ފުޓްބޯޅައިގައި މިހާތަނަށް އެންމެ އަގުބޮޑު ސްކޮޑެއް އޮތީ އިނގިރޭސިވިލާތުގެ މެންޗެސްޓާ ސިޓީގައި ކަމަށް ތަފާސް ހިސާބުތަކުން ދައްކައިފިއެވެ.
ރިސާޗް ގްރޫޕެއްކަމަށްވާ ސީއައިއީއެސް އިން ދުނިޔޭގެ އެންމެ ވަރުގަދަ ފަސް ލީގުގެ ތަފާސްހިސާބުކޮށް ހެދި ދިރާސާއިން ދައްކާގޮތުން މި ސީޒަނުގައި ކުޅުންތެރިން ގަތުމަށް ސިޓީން ހޭދަކުރި 215 މިލިއަން ޕައުންޑާއެކު އެޓީމުގެ މުޅި ސްކޮޑުގެ އަގު ވަނީ 775 މިލިއަން ޕައުންޑަށް އަރާފައެވެ.
މިއީ ފަހަކަށް މި ސީޒަނުގައި ދުނިޔޭގައި މިހާތަނަށް އެންމެ އަގުބޮޑުކޮށް ކުޅުންތެރިން ގަތުމުގެ އެންމެ މަތީ ރެކޯޑް މުގުރާލި ފްރާންސްގެ ޕީއެސްޖީގެ ސްކޮޑަށް ވުރެ ތިން މިލިއަން ޕައުންޑް ގިނަ އަދަދެކެވެ.
ޕީއެސްޖީ އާއި މެންޗެސްޓާ ސިޓީ އަކީ އަރަބި މަހުޖަނުން ހިންގާ ދެ ކުލަބު. މި ދެ ކުލަބާ ދެކޮޅަށް ޔޫރަޕުގެ ބޮޑެތި ކުލަބުތަކުން މިހާރު ވެސް ވަނީ ގަވާއިދާ ހިލާފަށް ހޭދަކުރާކަމަށް ބުނެ ޔޫއޭފާ އަށް މައްސަލަަ ހުށަހަޅާފައެވެ.
ދުނިޔޭގައި ތިން ވަނަ އަށް އެންމެ އަގުބޮޑު ސްކޮޑެއް އޮތީ މެންޗެސްޓާ ޔުނައިޓެޑްގައެވެ. ހޯސޭ މޮރީނިއޯ ކޯޗުކޮށްދޭ ޓީމުގެ ޖުމުލަ އަގަކީ 712 މިލިއަން ޕައުންޑެވެ. ޔުނައިޓެޑަކީ މި ލިސްޓުގެ އެންމެ ކުރީގައި މިދިޔަ ސީޒަނުގައި އޮތް ޓީމެވެ.
މި ލިސްޓުގެ ހަތަރުވަނާގައިވަނީ ޗެލްސީއެވެ. އެއަށްފަހު ބާސެލޯނާ. ހަ ވަނާގައިވަނީ ރެއާލް މެޑްރިޑެވެ. ހަތް ވަނާގައި ޔުވެންޓަސް އަދި އޭގެ ފަހުން ހިމެނެނީ ލިވަޕޫލާއި ޓޮޓެންހަމް އަދި އާސެނަލެވެ.