ރޮހިންޔާ މުސްލިމުންނާ ދެކޮޅަށް މިޔަންމާގައި ހިންގަމުންދާ ލާއިންސާނީ ޖަރީމާތައް ހުއްޓުވުމަށް މަސައްކަތްކުރުމަށް، އދގެ ސެކްރެޓަރީ ޖެނެރަލް އެންތޯނިއޯ ގުޓޭރޭޝް މިޔަންމާގެ ސަރުކާރަށް ގޮވާލައްވައިފިއެވެ.
އދގެ ސެކްރެޓަރީ ޖެނެރަލް މިކަމަށް ގޮވާލައްވާފައި މިވަނީ މިޔަންމާގެ ރަކާން ސްޓޭޓްގައި ރޮހިންޔާ މުސްލިމުންނާ ދެކޮޅަށް ހިންގަމުންދާ ޖަރީމާތަކުން ސަލާމަތްވުމަށް އަވަށްޓެރި ބަންގްލަދޭޝްއަށް ހިޖުރަކުރި މީހުންގެ އަދަދު އެއް ސަތޭކަ ފަންސަވީސް ހާހާ ގާތްވެފައިވާ ދަނޑިވަޅެއްގައެވެ.
އޮގަސްޓް މަހުގެ 25 ވަނަ ދުވަހުން ފެށިގެން މިޔަންމާގެ ރަކައިން ސްޓޭޓްގައި އެގައުމުގެ ބައި މަދު ރޮހިންޔާ މުސްލިމުންނާ ދެކޮޅަށް ހިންގަމުންދާ ލާއިންސާނީ ޢަމަލުތަކުގެ ސަބަބުން އެތަށް ބައެއް ފުރާނަ ގެއްލިފައިވާ އިރު މިއީ މިޔަންމާއިން ރޮހިންޔާ މުސްލިމުން ބޭރުކޮށްލުމަށް ސަރުކާރުން ހިންގަމުންދާ ޖަރީމާތަކެއް ކަމަށް ބައެއް ފަރާތްތަކުން ދަނީ ބުނަމުންނެވެ. މުސްލިމުންގެ ގެތަށް އަންދާ، ކުޑަކުދިންނާ އަންހެނުން އަދި މުސްކުޅިން އަނިޔާވެރި ގޮތްގޮތަށް މަރަމުންދާ ވާހަކަ ދުނިޔޭގެ ފަލަ ސުރީޚީތަކުގައި ލިޔެ، އެ މަންޒަރުތައް ސޯޝަލް މީޑިޔާގައި ޢާއްމުވެފައިވާއިރު، މި ކަންކަން ހުއްޓުވުމަށް މިޔަންމާ ސަރުކާރުން އެކަށިގެންވާ މަސައްކަތް ކުރަމުން ނުދާކަން ބައިނަލްއަޤުވާމީ ދުނިޔެއިން ވަނީ ފާހަގަކޮށްފައެވެ.
ޚާއްސަ ގޮތެއްގައި އިސްލާމީ ގައުމުތަކުން ވަނީ މިޔަންމާގެ މުސްލިމުންނާ ދެކޮޅަށް ހިންގަމުންދާ ޖަރީމާތައް މިހާރުން މިހާރަށް ހުއްޓުވުމަށް މިޔަންމާގެ ސަރުކާރަށް ގޮވާލާފައެވެ. މީގެތެރޭގައި އިސްލާމީ ދުނިޔޭގެ ބޮޑެތި ބާރުތައް ކަމަށްވާ ސައުދީ ޢަރަބިއްޔާ، ތުރުކީވިލާތް، ޕާކިސްތާނު އަދި އިންޑޮނޭޝިޔާ ފަދަ ގައުމުތައް ހިމެނެއެވެ.
މިދަނޑިވަޅުގައި، އދގެ ސެކްރެޓަރީ ޖެނެރަލް އެންޓޯނިއޯ ގުޓޭރޭޝް ވެސް ވަނީ މިޔަންމާގެ ރޮހިންޔާ މުސްލިމުންނާ ދެކޮޅަށް ހިންގަމުންދާ ލާއިންސާނީ ޖަރީމާތައް މިހާރުން މިހާރަށް ހުއްޓާލުމަށް ގޮވާލައްވާފައެވެ.
އެމެރިކާގެ ނިއު ޔޯކްގައި ހުންނަ އދގެ މައި މަރުކަޒުގައި ނޫސްވެރިންނާ ވާހަކަ ދައްކަވަމުން އދގެ ސެކްރެޓަރީ ޖެނެރަލް ވިދާޅުވީ، ރޮހިންޔާ މުސްލިމުން ހައްޤުތައް ނިގުޅައިގަތުމުގެ މައްސަލައަކީ އެތަށް ދުވަހަކަށް ދިގުލައިގެން ގޮސްފައިވާ މައްސަލައެއް ކަމަށާއި، މިކަމުގެ ސަބަބުން ސަރަހައްދުގެ ސަލާމަތަށްވެސް ނުރައްކާވާ ހިސާބަށް ހާލަތު މިހާރު ގޮސްފައިވާކަމަށެވެ.
އދގެ ސެކްރެޓަރީ ޖެނެރަލް ވިދާޅުވީ، މިޔަންމާގައި މިހާރު ހިނގަމުންދާ ހަމަނުޖެހުންތައް ހުއްޓުވުމަށް އެގައުމުގެ ސަރުކާރުން އެކަށިގެންވާ ފިޔަވަޅުތައް އަޅަންޖެހޭއިރު، މި ފިޔަވަޅުތައް ވާންޖެހެނީ މައްސަލައިގައި ހިމެނޭ ހުރިހާ ފަރާތަކަށް ވެސް އެހީވާނެ ފަދަ ފިޔަވަޅުތަކަކަށް ކަމަށެވެ.
އދގެ ސެކްރެޓަރީ ޖެނެރަލް ވަނީ މިމައްސަލައަށް ހައްލެއް ހޯދުމުގެ މަސައްކަތްތައް ކުރުމަށް 15 މެމްބަރު ގައުމު ހިމެނޭ އދގެ ސަލާމަތީ މަޖިލީހަށް ގޮވާލައްވާފައެވެ. އދގެ ސަލާމަތީ މަޖިލީހުން ހުސްވި ހަފުތާގައިވެސް ވަނީ މި މައްސަލައާ ބެހޭގޮތުން މަޝްވަރާތައް ކުރުމަށް ބައްދަލުކޮށްފައެވެ. އެހެން ނަމަވެސް މި ބައްދަލުވުމަށް ފަހު އެ މަޖިލީހުން އެއްވެސް ބަޔާނެއް ނެރެފައެއް ނުވެއެވެ.