ސްޕެއިނުގެ ފުޓްބޯޅަ ފެޑަރޭޝަނުން މެންޗެސްޓާ ސިޓީއާ ބެހޭ ގޮތުން ސާބިތު ނުހިފޭ ވާހަކަތަކެއް ދައްކާފައިވާތީ އެކަމާ ދެކޮޅަށް ގާނޫނީ ފިޔަވަޅު އަޅަން ވިސްނަމުންދާ ކަމަށް ސިޓީން ބުނެފިއެވެ.
ސިޓީން ހިތްހަމަނުޖެހުނީ ކުޅުންތެރިން ގަނެވިއްކުމުގައި ޔޫއޭފާގެ ފައިނޭންޝިއަލް ފެއާޕްލޭއާއި އެކުލަބުން ހިލާފުވެފައިވާ ކަމަށް ތުހުމަތު ކުރެވޭ ކަމަށާއި، އެކަން ތަހުގީގުކޮށްދިނުމަށް ސްޕޭނުގެ ފުޓްބޯޅަ ފެޑަރޭޝަނުގެ ރައީސް ހާވިއާ ޓެބަސް ޔޫއޭފާއަށް ގޮވާލުމުންނެވެ.
ޓެބޭސް ބުނީ ފްރާންސްގެ ޕީއެސްޖީ އާއި މެންޗެސްޓާ ސިޓީއަކީ އަރަބި މަހުޖަނުން ހިންގާ ކުލަބުތަކަށްވާއިރު ޔޫއޭފާއިން ހަދާފައިވާ ގަވާއިދުތަކަށް ބެލުމެއްނެތި ހަރަދު ކުރަމުންދާ ކަމަށެވެ. އަދި ހުއްޓުމެއްނެތި މިކަން ކުރިއަށްދާނަމަ އަރަބިންނަށް ލިބިފައިވާ ތެލުގެ މުއްސަނދިކަމުގެ އެހީގައި މި ދެކުލަބުން ދުނިޔޭގެ ހުރިހާ މޮޅު ކުޅުންތެރިން ގަނެލާނެ ކަމަށެވެ.
ސްޕެއިނުގެ ފުޓްބޯޅަ ފެޑަރޭޝަނުން މި މޭރުމުން ވާހަކަ ދެއްކީ ކުރިން ބަޔަކު ހީވެސްނުކުރާހާ ބޮޑު އަގެއްދީފައި ފްރާންސްގެ ޕީއެސްޖީން ބާސެލޯނާގެ ނޭމާ ގަތުމުންނެވެ. ބާސެލޯނާއިން ނޭމާ ވިއްކަން ދެކޮޅު ހެދުމުން ޕީއެސްޖީން ވަނީ ނޭމާ ލައްވާ އޭނާގެ ކޮންޓްރެކްޓް ގަތުމަށް ކުޅުންތެރިޔާ އަށް ފައިސާދީގެން 222 މިލިއަން ޕައުންޑް ހޭދަކޮށްފައެވެ.
މި ޓްރާންސްފާރ އަށް ސްޕޭނުގެ ފުޓްބޯޅަ ފެޑަރޭޝަނުން ފުރަތަމަ ދެކޮޅުވެސް ހެދިއެވެ. އަދި ޔޫރަޕުގެ ކުލަބުތަކުން ވަނީ އަރަބިން ހިންގާ ކުލަބުތަކުން ކުރިމަގުގައި ކުޅުންތެރިން ގަތުމުގައި ހައްދެއް ނުބާއްވާނެ ކަމުގެ ބިރު އެބައޮތް ކަމަށް ވެސް ބުނަން ފަށާފައެވެ.
ނަމަވެސް ސިޓީން ބުނީ މިއީ ހަގީގަތާ ހިލާފު ވާހަކަތަކެއް ކަމަށާއި ސިޓީ ފުޓްބޯޅަ ގްރޫޕަކީ ފުޓްބޯޅަ އަށް ލޯބިކުރާ އަދި ގަވާއިދުތަކަށް ބޯލަނބާ ބައެއްކަމަށެވެ. އަދި ސްޕޭނުގެ ފުޓްބޯޅަ ފެޑަރޭޝަނުގެ ވާހަކަތައް ހުރީ އަގުވައްޓާލުމުގެ އުސޫލުން ކަމަށާއި މީގެ ސަބަބުން ގެއްލުންތަކާ ކުރިމަތިވެދާނެ ކަމަށެވެ.
ތަފާސް ހިސާބުތައް ދައްކާގޮތުން މެންޗެސްޓާ ސިޓީ އާއި ޕީއެސްޖީ އަކީ ޓްރާންސްފާ މާކެޓުގައި މިދިޔަ 10 އަހަރަށް ބަލާއިރު އެންމެ ބޮޑަށް ހަރަދުކުރި ދެ ކުލަބެވެ. އަދި ޕީއެސްޖީން ނޭމާ އާއި ފްރާންސްގެ އެމްބާޕޭ ބޮޑުގުގައި މިސީޒަނުގައި ގަނެފައިވާތީ އެކުލަބުން ގަވާއިދާ ހިލާފުވިތޯ ތަހުގީގުކުރަން ޔޫއޭފާއިން ވަނީ ނިންމާފައެވެ.