ޚަބަރު

މަތީ ތަޢުލީމް ހާޞިލްކުރާ ފަރާތްތައް އެތައް ގުނައެއް އިތުރުވެއްޖެ


ރާއްޖޭގައި މަތީ ތައުލީމް ހާސިލް ކުރާމީހުންގެ ޢަދަދު 2012 ވަނަ އަހަރު ހުރީ 6 އިންސައްތައިގެ ކަމަށާއި، އެހެންނަމަވެސް މިވީ މަދު ދުވަސްކޮޅެއްގެ ތެރޭގައި މި ޢަދަދު 50 އިންސައްތައާ ގާތްކުރާ އަދަދަކަށް މައްޗަށް ގޮސްފައިވާކަމަށް ހޯމް މިނިސްޓަރ އަޒްލީން އަހުމަދު ވިދާޅުވެއްޖެއެވެ.

އެމަނިކުފާނު މިހެން ވިދާޅުވީ އިސްލާމީ ޔުނިވަރސިޓީ އޮފް މޯލްޑިވްސްގެ ކާމިޔާބީތައް ފާހަގަކުރުމަށް ބެއްވި ޙަފްލާގައި ވާހަކަދައްވަމުންނެވެ.

ދިވެހިރާއްޖޭގެ އިސްލާމީ ޔުނިވަރސިޓީ އައިޔޫއެމް ވުޖޫދަށް އައިތާ މިވީ ދެއަހަރު ތެރޭގައި، ގުނާ ޢަދަދުނުކުރެވޭހާ ގިނަ ކާމިޔާބީތައް އަންނަނީ ޙާސިލްކުރަމުންނެވެ. ރާއްޖޭގައި އިސްމާލީ ތައުލީމް ފުޅާކުރުމަށްޓަކައި އައިޔޫއެމް އިން ގެންދަވަނީ މި ސަރަހައްދުގެ ޤައުމުތަކާއި އެހެނިހެން ޤައުމުތަކުގެ އިސްލާމީ ޔުނިވަރސިޓީ ތަކާ ގުޅިގެން ތަފާތު ޕޮރޮގްރާމްތައް ހިންގަމުންނެވެ. އިސްލާމީ ޔުނިވަރސިޓީއަށް މިވީ ދެއަހަރު ދުވަހުގެ ތެރޭގައި އެޔުނިވަރސިޓީން ވަނީ މީގެ ކުރިން ރާއްޖެއިން ކިޔެވެން ނެތް އެތައް ޕްރޮގްރާމްތަކެއް ތަޢާރަފްކޮށް ޤައުމުގައި ތިބިގެން މަތީ ތައުލީމް ޙާސިލްކުރެވޭނެ މަގު ފަހިކޮށްދީފައެވެ.

ދިވެހިރާއްޖޭގެ އިސްލާމީ ޔުނިވަރސިޓީގެ ހަނަދޭސްވަރަ އަރުތަ އިފްތިތާހުކުރުމުގެ ރަސްމިއްޔާތު ޝަރަފްވެރިކޮށްދެއްވާ ވާހަކަދައްކަވަމުން، ހޯމް މިނިސްޓަރ އަޒްލީން އަހުމަދު ވިދާޅުވީ، ދިވެހިރާއްޖޭގެ އިސްލާމީ ޔުނިވަރސިޓީން މިވީ މަދު ދުވަސްކޮޅުގެތެރޭގައި ބޮޑެތި ކާމިޔާބީތަކެއް ހާސިލްކޮށްފައިވާކަމަށެވެ. އަދި ގިނަ ދިވެހިންނަށް އެކި ރޮނގުތަކުން މަތީ ތައުލީމް ހާސިލްކުރުމުގެ ފުރުސަތު ހުޅުވާލާ ކިނަ ޕްރޮގްރާމްތަކެއް ކާމިޔާބުކަމާއެކު ފަށާފައިވާކަމަށް މިނިސްޓަރ ވިދާޅުވިއެވެ. ރާއްޖޭގެ މަތީ ތައުލީމް ހާސިލް ކުރަމުންދާ ނިސްބަތާ ބެހޭގޮތުން ވާހަކަދައްކަވަމުން މިނިސްޓަރ ވިދާޅުވީ ދެހާސް ބާރަވަނަ އަހަރު ވޯލްޑް ބޭންކުން ހެދި ދިރާސާއަކުން ދައްކާގޮތުން ރާއްޖޭގައި މަތީ ތައުލީމ ނުވަތަ ޑިޕޮލަމާއިން މަތިން ތައުލީމް ހާސިލްކޮށްފައިވާ މީހުންގެ ނިސްބަތް ހުރީ ހައެއް އިންސައްތައިގަކަމަށެވެ.

އެހެންނަމަވެސް މިހާރު ރާއްޖޭގައި މަތީ ތައުލީމް ހާސިލްކުރާ މީހުންގެ ނިސްބަތް ފަންސާސް އިންސައްތައާ ގާތްކުރާ ޢަދަދަކަށް އަރާފައުވާކަމަށް މިނިސްޓަރ ވިދާޅުވިއެވެ.

މި ރަސްމިއްޔާތުގައި ވާހަކަދައްކަމުން ދިވެހިރާއްޖޭގެ އިސްލާމީ ޔުނިވަރސިޓީގެ ޑެޕިއުޓީ ވައިސް ޗާންސެލަރ އެޑްމިން އެންޑް ފައިނޭންސް ޢަލީ ރަޝީދު ވިދާޅުވީ ޔުނިވަރސިޓީ އުފެދިގެން މިވީ ކުޑަދުވަސްކޮޅެއްގެ ތެރޭގައި ޤައުމީ އަދި ބައިނަލް އަޤްވާމީ ފާހަގަކޮށްލެވޭ ގިނަ ކާމިޔާބީތަކެއް ހާސިލްކޮށްފައިވާކަމަށެވެ. އަދި މިއަހަރު ތެރޭގައި ބައިނަލްއަޤްވާމީ ދެ އެވޯޑަކަށް ދިވެހިރާއްޖޭގެ އިސްލާމީ ޔުނިވަރސިޓީ ނޮމިނޭޓްވެފައިވާކަމަށް އޭނާ ވިދާޅުވިއެވެ.

ދިވެހިރާއްޖޭގެ އިސްލާމީ ޔުނިވަރސިޓީގެ ކާމިޔާބީ ފާހަގަކުރުމަށް ބޭއްވި ހަފްލާގައިވަނީ އެ ޔުނިވަރސިޓީގެ ވެބްސައިޓް ރިބްރޭންޑް ކޮށް އަލުން ލޯންޗްކޮށްފައެވެ. އަދި ދިވެހިރާއްޖޭގެ އިސްލާމީ ޔުނިވަރސިޓީގެ އިދާރީ އަދި އެކަޑަމިކް އުސޫލުތަކާއި ޤަވައިދުތަކާއި، މުވައްޒަފުންނާއި ދަރިވަރުންގެ ސްލޫކީ މިންގަނޑާއި އައިޔޫއެމް ޕްރޮސްޕެކްޓަސް އާއި ރިސަރޗް ސްކިލްސް ޑައިރީ އަދި ޕަރސަނަލް ޑިވަލަޕްމަންޓް ޕްލޭނަރާއި ގްރާންޓްސް އަދި ފަންޑިންގް ސްކީމްގެ އަތްމަތީފޮތާއި އިލްމީ ދިރާސާއާއި ރިސާލާ ލިޔުމުގެ އިރުޝާދު އަދި ދަސްވެނިވާ ދަރިވަރުންގެ އަތްމަތީ ފޮތް ނެރެފައެވެ.