ކުޅިވަރު

ޤައުމީ ޓީމްގެ ކުޅުންތެރިންނާއިއެކު ސީލައިފްގެ އަމާޒު 3 ތަށްޓަށް


މިއަހަރުގެ ސީޒަނަށް ސީ ލައިފް ސްޕޯޓްސް ކުލަބް ވަރުގަދަކޮށް ތިން ތައްޓަށް އަމާޒު ހިފައިފިއެވެ. 

ދެވަނަ ޑިވިޝަން ވޮލީ މުބާރާތުން މިއަހަރު ފުރަތަމަ ޑިވިޝަނަށް ޕްރޮމޯޓްވި ސީލައިފް ސްޕޯޓްސް ކުލަބުން ވަނީ ޤައުމީ ޓީމްގެ ގިނަ ކުޅުންތެރިންތަކެއް އެޓީމަށް ގެންގޮސްފައެވެ.

ވ.އަތޮޅަށް ނިސްބަތްވާ ސީ ލައިފް ސްޕޯޓްސް ކުލަބުން ވަނީ ޤައުމީ ޓީމްގެ މުހިންމު ކުޅުންތެރިންކަމަށްވާ ކެޕްޓަން އިޝާން މުހައްމަދު، ހަސަން ނިލާމް، އަލީ އާމިރު، އަލީ ހުޒާމް، މުހައްމަދު އަހުސަންގެ އިތުރުން ލިބަރޯ ޖަވަމް އަލީގެ ސޮއި ހޯދާފައެވެ. 

ޤައުމީ ކެޕްޓަން އިޝާން މުހައްމަދު ބުނީ ސީ ލައިފް ސްޕޯޓްސް ކުލަބް ވަރުގަދަ ކުރުމަށް އެންމެ ބޮޑަށް ވިސްނީ ސީ ލައިފްއަކީ ވ.އަތޮޅަށް ނިސްބަތްވާ ކުލަބްއަކަށްވެފަ، ވ.އަތޮޅުގެ ކުޅުންތެރިންނާއި ވ.އަތޮޅު ޕްރޮމޯޓް ކުރުމުގެ ގޮތުންކަމަށެވެ. މިފަހަރުގެ މުބާރާތަށް ސީލައިފް ނިކުންނާނީ ސީޒަންގެ ތިން ތަށި ހޯދުމަށްކަމަށާއި، އުއްމީދަކީ ތިން ތަށި ވ.އަތޮޅަށް ގެންދިއުންކަމަށް އިޝާން ބުންޏެވެ. 

ގައުމީ ކެޕްޓަން އިޝާން މުހައްމަދު ބުނީ އެހެން ފަހަރުތަކުގައި ކުލަބްތަކާއެކު ސޮއިކުރުމުގެ ކުރިން ކުލަބްތަކުގެ ހުށައެޅުމަށް ވަރަށް ބޮޑަށް ވިސްނާކަމަށާއި، ނަމަވެސް މިފަހަރު އެންމެ ބޮޑަށް ބެލީ ވ.އަތޮޅުގެ ކުޅުންތެރިން ކުރިއެރުވުމަށްކަމަށެވެ. 

img:http://s3.psmnews.mv/images/660x400/15045065602177.jpg|

"އަސްލު މި ފަހަރު ވ.އަތޮޅުގެ ވޮލީ ކުރިއަރުވަން ބޭނުންވާތީ ސޮއިކުރީ، އަމާޒަކީ ހުރިހާ ތައްޓެއް ކާމިޔާބުކުރުން" ބަޓިސް ބުންޏެވެ.

އިޝާން މުހައްމަދު ބުނީ ބޭނުންވީ ވ.އަތޮޅުގެ ހުރިހާ ކުޅުންތެރިން އެއް ކުލަބަކަށް ކުޅެން ކަމަށާއި، ނަމަވެސް ބައެއް ކުޅުންތެރިން މާކުރިން ކުލަބްތަކަށް ސޮއިކޮށްފައިވުމުންނާއި، ބައެއް ކުޅުންތެރިން އޮފީސް ކުލަބަށް ކުޅެން ޖެހުމުން ސީލައިފްއަށް ސޮއި ނުކުރެވުނީކަމަށެވެ

މިއީ ސީލައިފް ސްޕޯޓްސް ކުލަބް ފުރަތަމަ ޑިވިޝަންގައި ވާދަކުރާ ފުރަތަމަ ފަހަރެވެ.