ކުޅިވަރު

ރިއާލް މެޑްރިޑްގެ ވައިސް ކެޕްޓަނަށް ރޮނާލްޑޯ ހަމަޖައްސައިފި


ރެއާލް މެޑްރިޑުގެ ވައިސް ކެޕްޓަނަކަށް ދުނިޔޭގެ އެންމެ މޮޅު ކުޅުންތެރިޔާ ކްރިސްޓިއާނޯ ރޮނާލްޑޯ ހަމަޖައްސައިފިއެވެ.

ސްޕޭއިނާއި ޔޫރަޕުގެ ޗެމްޕިއަން ޓީމުން ކެޕްޓަނުން ތައާރަފް ކުރުމަށް ބޭއްވި ރަސްމިއްޔާތުގައި މި ސީޒަނުގައި ވެސް ކެޕްޓަން ބޭންޑް ދީފައިވަނީ ޑިފެންޑަރު ސާޖިއޯ ރާމޯސް އަށެވެ. އޭނާ ނެތްނަމަ ރޮނާލްޑޯ ބޭންޑް އަޅަން ފުރަތަމަ ފަހަރަށް ހަމަޖެއްސިއިރު ކުރިން ވައިސް ކެޕްޓަނަކަށް ހުރީ ބްރެޒިލްގެ ޑިފެންޑަރު މާސެލޯއެވެ. ނަމަވެސް މި ސީޒަނުގައި މާސެލޯ އަށް ބޭންޑް ލިބޭނީ ރާމޯސް އާއި ރޮނާލްޑޯ ނެތްނަމައެވެ.

މި ތިން ކުޅުންތެރިން ކެޕްޓަނުންނަށް ހަމަޖައްސާފައިވާއިރު ސްޕޭނުގެ ނޫސްތަކުން އަންނަނީ މި ކުޅުންތެރިން ޑިސިޕްލިން ރެކޯޑާމެދު ކަންބޮޑުވުން ފާޅު ކުރަމުންނެވެ. މި ކުޅުންތެރިންނަށް މި ސީޒަނުގައި އެކަނި ވެސް ރަތްކާޑު ދައްކައިފައިވާއިރު ރޮނާލްޑޯ އަންނަނީ ރެފްރީ ކޮށްޕާލުމުގެ އަދަބެއްގެ ގޮތުން ފަސް މެޗުގެ ސަސްޕެންޝަނެއް ގުނަމުންނެވެ.

މިހެންވެ ހަތަރު ވަނަ ކެޕްޓަނަކަށް ހަމަޖައްސާފައިވަނީ ޑިސިޕްލިން ރެކޯޑް ވަރަށް ރަނގަޅު ކުޅުންތެރިއެކެވެ. އެއީ ފްރާންސްގެ ފޯވްޑް ކަރީމް ބެންޒެމާއެވެ. އޭނާ ރެއާލްއާ ގުޅުނުތާ އަށް އަހަރުވެފައިވާއިރު ބެންޒެމާއަށް ދައްކާފައިވަނީ އެންމެ ހަ ރީނދޫ ކާޑެވެ.