ދުނިޔެ

ހެރާތުގައި ދިން ހަމަލާގައި މަރުވި މީހުންގެ ޢަދަދު 30އަށް


އަފްޣާނިސްތާނުގެ ހުޅަނގުގެ ރަށެއް ކަމަށްވާ ހެރާތުގައި ހުންނަ މިސްކިތަކަށް އަމާޒުކޮށްގެން ދިން ބޮމާއި ބަޑީގެ ހަމަލާއެއްގައި 30 މީހުން މަރުވެއްޖެއެވެ. ހެރާތުގައި ހުންނަ ޖަވާދިއްޔާ މިސްކިތަށް އަމާޒުކޮށް މި ހަމަލާ ދީފައިވަނީ މިސްކިތުގައި އިޝާ ނަމާދުކުރަމުން ދަނިކޮށް ކަމަށާއި، ޖަމާޢަތުގައި ނަމާދުކުރުމަށް 300 އަށް ވުރެ ގިނަ މީހުން މިސްކިތުގައި އެވަގުތު ތިބިކަމަށް މަންޒަރު ދުށް މީހުން ބުންޏެވެ.

އެ ހަމަލާ ދީފައިވަނީ ހަނގުރާމަވެރިންގެ ދެމީހަކު ކަމަށާއި، އެ މީހުން މިސްކިތަށް ވަދެ ސަފު ހަދައިގެން ނަމާދުކުރުމަށް ތިބި މީހުންނަށް ބަޑި އާއި އަތު ބޮން ބޭނުންކޮށްގެން ހަމަލާ ދީފައިވާކަމަށް މަންޒަރު ދުށް މީހުން ބުނެފައިވެއެވެ. މި ހަމަލާ ދީފައި މިވަނީ އެރަށުގައި ހުންނަ ތާރީޚީ މިސްކިތަކަށް އަމާޒުކޮށް ހަމަލާއެއް ދިންތާ ދެ މަސްދުވަސް ފަހުންނެވެ. އަދި ވެރިރަށް ކާބުލްގައި ހުންނަ އިރާޤުގެ އެމްބަސީއަށް އަމާޒުކޮށް ހަމަލާއެއް ދިންތާ އެއް ދުވަސްފަހުނެވެ.

އަންގާރަ ދުވަހުގެ ރޭ ދިން ހަމަލާގެ ޒިންމާ އެއްވެސް ފަރާތަކުން އަދި އުފުލާފައެއް ނުވެއެވެ. ޠާލިބާނު ހަނގުރާމަވެރިން ބުނެފައިވަނީ މިއީ އެ ޖަމާޢަތުން ދިން ހަމަލާއެއް ނޫން ކަމަށެވެ.

އަފްޣާނިސްތާނުގައި ދޭ މިފަދަ ހަމަލާތައް އިތުރުވެފައިވާއިރު އެ ގައުމުގައި މި އަހަރުގެ މިހާތަނަށް ދީފައިވާ ހަމަލާތަކުގައި އާއްމުންގެ 1700 މީހުން މަރުވެފައިވާކަމަށް ތަފާސު ހިސާބުތަކުން ދައްކައެވެ.

އަފްޣާނިސްތާނުގެ ސަލާމަތީ ބާރުތަކަށް އަމާޒުކޮށް މިއަހަރުގެ ފުރަތަމަ ހަތަރު މަސްދުވަހު ދިން ހަމަލާތަކުގައި އެކަނިވެސް ސަލާމަތީ ބާރުތަކަށް ނިސްބަތްވާ 2000ށް ވުރެ ގިނަ މީހުން މަރާލާފައިވާކަމަށް އަންގާރަ ދުވަހު، އެމެރިކާއިން ބުނެފައިވެއެވެ.