ދުނިޔެ

މިޔަންމާގެ ރެފިއުޖީން ގޮތްހުސްވެފައި!!


މިޔަންމާގެ ސިފައިންގެ އަނިޔާވެރިކަމުގެ ޝިކާރައަކަށް ވެފައިވާ އެޤައުމުގެ ބައިމަދު ރޮހިންގްޔާ މުސްލިމުންގެ ސަތޭކަ ހާހެއްހާ މީހުން ރެފިއުޖީންގެ ގޮތުގައި ބަންގްލަދޭޝްގެ ސަރަޙައްދީ ރޮނގުގެ ކައިރިއަށް ޖަމާވެފައި އެބަތިބި ކަމަށް އދ. ން ބުނެފިއެވެ.

ރެފިއުޖީންނާބެހޭ އދ. ގެ އިދާރާއިން ބުނީ ރެފިއުޖީންގެ ތެރޭގައި ގިނައީ އަންހެނުންނާއި ކުޑަކުދިންނާއި މުސްކުޅިން ކަމަށާއި، އެ މީހުންނަށް ކާބޯތަކެއްޗާއި ހިޔާވަހިކަމާއި ސިއްޙީ ފަރުވާ އިންތިހާއަށް ބޭނުންވެފައިވާކަމަށެވެ.

މިޔަންމާ ސިފައިން އެގައުމުގެ ބައިމަދު ރޮހިންގްޔާ މުސްލިމުންނާ ދެކޮޅަށް ހިންގާ އިންސާނިއްޔަތާ ޚިލާފު އަނިޔާވެރި ޢަމަލުތަކުގެ ތެރޭގައި އެއްވެސް ޙައްޤަކާނުލައި އެމީހުންގެ ގަޔަށް ބަޑިޖަހައި މެރުމާއި ގެދޮރުގައި އަލިފާންޖަހައި އެންދުމާއި ގަދަބާރުން އެމީހުންގެ ވަޒަނުން ބޭރުކޮށްލުން ހިމެނެއެވެ.

މިޔަންމާ ސިފައިން ރޮހިންގްޔާ މުސްލިމުންނާ ދެކޮޅަށް ހިންގާ  އަނިޔާވެރި މި އަމަލުތަކުގައި އެގައުމުގެ ހަރުކަށި ބުޑިސްޓް ހާމުދުރުންވެސް ބައިވެރިވެއެވެ.

ރިޕޯޓްތައް ބުނާގޮތުން މިޔަންމާ ސިފައިންގެ އަނިޔާވެރި އަމަލުތަކުގައި ފާއިތުވި އަށް ދުވަހުގެ ތެރޭގައި ރޮހިންގްޔާ މުސްލިމުންގެ ހަތަރު ސަތޭކަ މީހުން މަރާލައި އެތަށް ހާސްބަޔަކަށް ބޮޑެތި އަނިޔާތަކެއް ކޮށްފައިވެއެވެ.

އަދި މިޔަންމާ ސިފައިންނާއި ހަރުކަށި ބުޑިސްޓުންގެ ފަރާތުން ރޮހިންގްޔާ މުސްލިމް އަންހެނުންނާއި އަންހެންކުދިންނަށް ގޯނާތައް ކުރިމަތިވަމުންދާކަމަށްވެސް ބަންގްލަދޭޝްގެ ސަރަހައްދީ ރޮނގުގެ ކައިރިއަށް ގޮސްތިބި ރޮހިންގްޔާ ރެފިއުޖީން ބުނެއެވެ.

އަމިއްލަ ގައުމުގައި ކުރިމަތިވަމުންދާ އަނިޔާވެރިކަމުން ސަލާމަތް ވުމަށްޓަކައި ރޮހިންގްޔާ މުސްލިމުންގެ އެއްލައްކައަށްވުރެ ގިނަމީހުން ފައިމަގުގައި ހިނގާފައި އަވަށްޓެރި ބަންގްލަދޭޝްގެ ސަރަހައްދީ ރޮނގުގެ ކައިރިއަށް އައިސްފައިވީނަމަވެސް ބަންގްލަދޭޝް ސަރުކާރުންވެސް ވަނީ ސަރަހައްދީ ރޮނގު ހުރަސްކޮށް އެގައުމަށް އެމީހުން ވަނުމަށް ހުރަސްއަޅާފައެވެ.

މިކަމުގެ ސަބަބުން އެމީހުންނަށް އިންސާނީ އެހީ ފޯރުކޮށްދިނުމުގައި އދ އަށްވަނީ ބޮޑެތި ދަތިތަކެއް ކުރިމަތިވެފައެވެ.

