ސްޓޯކް ސިޓީ އާއި މެންޗެސްޓާ ޔުނައިޓެޑް 2-2އިން ރޭ އެއްވަރުވި މެޗުގައި ސްޓޯކްގެ ކޯޗު މާކް ހިއުސްއާ ކޯޗު ހޯސޭ މޮރީނިއޯ ސަލާމް ނުކުރީ މެޗުތެރޭގައި ހުތުރު ބަހުން ވާހަކަ ދެއްކުމުންކަމަށް ޔުނައިޓެޑުން ބުނެފިއެވެ.
ދެ ކޯޗުންގެ ކުރިމަތިލުމާ ގުޅިގެން މެޗަށް ފަހު ޔުނައިޓެޑުން ބުނީ މާކް ހިއުސް ވަނީ މޮރީނިއޯ ކޮށްޕާލާ ހަޑިހުތުރު ބަހުން މުހާތަބްކޮށްފައި ކަމަށެވެ. އަދި ހިއުސް، ކޯޗު މޮރީނިއޯ ކޮށްޕާލީ ޓީމުގެ ޑިފެންސްލައިން ހަމައަކަށް އެޅުވުމަށް ކުޅުންތެރިންނަށް ބުނެދޭނެ ހުއްޓައި ކަމަށް ވެސް ޔުނައިޓެޑުން ވަނީ ބުނެފައެވެ.
ނަމަވެސް މެޗަށް ފަހު ވާހަކަ ދައްކަމުން މާކް ހިއުސް ބުނީ މެޗު ތެރޭގައި އޭނާ މޮރީނިއޯ ކޮށްޕާލީ ސްޓޯކްގެ ޓެކްނިކަލް އޭރިޔާ އަށް މޮރީނިއޯ ވަނުމުން ކަމަށެވެ. އިދިކޮޅު ޓީމުގެ ޓެކްނިލް އޭރިޔާ އަށް ވަނުމަކީ ހުއްދަ ކަމެއްނޫން ކަމަށާއި މޮރީނިއޯ ބެންޗުން ފޮނުވާލަން ރެފްރީ ގާތުގައި އޭނާ އެދެން ޖެހުނީ ސަބަބެއް އޮވެގެން ކަމަށެވެ. ނަމަވެސް މެޗަށް ފަހު މޮރީނިއޯއާ ސަލާމް ކުރަން އޭނާ އިސްނެގި ކަމަށާއި މޮރީނިއޯ ސަލާމްނުކޮށް ދިޔައީ 2 ސަބަބަކާ ހުރެ ކަމަށް ގަބޫލު ކުރާ ކަމަށެވެ.
ހިއުސް ބުނާ ގޮތުގައި މޮރީނިއޯ ސަލާމްނުކޮށްދިޔަ ފުރަތަމަ ސަބަބަކީ އަމިއްލަށް ގޯސްހެދިފައިވާކަން ގަބޫލުކުރާތީއެވެ. ދެ ވަނަ ސަބަބަކީ ޔުނައިޓެޑް މޮޅުނުވުމުން ހިތްހަމަ ނުޖެހިފައި ހުރުމެވެ.
img:http://s4.psmnews.mv/images/660x400/15050235125152.jpg|
ނަމަވެސް މެޗަށް ފަހު ނޫސްވެރިން ސުވާލުކުރުމުން މޮރީނިއޯ ބުނީ ތާކުންތާކު ނުޖެހޭ ކަންކަމާމެދު ވާހަކަ ދައްކާނީ ވެސް ތާކުންތާކު ނުޖެހޭ މީހުން ކަމަށާއި އޭނާ ނިންމައިގެން ހުރީ އެކަމާމެދު ވާހަކަ ނުދައްކަން ކަމަށެވެ. ސަބަބަކީ އެފަދަ ކަންކަމާ ވާހަކަ ދައްކައިގެން ތަފާތު ތަޖުރިބާ މީގެ ކުރިން ލިބިފައިވާ ކަމަށާއި ފަހަރުގައި ރޭގެ މެޗުގައި ގޯސްހެދީ އޭނާ ކަމަށް ވެސް ވެދާނެ ކަމަށެވެ.
މޮރީނިއޯ ވަނީ މީގެ ކުރިން އާސެނަލްގެ ކޯޗު އާސެން ވެންގާއާއިވެސް ސަލާމްނުކޮށް އެތައް ފަހަރަކު ދޫކޮށްލައިފައެވެ. މިކަމަށް އިޝާރާތް ކުރަމުން ހިއުސް ބުނީ މޮރީނިއޯ ސަލާމް ނުކުރި ނަމަވެސް ސަލާމް ކުރުމުގައި އޭނާގެ ރެކޯޑް ގޯސްނުވާނެ ކަމަށެވެ.
ރޭގެ މެޗުގައި މެންޗެސްޓާ ޔުނައިޓެޑް އެއްވަރުވުމުން މި ސީޒަނުގައި އެމީހުން މިހާތަނަށް ނެރެމުން އައި ސައްތައިން ސައްތަ ރެކޯޑަށް ވަނީ ނިމުން އައިސްފައެވެ. އަދި އެ ޓީމުގެ ކުރީގެ ކުޅުންތެރިންގެ ތެރެއިން ކެޕްޓަން ރިއޯ ފާޑިންނަޑް ވަނީ ޔުނައިޓެޑުގެ ޑިފެންޑަރުން ރޭ ދެއްކި ކުޅުމަށް ވަރަށް ބޮޑަށް ފާޑުކިޔާފައެވެ.