ކުޅިވަރު

ސާފް ޗެމްޕިއަންޝިޕް އަންނަ އަހަރުގެ ސެޕްޓެމްބަރަށް ފަސްކޮށްފި


ސާފް ޗެމްޕިއަންޝިޕް ފުޓްބޯޅަ މުބާރާތް އަންނަ އަހަރުގެ ސެޕްޓެމްބަރުގައި ބާއްވަން ނިންމާ، މުބާރާތް ދެވަނަ ފަހަރަށް ފަސްކޮށްފިއެވެ.

ބަނގްލަދޭޝްގައި މުބާރާތް ބާއްވަން ކުރިން ހަމަޖައްސާފައި އޮތީ އަންނަ އަހަރުގެ މޭ މަހުއެވެ. ނަމަވެސް ސާފްގެ ހުރިހާ ގައުމަކުން ބައްދަލުވި ހިންގާ ކޮމިޓީގެ ބައްދަލުވުމުގައި ސެޕްޓެމްބަރު މަހުގެ 4 އިން 13 އަށް މުބާރާތް ބާއްވަން ފަސްކުރީ މިދިޔަ ހަފުތާގައެވެ. ސާފް ޗެމްޕިއަންޝިޕް ފަސްކުރި ވަކި ސަބަބެއް ބަޔާންކޮށްފައިނުވި ނަމަވެސް ބޮޑަށް ބެލެވެނީ މިއީ އިންޑިޔާގެ ފުޓްބޯޅަ ޝެޑިއުލަށް ބަލާ އެގައުމުގެ އެދުމުގެ މަތީން ގެނައި ބަދަލެއް ކަމަށެވެ.

ކޮންމެ ދެ އަހަރުން އެއް އަހަރު ބާއްވާ މުބާރާތް 2015 ވަނަ އަހަރުގެ ފަހުން ދެން ބާއްވަން ޖެހޭނީ މި އަހަރުގެ ތެރޭގައެވެ. ނަމަވެސް މި އަހަރުގެ ޑިސެމްބަރަށް ޝެޑިއުލްކުރި މުބާރާތް އަންނަ އަހަރުގެ މޭ މަހަށް ފަސްކުރީ ވެސް އިންޑިޔާ އިން ބޭނުންވެގެންނެވެ. އެއީ މި އަހަރު އެގައުމުގައި ބާއްވާ ފީފާ 18 އަހަރުން ދަށުގެ ފުޓްބޯޅަ މުބާރާތަށް އިންޑިޔާއިން ވަގުތު ބޭނުންވުމުންނެވެ.

ސާފް ޗެމްޕިއަންޝިޕުގެ އެންމެ ފަހުގެ ޗެމްޕިއަން ޓީމަކީ އިންޑިޔާއެވެ. ރާއްޖެ ވަނީ މި މުބާރާތް 2008 ވަނަ އަހަރު ކާމިޔާބުކޮށްފައެވެ.

އަންނަ އަހަރު ސާފް ޗެމްޕިއަންޝިޕް ބާއްވާއިރު އަންހެން މުބާރާތަކާއެކު އުމުރު ފުރާތަކުގެ މެދުގައި ހަތަރު މުބާރާތެއް ވެސް ބާއްވަން ވަނީ ނިންމާފައެވެ.