ބަންގްލަދޭޝްގެ ސަރަހައްދީ ރޮނގުގައި ތިބި ރޮހިންގްޔާ މުސްލިމް ރެފިއުޖީންނަށްވުރެ އެމީހުންގެ ވަޒަންކަމަށްވާ މިޔަންމާގެ ރަކީން ސްޓޭޓްގައި ހާލުގައި ޖެހިފައިވާ ރޮހިންގްޔާ އިންނަށް އިންސާނީ އެހީ ފޯރުކޮށްދިނުން މާދަތިކަމަށާ އިންސާނީ އެހީ ފޯރުކޮށްދިނުމުގައި މިޔަންމާ ސަރުކާރުގެ އެހީތެރިކަން ނުލިބޭކަމަށް ރެފިއުޖީންނާބެހޭ އދ ގެ އިދާރާއިން ބުނެއެވެ.

އދން މިހެން ބުނެފައިވާއިރު ރޮހިންގްޔާ ރެފިއުޖީންނަށް އިންސާނީ އެހީފޯރުކޮށްދިނުމުގެ އިންތިޒާމްތައް ހަމަޖެއްސުމަށްޓަކައި ރަކީން ސްޓޭޓަށް ދިޔުމަށް މަސައްކަތްކުރި އދ ގެ ޓީމަކަށް މިޔަންމާ ސަރުކާރުން ހުރަސްއަޅާފައިވާ ކަމުގެ ޚަބަރުތަކެއް ވަނީ ފެތުރިފައެވެ.

މިޔަންމާގެ ބައިމަދު ރޮހިންގްޔާ މުސްލިމުންގެ ނަސްލު ނައްތާލުމުގެ އަމަލުތައް އެގައުމުގެ ސިފައިން ފުޅާދާއިރާއެއްގައި ހިންގަމުންގެންދާއިރު އެގައުމުގެ އެންމެ ބާރުގަދަ ސިޔާސީ ލީޑަރުކަމަށްވާ ޚާރިޖީ ވަޒީރާ އައުން ސާން ސޫޗީ ވެސްވަނީ މިކަމަށް ބީރު ކަންފަތެއް ދެއްވާފައެވެ،

އިންސާނީ ހައްގުތަކާއި ޑިމޮކްރަސީގެ ނަމުގައި ވަކާލާތު ކުރައްވައިގެން ދުނިޔޭގައި މަޝްހޫރުކަން ހޯއްދަވައި އަދި ސުލްހައިގެ ނޯބެލް އިނާމް ލިބިވަޑައިގެންފައިވާ ސޫޗީ ގެންދަވަނީ އޭނާގެ ސަރުކާރުން ރޮހިންގްޔާ މުސްލިމުންގެ އިންސާނީ ހައްގުތަކަށް އަރައިގަންނަމުންދާ މައްސަލައަށް ކަނޑައެޅިގެން އިންކާރު ކުރައްވަމުންނެވެ.

މިޔަންމާ ސިފައިން ރޮހިންގްޔާ އަންހެނުންނާ ކުޑަކުދިންނާ ދެކޮޅަށް ހިންގާ އަނިޔާވެރި އަމަލުތަކުގެ ފޮޓޯތަކާއި ވީޑިޔޯތައް ސޯޝަލް މީޑިޔާގައި ދައުރުވަމުންދާއިރު ސޫޗީ އެކަން ދޮގުކުރެއްވުމުން ގިނަ ބަޔަކު ގެންދަނީ ސޫޗީއަށް ފާޑުކިޔައި އޭނާއަކީ ދެފުށްދެގޮތް ބޭފުޅެއްކަމަށް ސިފަކުރަމުންނެވެ.

އަދި ސޫޗީ އަކީ ސުލްހައިގެ ނޮބެލް އިނާމް ހައްގުވާ ބޭފުޅެއް ނޫންކަމާއި އިންސާނީ ހައްގުތައް ހިމާޔަތް ކުރުމުގައި ސޫޗީގެ ތެދުވެރިކަމެއްނެތް ކަމަށްބުނެ އޭނާ ކުށްވެރި ކުރަމުންނެވެ.

އދން ވަނީ ރޮހިންގާ މުސްލިމުންނަށް އިންސާނީ އެހީ ފޯރުކޮށްދިނުމަށް ބޭނުންވާ ފައިސާއާއި ވަސީލަތްތައް ރެފިއުޖީންނާބެހޭ އދގެ އިދާރާއަށް ފޯރުކޮށްދިނުމަށް ބައިނަލްއަގްވާމީ މުޖްތަމައަށް އިލްތިމާސްކޮށްފައެވެ.

ރޮހިންގްޔާ މުސްލިމުންނަށް އެގައުމުގެ ރައްވެރިކަމުގެ ހައްގު ދިނުމަށް މިޔަންމާ ސަރުކާރުން އިންކާރުކޮށްފައިވާއިރު މިމައްސަލާގައި އދގެ ކަމާބެހޭ ކޮމިޓީން އެންގި އެންގުންތަކަށް ބޯލެނބުމަށްވެސް މިޔަންމާ ސަރުކާރުންވަނީ ދެކޮޅު ހަދާފައެވެ.