ދުނިޔެ

ޔަމަނުގެ އިންސާނީ ޙާލަތަކީ ހަނގުރާމައިގެ އުކުޅެއް- އދ


ޔަމަނުގައި މިހާރު އުފެދިފައިވާ ބަނޑުހައިހޫނުކަމުގެ ޙާލަތަކީ ހަނގުރާމައިގެ އުކުޅެއްގެ ގޮތުން އެގައުމަށް ގެނެސްފައިވާ ޙާލަތެއް ކަމަށް އދން ބުނެފިއެވެ. ޔަމަނުގައި ހަރަކާތްތެރިވާ އދގެ މިޝަންގެ ތަރައްޤީއާ ބެހޭ އެންމެ އިސްވެރިޔާ ވިދާޅުވީ، ޔަމަނުގެ އާބާދީގެ 27 އިންސައްތަ މީހުން މިހާރުން މިހާރަށް އިންސާނީ އެހީއަށް ބޭނުންވާކަމަށެވެ.

ޔަމަނުގެ ވެރިރަށް ސަންޢާގައި ހުންނަވާ ވީޑިއޯ މެދުވެރިކޮށް ނޫސްވެރިންނާ ވާހަކަދައްކަވަމުން އެ ގައުމުގައި ހަރަކާތްތެރިވާ އދގެ މިޝަންގެ ތަރައްޤީއާ ބެހޭ އިސްވެރިޔާ އައުކް ލޫތްސްމަން ވިދާޅުވީ، ޔަމަނުގައި މިހާރު ހިނގަމުންދާ ދާޚިލީ ހަނގުރާމައަށް ހައްލެއް ހޯދުމުގެ އެއްވެސް އަލިމަގެއް އަދި ފެންނަން ނެތް ކަމަށެވެ.

އޭނާ ވިދާޅުވީ، ހަނގުރާމައިގެ ސަބަބުން ޔަމަނުގައި އުފެދިފައިވާ އިންސާނީ ކާރިސާ ދުވަހުން ދުވަހަށް ގޯސްވަމުން ގޮސް އެގައުމުގެ 70 މިލިއަން މީހުންގެ އާބާދީގެ ތެރެއިން 27 އިންސައްތަ މީހުން ވަނީ މިހާރުން މިހާރަށް ވެސް އިންސާނީ އެހީއަށް ބޭނުންވެފައި ކަމަށެވެ. އަދި އާބާދީގެ 60 އިންސައްތަ މީހުންނަށް އެމީހުން ދުވަހުން ދުވަހަށް ބޭނުންކުރާ ކާބޯތަކެތި ހޯދޭނެ ގޮތް ނެތިފައިވާއިރު ހަތް މިލިއަނާ ގާތްކުރާ އަދަދެއްގެ މީހުން ވަނީ ބަނޑުހައިހޫނުކަމުގެ ތުންފަތް މަތީގައި ކަމަށް ވެސް އޭނާ ވިދާޅުވިއެވެ.

ލޫތްސްމަން ވިދާޅުވީ، ޔަމަނުގެ ދާޚިލީ ހަނގުރާމައިގެ އިތުރުން އެ ގައުމުގައި މިހާރު ހަލުވި ކަމާއެކު ފެތުރެމުންދާ ކޮލެރާގެ ބަލިމަޑުކަމުގެ ބިރު ވެސް ބޮޑުވެފައިވާ ކަމަށެވެ. މި ގޮތުން ވޭތުވެދިޔަ ހަތަރު މަސްދުވަހު ހަތަރު ލައްކަ މީހުންނަށް މި ބަލި ޖެހިފައިވާ ކަމަށާއި މީގެ ތެރެއިން 1900މީހުން މި ބަލީގައި މަރުވެފައިވާ ކަމަށް އޭނާ ވިދާޅުވިއެވެ. އަދި ސިކުނޑިއަށް ޖެހޭ ހުމެއް ކަމަށްވާ މެނިންގްޖައިޓިސް ވެސް ޔަމަނުގައި މިހާރު އާދިޔާ ޚިލާފު ހަލުވި ކަމާއެކު ފެތުރެމުންދާ ކަމަށް އދގެ އޮފިޝަލް ވިދާޅުވިއެވެ.

އދ އާއި ބައިނަލްއަޤުވާމީ އެހީދޭ އެހެން ޖަމާޢަތްތަކުން ޔަމަނުގައި ކުރަމުންދާ މަސައްކަތްތަކާ އެކު ވެސް އެގައުމަށް ކުރިމަތިވެފައިވާ ކޮލެރާގެ ބަލިމަޑުކަން ގެއްލުންތައް މިއަށް ވުރެ އިތުރުވާނެ ކަމަށް އޭނާ ވިދާޅުވިއެވެ. ލޫތްސްމަން ވިދާޅުވީ، ޔަމަނުގެ ކާބޯތަކެތީގެ 90 އިންސައްތަ އަކީ އެގައުމަށް އެތެރެ ކުރާ ތަކެތި ކަމަށާއި، ޔަމަނުގެ ހަނގުރާމައިގެ ސަބަބުން އެ ގައުމަށް ކާބޯތަކެތި އެތެރެކުރަން އުނދަގޫވެފައިވާ ކަމަށެވެ. ވިޔާފާރި ބަނދަރުތައް ބަންދުކޮށްފައިވާ އިރު ޔަމަނުގެ ވައިގެ ބަނދަރުތަކަށް އަންނަ ކޮމަރޝަލް މަތިންދާބޯޓްތަކުގެ ދަތުރުތައްވެސް މިހާރު ހުއްޓުމަކަށް އައިސްފައިވާ ކަން އދގެ އޮފިޝަލް ވަނީ ފާހަކުރައްވާފައެވެ.

އޭނާ ވިދާޅުވީ، ޔަމަނާ މެދު އަޅަން އޮތް އެންމެ މުހިއްމު ފިޔަވަޅަކީ އެގައުމުގެ ދާޚިލީ ހަނގުރާމަ ހުއްޓުމަކަށް ގެނައުން ކަމަށެވެ. މީގެ އިތުރުން ޔަމަނުގައި ބައިނަލްއަޤުވާމީ ދުނިޔެއިން ހިންގަމުން އަންނަ އިންސާނީ އެހީގެ މަސައްކަތްތަކަށް ބޭނުންވާ މާލީ އެހީ ނުލިބޭކަމަށާއި، މި ގޮތުން މިކަމަށްޓަކައި ބޭނުންވާ 2.1 ބިލިއަން ޑޮލަރުން މިހާތަނަށް ލިބިފައިވަނީ 45 އިންސައްތަ ކަން ވެސް ލޫތްސްމަން ފާހަގަކުރެއްވިއެވެ.