރަމްފުޅުގެ ބެލެނިވެރިކަން ބަދަލުކުރުމަކީ ހަނގުރާމައެއް- ސަޢުދީ


ސައުދީ ޢަރަބިޔާގައި ހުންނަ އަދި އެ ގައުމުގެ ސަރުކާރުން ބަލަހައްޓަމުންދާ މުސްލިމުންގެ މާތް ހަރަމްފުޅާއި އެހެން މުޤައްދަސް ތަންތަނަކީ، ބައިނަލްއަޤުވާމީ މުޖުތަމަޢުގެ ބެލެނިވެރިކަމުގެ ދަށުން ހިންގާ ތަންތަނަށް ހެދުމަށް ޤަތަރުން ގޮވާލި ގޮވާލުމަކީ، ސައުދީ ޢަރަބިޔާއާ ދެކޮޅަށް ހަނގުރާމަ އިޢުލާންކުރުން ފަދަ ކަމެއްކަމަށް އެ ޤައުމުގެ ޚާރިޖީ ވަޒީރު ވިދާޅުވެއްޖެއެވެ. 

ސައުދީ ޢަރަބިއްޔާގެ ޚާރިޖީ ވަޒީރު ޢާދިލް ޢަލް ޖުބައިރު މިހެން ވިދާޅުވީ، ޤަތަރާ ދެކޮޅަށް ފިޔަވަޅު އަޅަމުން އަންނަ ޢަރަބި ބާރުތައް ކަމަށްވާ ސައުދީ ޢަރަބިއްޔާ، ބަހްރައިން، ޔޫ.އޭ.އީ އަދި މިސްރުގެ ޚާރިޖީ ވަޒީރުން ބަހްރައިންގެ މަނާމާގައި އާދިއްތަ ދުވަހު ބޭއްވެވި ބައްދަލުވުމުގެ ހަވާސާގައި ސައުދީ ޢަރަބިޔާގެ ޢަލް-ޢަރަބިއްޔާ ޓެލެވިޜަނަށް ދެއްވި ބަސްދީގަތުމެއްގައެވެ.

ސައުދީ ޢަރަބިޔާގެ ޚާރިޖީ ވަޒީރު ވިދާޅުވީ، ސައުދީ ޢަރަބިއްޔާގެ ސަރުކާރުން ބަލަހައްޓަމުންދާ މުސްލިމުންގެ މުޤައްދަސް ތަންތަން ގިނަ ގައުމުތަކަކަށް ކޮންޓްރޯލް ކުރެވޭނެ ފަދަ ގޮތަކަށް ބަދަލުކުރުމަށް ޤަތަރުން ގޮވާލި ގޮވާލުމަކީ ސައުދީ ޢަރަބިޔާއާ ދެކޮޅަށް ހަނގުރާމަ އިޢުލާންކުރުން ފަދަ ޢަމަލެއް ކަމަށެވެ. އަދި މާތް މުޤައްދަސް ތަންތަނުގެ ބެލެނިވެރިކަން ގިނަ ގައުމުތަކަކަށް ދިނުމަށް މަސައްކަތް ކުރާ ކޮންމެ ފަރާތަކަށް ރައްދު ދިނުމުގެ ހައްޤު ސައުދީ ޢަރަބިއްޔާއަށް ލިބިގެންވާ ކަމަށްވެސް ޖުބައިރު ވަނީ ވިދާޅުވެފައެވެ.

img:http://s4.psmnews.mv/images/660x400/14968692003969.jpg|ސަޢުދީ ޢަރަބިއްޔާގެ ފޮރިން މިނިސްޓަރ ޢާދިލް އަލް ޖުބައިރު

އެހެންނަމަވެސް ޢަލް ޖަޒީރާއަށް ދެއްވި ބަސްދީގަތުމެއްގައި ޤަތަރުގެ ޚާރިޖީ ވަޒީރު ޝޭޚް މުޙައްމަދު ބިން ޢަބްދުލް ރަހްމާން ޢަލް ޘާނީ ވަނީ ޤަތަރުން އެފަދަ ޢަމަލެއް ހިންގާފައިނުވާކަމަށް ވިދާޅުވެ، އެގޮތަށް ގޮވާލިކަމަށް ބުނާ ޚަބަރުތައް ދޮގުކުރައްވާފައެވެ. ޢަރަބި ބާރުތަކުގެ ޚާރިޖީ ވަޒީރުން މަނާމާގައި ކުރެއްވި މަޝްވަރާތަކަށްފަހު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ވާހަކަ ދައްކަވަމުން ސައުދީ ޢަރަބިޔާގެ ޚާރިޖީ ވަޒީރު ޖުބައިރު ވިދާޅުވީ، ޤަތަރުގެ ޙައްޖުވެރިން ސައުދީ ޢަރަބިއްޔާއަށް ދާދިއުން ސިޔާސީ ކުރުމަށް ޤަތަރުން ކުރާ މަސައްކަތްތައް ސައުދީ ޢަރަބިއްޔާއިން ޤަބޫލު ނުކުރާނެކަމަށާއި، ޙައްޖުވެރިންނަށް މަރުޚަބާ ކިއުމުގައި ސައުދީން ކޮންމެ އަހަރަކުވެސް ކުރާ އިންތިޒާމުތަކަށް ތާރީޚް ހެކިދޭ ކަމަށެވެ. އަދި ސައުދީން ވަނީ، ޤަތަރުގެ ޙައްޖުވެރިންނަށް ވެސް ސައުދީން މަރުޚަބާ ކިޔާކަމަށް ވިދާޅުވެފައެވެ.

މި އަހަރުގެ ޙައްޖުގެ އަޅުކަން ފުރިހަމަކުރުމަށް މުސްލިމް ޤައުމުތަކުގެ ހައްޖުވެރިން ސައުދީ ޢަރަބިއްޔާއަށް ދަތުރުކުރަމުންދާ މި ދަނޑިވަޅުގައި، މިހާތަނަށް ޤަތަރުގެ އެއްވެސް ރައްޔިތަކު ޙައްޖުގެ އަޅުކަން ފުރިހަމަކުރުމަށް ސައުދީއަށް ދަތުރުކޮށްފައި ނުވާކަމަށް ޢަލް-އަރަބިއްޔާ ނޫހުން މަޢުލޫމާތުދެއެވެ.

ސައުދީ ޢަރަބިއްޔާއިން ޤަތަރާ ދެކޮޅަށް ވަރުގަދަ ބަސްތަކެއް އަމާޒުކޮށްފައި މިވަނީ ޖޫން މަހުގެ ފަސްވަނަ ދުވަހުން ފެށިގެން ޢަރަބި ބާރުތަކާ ޤަތަރާ ދެމެދު ޖެހިފައިވާ މައްސަލަތަކަށް ހައްލެއް ހޯދުމަށް ޤަތަރާއެކު ސިދާ ވާހަކަތައް ބޭއްވުމަށް އެ ޤައުމުންތަކުން ތައްޔާރަށް އޮތް ކަމަށް ހާމަކޮށްފައިވާ ދަނޑިވަޅެއްގައެވެ.