ދިވެހީންގެ މެދުގައި އިސްލާމީ ވަޙްދަތާއި، ޤައުމީ ރޫޙު އުފައްދައި އާލާކުރުމުގެ މަޤްޞަދުގައި 6 މާރިޗު 2017 ގައި އިފްތިތާޙު ކުރައްވާފައިވާ [ތަރިކަ] މަޝްރޫޢަށް ކަނޑައަޅުއްވާފައިވާ ލޯގޯ ސަރުކާރުގެ ރަސްމީ ސިޓީތަކާއި ލިޔުންތަކުގައި ބޭނުންކުރެއްވުމަށް ރައީސުލްޖުމްހޫރިއްޔާ ޢަބްދުﷲ ޔާމީން ޢަބްދުލްޤައްޔޫމް މިއަދު ހަމަޖައްސަވައިފިއެވެ.
ވީމާ، މި އޮގަސްޓު މަހުގެ 15 ވާ އަންގާރަ ދުވަހުން ފެށިގެން، ސަރުކާރުގެ ރަސްމީ ސިޓީތަކާއި ލިޔުންތަކުގައި، [ތަރިކަ] މަޝްރޫޢުގެ ލޯގޯ ޖެއްސެވުމަށް ރައީސުލްޖުމްހޫރިއްޔާ ވަނީ ހަމަޖައްސަވާފައެވެ. މިގޮތުން، [ތަރިކަ] ލޯގޯ ބޭނުންކުރައްވާނީ، އެއް އަހަރުދުވަހުގެ މުއްދަތަށް ކަމަށާއި، ދައުލަތުގެ މުއައްސަސާތަކުން ބާއްވާ [ތަރިކަ] އާ ގުޅުންހުރި އެކިއެކި ޙަރަކާތްތަކުގައި، މި ލޯގޯ ބޭނުންކުރައްވަމުން ގެންދެވުމަށް އެމަނިކުފާނު ވަނީ ހަމަޖައްސަވާފައެވެ.
ރަސްމީ ސިޓީތަކާއި ލިޔުންތަކުގައި މި ލޯގޯ ޖެއްސެވުމަށްޓަކައި، އެކަމާބެހޭ މަޢުލޫމާތު، މިނިސްޓްރީ އޮފް ހޯމް އެފެއާޒުން ސަރުކާރުގެ އޮފީސްތަކަށް ދެއްވާނެއެވެ.