ދުނިޔޭގެ ބޮޑެތި ބާރުތަކުން މިޔަންމާ ސަރުކާރާ ދެކޮޅަށް އެއްވެސް ފިއްތުމެއް ކުރިމަތި ނުކުރާތީ، މިޔަންމާ ސިފައިންނާއި ހަރުކަށި ބުޑިސްޓުންގެ ޝިކާރައަކަށްވެ ރޮހިންގްޔާ މުސްލިމުން ފަނާވަމުންދާކަމަށް، ރޮހިންޔާއިންގެ ހައްގުތަކަށް މަސައްކަތްކުރާ ފަރާތްތަކުން ބުނެފިއެވެ.
މިދިޔަ ހަފުތާގައި މިޔަންމާ ސިފައިން ދިން ހަމަލާތަކުގައި މަރުވި މީހުންނާއި ހާލުޖެހުނު މީހުންގެ އަދަދު ރޮހިންޔާ އާބާދީގެ ދިހަ އިންސައްތައަށް އަރާކަމަށް ވަރލްޑް ރޮހިންގްޔާ ސެންޓަރުން ބުނެއެވެ. އެ ސެންޓަރުގެ ވެރިޔާ ފަރީދު އަބްދުލްޖައްބާރު ވިދާޅުވީ، މިޔަންމާ ސިފައިންގެ މި ގަތުލްއާއްމު ނުހުއްޓުވިއްޖެނަމަ، ރޮހިންޔާ މުސްލިމުން ފަނާވެ ނެތިދިޔުމަށް މާ ދިގުމުއްދަތެއް ނުނަގާނެކަމަށެވެ.
މެލޭޝިޔާގެ ވެރިރަށް ކުއާލަލަންޕޫރުގައި ވާހަކަ ދައްކަވަމުން އަބްދުލްޖައްބާރު ވިދާޅުވީ އަދުގެ އިސްލާމީ އުންމަތް ބައިބައިވެފައިވުމާއި، އިސްލާމީ ގިނަ ގައުމުތަކެއްގައި ދާޚިލީ ހަނގުރާމަތައް ކުރިޔަށްދިޔުމުގެ ސަބަބުން އިސްލާމީ އުންމަތް އޮތީ ރޮހިންޔާ މުސްލިމުންގެ ހައްގުތައް ހިމާޔަތް ކޮށްދެވޭ ވަރަށްވުރެ މާ ނިކަމެތި ހާލަތެއްގައިކަމަށެވެ.
ތުރުކީވިލާތާއި އިންޑޮނީޝިޔާއާއި މެލޭޝިޔާ ފަދަ މަދު ގައުމަކުން ފަރުދީ ގޮތެއްގައި ރޮހިންޔާ މުސްލިމުންގެ ހައްގުގައި ވަކާލާތު ކުރިނަމަވެސް، އިސްލާމީ އުންމަތް އޮތީ އެކަތިގަނޑަކަށްވެގެން މިޔަންމާ ސަރުކާރާ ދެކޮޅަށް ފިއްތުންތައް ކުރިމަތިކޮށް ރޮހިންގްޔާ މުސްލިމުން ގަތްލު އާންމުތަކުން ސަލާމަތް ކުރެވޭފަދަ ހާލަތެއްގައި ނޫންކަމަށް އޭނާ ވިދާޅުވިއެވެ. އަދި މިޔަންމާގެ އަވަށްޓެރިންގެ ގޮތުގައި ހިމެނޭ އާސިޔާން ގައުމުތައްވެސްވަނީ މިޔަންމާ ސިފައިންގެ އަނިޔާވެރި އަމަލުތަކަށް ލޯމަރާލައި، އިންސާނީ ހައްގުތަކުގެ މައްޗަށް އިގްތިސާދީ މަސްލަހަތު އިސްކޮށްފައި ކަމަށާއި މިއީ ދެރަވާންޖެހޭ ކަމެއްކަމަށް އަބްދުލްޖައްބާރު ވިދާޅުވިއެވެ.
އަނެއްކޮޅުން އިސްލާމީ ގައުމުތަކުގެ ޖަމްއިއްޔާ އޮގަނައިޒޭޝަން އޮފް އިސްލާމިކް ކޯޕަރޭޝަން (އޯއައިސީ) އިން ކުރިން މިޔަންމާއަށް ކަނޑައެޅި މަންދޫބު މެލޭޝިޔާގެ ކުރީގެ ޚާރިޖީ ވަޒީރު ހާމިދުލްބާރު ވިދާޅުވީ މިޔަންމާ ސަރުކާރާއި ސިފައިންގެ ބޭނުމަކީ ރޮހިންގްޔާ މުސްލިމުންގެ ނަސްލު ނައްތާލައި އެމީހުން އެއްކޮށް ފަނާކޮށްލުން ކަމަށްވިޔަސް އެކަން ހުއްޓުވުމުގައި ބައިނަލްއަޤުވާމީ މުޖުތަމައުގެ އެއްވެސް އަޒުމެއް އަދި ސިޔާސަތެއް ނެތްކަމަށެވެ.
ބައިނަލްއަގްވާމީ މުޖްތަމައުގެ މި ސްޓޭންޑުން ނާޖާއިޒު ފައިދާ ނަގައިގެން މިޔަންމާ ސަރުކާރުން އެމީހުންގެ މަގްސަދު ހާސިލްކުރާނެކަމުގެ ބިރަކީ ހަގީގީ ބިރެއްކަމަށްވެސް އޯއައިސީގެ ކުރީގެ މަންދޫބު އަދި މެލޭޝިޔާގެ ކުރީގެ ޚާރިޖީ ވަޒީރު ހާމިދުލްބާރު ވިދާޅުވިއެވެ.
އަނެއްކޮޅުން ތުރުކީވިލާތުގެ ރައީސް ރަޖަބް ތައްޔިބު އުރުދުޣާންވެސް ރޮހިންގްޔާ މުސްލިމުންނާ ދެކޮޅަށް އެގައުމުގެ ސިފައިން ހިންގާ ނަސްލު ނައްތާލުމުގެ އަމަލުތައް ހުއްޓުވުމުގައި ދުނިޔޭގެ ބޮޑެތި ގައުމުތަކުގެ އެއްވެސް އަޅާލުމެއްނެތްކަމަށް ވިދާޅުވެ އިންސާނީ ހައްގުތަކުގެ ނަމުގައި ވަކާލާތުކުރާ ހުޅަނގުގެ ބާރުތަކަށް ވަރަށް ބޮޑަށް ފާޑުވިދާޅުވެފައެވެ.