އިރާޤުގައި އާދިޔާ ޚިލާފަށް ހޫނުގަދަވުމުގެ ސަބަބުން މިއަދަކީ ދުވަހަކީ ރަސްމީ ބަންދު ދުވަހެއްގެ ގޮތުގައި އިރާޤުގެ ބޮޑު ވަޒީރު ހައިދަރުލް އާބާދީ ކަނޑައަޅުއްވައިފިއެވެ. ބުރާސްފަތި ދުވަހުގެ މެންދުރުގެ ވަގުތު އިރާޤުގެ ވެރިރަށް ބަޣްދާދުގެ ފިނިހޫނުމިން 50 ޑިގްރީ ސެލްސިއަސް އަށްއަރާނެ ކަމަށް އިރާޤުގެ މޫސުމާ ބެހޭ އިދާރާއިން ލަފާކުރެއެވެ.
ބަޣްދާދުގެ އިތުރުން ބަޞަރާ އާއި މޫސަލްގައިވެސް އާދަޔާޚިލާފަށް ހޫނު ގަދަވާނެކަމަށް އެ އިދާރާއިން ވަނީ ލަފާކޮށްފައެވެ. އިރާޤުގައި އާދަޔާޚިލާފަށް ހޫނުގަދަވުމުގެ ސަބަބުން ކަރަންޓު ކެނޑުމަކީ ޢާއްމުކަމަކަށްވެފައިވާ މި ދަނޑިވަޅުގައި، ވިޔަފާރިތަކާއި ގޭބިސީތަކުން ބޭނުންކުރާ އެއާރކޯން ފަދަ ވަޞީލަތްތައް ބޭނުންކުރުމަށްވެސް ހުރަސް އެޅިފައިވާކަމަށް އޮފިޝަލުން ބުނެއެވެ.
އާދިޔާ ޚިލާފަށް ހޫނު ގަދަވުމުގެ އަސަރުތައް މުޅި ސަރަހައްދަށް ކުރަމުންދާއިރު ވިލާތުގައިވެސް އާދިޔާ ޚިލާފަށް ހޫނުވުމުގެ ސަބަބުން އެކި ފިޔަވަޅުތައް ވަނީ އަޅާފައެވެ.
ސައިންސްވެރިން ދާދި ފަހުން ބުނެފައިވަނީ މޫސުމަށް އަންނަމުންދާ ބަދަލުތަކަށް އެކަށީގެންވާ ފިޔަވަޅުތައް ނާޅައިފިނަމަ 2100 ވަނަ އަހަރު އަންނަ އިރު މޫސުމަށް އަންނަ އާދަޔާޚިލާފު ބަދަލުތަކުގެ ސަބަބުން އަހަރަކު 52 ހާސް މީހުން މަރުވާނެ ކަމަށެވެ.