ތިނަދޫގެ މައްޗަށް ކުރި ހޯދާ ޓީ.ސީ ސްޕޯޓްސްއިން ދިވެހި ލީގުގައި އިތުރު ތިން ޕޮއިންޓް ހޯދައިފިއެވެ.
އޫރިދޫ ދިވެހި ޕްރިމިއަރ ލީގުގައި މިއަދު ހަވީރު ޓީ.ސީ ސްޕޯޓްސް އާއި ގ.ދ ތިނަދޫ ބައްދަލުކުރި މެޗު ޓީ.ސީ ކާމިޔާބުކުރީ އެކެއް ސުމަކުންނެވެ. މެޗުގައި ޓީ.ސީން ޖެހި ހަމައެކަނި ލަނޑު މެޗުގެ ފުރަތަމަ ހާފުގައި އެޓީމަށް ކާމިޔާބުކޮށްދިނީ ބިދޭސީ ފޯވާޑް ސްޓުވާޓް ކޯނެއިލިއަސްއެވެ.
ދެޓީމުގެ ފަރާތުންވެސް އެޓޭކިންގ ފުޓްބޯޅައެއް ފެނިގެންދިޔަ މިމެޗުގެ ފުރަތަމަ ހާފުގައި ލަނޑުޖަހާނެ ގިނަ ފުރުސަތުތައް ތަނަވަސް ކޮށްފައިވަނީވެސް ޓީ.ސީންނެވެ. އެހެންނަމަވެސް ތިނަދޫ ގޯލަށް ނުރައްކާކުރާ ވަރުގެ ހަމަލާތަކެއް ފުރަތަމަ ހާފްގައި ކާމިޔާބުކުރި ލަނޑުގެ އިތުރުން، ޓީ.ސީ ޓީމަށް ފޮނުވާލެވިފައެއް ނުވެއެވެ.
ފުރަތަމަ ހާފާއި ހިލާފަށް ދެވަނަ ހާފު ފެނިގެންދިޔައީ ދެޓީމުންވެސް ނުރައްކާތެރި ހަމަލާތަކެއް އުފެއްދި ހާފެއްގެ ގޮތުގައެވެ.
އެގޮތުން މެދުގެ ނަތީޖާ ހަމަ ހަމަކުރުމަށް ތިނަދޫ ޓީމަށްވެސް ރަނގަޅު ފުރުސަތުތަކެއް ވަނީ ލިބިފައެވެ.
މީގެތެރެއިން ތިނަދޫ ޓީމުގެ އަރިމަތިން ކުރިއަށް ކުޅެމުންދިޔަ ރިޒްވާންއަށް ލިބިނު ފުރުސަތު ފާހަގަކޮށްލެވެއެވެ. ޓީ.ސީ ޕެނަލްޓީ އޭރިއާ ކަނާ ދިމާލުން ބޭރުން ރިޒްވާންއަށް ލިބުނު ބޯޅަ ހިފައިގެން އެތެރެއަށްވަދެ ގޯލްގެ ދުރުކަނަށް ފޮނުވާލި ބޯޅަ ކީޕަރު އަތުގައި ނުޖެހި ގޮސް ޖެހުނީ އަރިމަތީ ދަނޑީގައެވެ. ދަނޑީގައި ޖެހިފައި ކުޅުމުގެ ތެރެއަށް އައި ބޯޅައަށް މަސައްކަތް ކުރި ތިނަދޫ ޓީމުގެ ބިދޭސީ ފޯވާޑް އަވިލާއެވެ. އެހެންނަމަވެސް އަވިލާއަށްވެސް އެބޯޅަ މާރަނގަޅަށް ކުރިއަށް ފޮނުވާލެވޭ ގޮތެއް ނުވިއެވެ.
އޭގެ ފަހުން އަވިލާ އޭރިއާ ބޭރުން ޓީ.ސީގެ ދެ ޑިފެންޑަރުން ކައިރިން ނައްޓާލުމަށްފަހު އޭރިއާ މެދަކާ ހިސާބުން ތިރީ ކަނަށް ފޮނުވާލި ބޯޅައިގެ ހުރަހަކަށް ވީ މިމެޗުގެ މޮޅު ކުޅުމެއް ދައްކާ މެޗުގެ މޮޅު ކުޅުންތެރިއާގެ މަޤާމްވެސް ހޯދި ޓީ.ސީގެ ގޯލް ކީޕަރު ލިމްބު ކިރަން ކުމާރެވެ.
ދެވަނަ ހާފުގައި ޓީ.ސީއަށްވެސް އިތުރު ލަނޑުތަކެއް ޖަހާނެ ގިނަ ފުރުސަތުތަކެއް ވަނީ ލިބިފައެވެ. އެގޮތުން އެޓީމްގެ ލަނޑު ކާމިޔާބުކޮށްދިން ކޯނެއިލިއަސްއަށް ކެޕްޓަން އަލީ ނާފިއު ދިން ބޯޅަ ފާހަގަ ކޮށްލެވުނެވެ. ކައުންޓާ އެޓޭކްގައި ނާފިއު ބޯޅަ ހިފައިގެން އެތެރަށް ވަދެ މެދުތެރޭގައި ހުސްކޮށްކުރި ކޯނެއިލިއަސްއަށް ޖައްސާލި އިރު އޭނާ ކައިރީގައި ހުރީ ތިނަދޫ ޓީމުގެ އަލީ އިމްރާން އެކަންޏެވެ. އިމްރާން ކައިރިން ބީޓް ކޮށްލުމަށްފަހު ކޯނެއިލިއަސް ފޮނުވާލި ބޯޅަ ދިފާއުކުރީ ތިނަދޫ ޓީމުގެ ގޯލް ކީޕަރު ރުސްލާނެވެ.
މީގެއިތުރުން މެޗު ނިމެން ދަނިކޮށް ދެވަނަ ހާފްގައި ކުޅެން ނިކުތް މުހައްމަދު އައްޒާމަށްވެސް ވަނީ ވަރަށް ހުސްފުރުސަތެއް ލިބި ބޭނުން ހިފޭގޮތް ނުވެފައެވެ. ކުރިން ބޯޅައެކޭ އެއްގޮތަށް މިފަހަރުވެސް ކައުންޓަރ އެޓޭކްގައި އަލީ ނާފިއުއަށް ލިބުނު ބޯޅަ ޖައްސާލީ ކުރިން ދުވަމުންދިޔަ އައްޒާމަށެވެ. އައްޒާމް ބޯޅަހިފައިގެން ގޮސް އޭރިއާތެރެއަށް ވަދެ ތިނަދޫ ކީޕަރު ކައިރިންވެސް ނައްޓާލުމަށްފަހު ފޮނުވާލި ބޯޅަ އަމާޒުވީ ތިނަދޫ ގޯލްގެ އަރިމަތީ ދަނޑީގައެވެ.
މިމެޗުގައި ދެޓީމުގެ ކުޅުންތެރިންގެ އިތުރުން ބެންޗުންވެސް ވަނީ ރެފްރީގެ ނިންމުންތަކާމެދު ހިތްހަމަނުޖެހުން ފާޅުކޮށްފައެވެ.
މިމެޗުން ލިބުނު ތިން ޕޮއިންޓާއެކު ޓީ.ސީއަށް މިހާތަނަށް ކުޅުނު ތިން މެޗުން ލިބިފައިވަނީ ހަ ޕޮއިންޓެވެ. ތިނަދޫ ތިން މެޗު ނިންމާލިއިރު ލިބިފައިވަނީ ތިން ޕޮއިންޓެވެ.