ކުޅިވަރު

ޖަރުމަނު ލީގުގައި ފުރަތަމަ ފަހަރަށް އަންހެން ރެފްރީއެއް


ދުނިޔޭގައި އަންހެނުންގެ ފުޓްބޯޅަ ކުރިއަރުވަން ފީފާއިން ދަނީ ގިނަ މަސައްކަތްތަކެއް ކުރަމުންނެވެ. އަންހެން ކޯޗުންނާއި، ކުޅުންތެރިން އަދި އަންހެން ރެފްރީންގެ ފެންވަރު ވެސް ދުވަހެއް ދުވަހަށް ދަނީ ކުރިއަރަމުންނެވެ. ހާއްސަކޮށް ދެ ޖިންސުގެ ހަމަހަމަކަމަށް ގޮވާލާ ގޮވާލުންތަކުގެ ތެރެއިން ފީފާގެ ބާރުއެޅުމާއެކު ފުޓްބޯޅައިން ދަނީ އަންހެނުންގެ ދައުރު ފުޅާކުރަމުންނެވެ. މި ގޮތުން ރެއަކީ ހާއްސަރެއެކެވެ.

ޖަރުމަނުގެ އެންމެ މަޝްހޫރު ލީގު ބުންޑަސްލީގާގެ ތާރީހުގައި ފުރަތަމަ ފަހަރަށް އަންހެން ރެފްރީއަކު ވަނީ ރެފްރީކަންކޮށްފައެވެ. ހާތާ ބާލިން އާއި ވާޑަބްރޭމަން 1-1 ން އެއްވަރުވި މެޗުގައި ރެފްރީކަން ކުރީ ފީފާގެ އަންހެން ރެފްރީ ބިބިއާނާ ސްޓެއިންހޯސްއެވެ.

2005 ވަނަ އަހަރު ފީފާގެ ރެފްރީކަން  ލިބުނު ބިބިއާނާ އަކީ އަންހެނުންގެ ވޯލްޑް ކަޕާއި އޮލިމްޕިކްސް ފަދަ މުބާރާތްތަކުގައި ވެސް ރެފްރީކަންކޮށްފައިވާ ރެފްރީއެކެވެ. މީގެ ކުރިން ފިރިހެނުން ގެ ފުޓްބޯޅަ މެޗުތަކުގައި އޭނާ ފެނިގެންގޮސްފައިވަނީ ބަދަލު ރެފްރީއެއްގެ ގޮތުގައި ޖަރުމަނުގެ ކަޕް މެޗުތަކުގައާއި ފީފާގެ ބައެއް ޔޫތު މުބާރާތްތަކުންނެވެ.

ބިބިއާނާ އަށް ބުންޑަސްލީގާގެ ރެފްރީކަން ލިބުނީ މި އަހަރުއެވެ. އަދި ފުރަތަމަ ފަހަރަށް އޭނާ ރެފްރީއެއްގެ ގޮތުގައި ނުކުތުން ފާހަގަ ކުރުމަށް ހާތާބާލިން އިން ވަނީ ރޭގެ މެޗު ބަލަންވަން ހުރިހާ އަންހެނުންނަށް ޓިކެޓްގެ އަގު ދެބައިކުޅަ އެއްބައި ހެޔޮކޮށްދީފައެވެ. އަދި އޭނާ އަށް ބުންޑަސްލީގާގެ ކޯޗުންނާއި ކުޅުންތެރިން ވެސް އަންނަނީ މަރުހަބާ ކިޔަމުންނެވ.

ޗެމްޕިއަން ބަޔާން މިއުނިކަށް ކުޅޭ ފްރާންސްގެ ތަރި ފްރޭންކް ރިބެރީ ބުނީ ޖަރުމަނު ލީގުގައި ބިބިއާނާގެ ނިންމުންތައް ރަނގަޅު ކަމަށާއި ޖަރުމަނު ލީގުގައި ރެފްރީކަން ކުރަން ފެށުމުން މަރުހަބާ ކިޔާ ކަމަށެވެ.

އުމުރުން 38 އަހަރުގެ ބިބިއާނާ އަކީ ފުލުސް އޮފިސަރެކެވެ. އޭނާ ލޯބީގެ ގޮތުން ގުޅިގެން އުޅެނީ އިނގިރޭސި މަޝްހޫރު ރެފްރީ ހޮވަޑް ވެބްއާއެވެ. ރޭގެ މެޗު ބެލުމަށް ވެބް ވަނީ ސްޓޭޑިއަމަށް ވެސް ގޮސްފައެވެ.