ކުޅިވަރު

ޕީއެސްޖީން ސެލްޓިކް ލަދުގަންނުވާލައިފި


5-0 ން މޮޅުވެ, ފްރާންސްގެ ޕީއެސްޖީން ރޭ ސްކޮޓްލޭންޑް ސެލްޓިކް ލަދު ގަންނުވާލައިފިއެވެ.

މި މެޗުގައި ލަނޑު ޖަހައިދިނީ އެޑިންސަން ކަވާނީ އާއި ނޭމާ ސަންޓޯސް އަދި ކޭލިއަމް އެމްބާޕޭއެވެ. މީގެ ތެރެއިން ކަވާނީ ޖެހި ދެ ގޯލާއެކު އޭނާ ވެފައިވަނީ ޗެމްޕިއަންސް ލީގުގައި ޕީއެސްޖީ އަށް އެންމެ ގިނަ ގޯލު ޖެހި ކުޅުންތެރިޔާ އަށެވެ.

އަދި އެމްބާޕޭ ޖެހި ގޯލާއެކު އޭނާ ހިމެނިގެންދިޔައީ ޗެމްޕިއަންސް ލީގުގެ ގްރޫޕް ސްޓޭޖުގައި ތަފާތު ދެ ކުލަބަކަށް ލަނޑު ޖަހައިދިން ފުރަތަމަ ޓީނޭޖް ކުޅުންތެރިޔާ އަށެވެ. ހުސްވި ސީޒަނުގައި މޮނާކޯ އަށް ޖަހައިދިން ހަ ގޯލާއި ރޭ ޕީއެސްޖީ އަށް ޖަހާދީފައިވާ ގޯލާއެކު އުމުރުން 18 އަހަރުގެ ފޯވަޑް ޖެހި ގޯލުގެ އަދަދު ހަތަކަށް އަރާއިރު ފުރާވަރުގެ އުމުރުގައި މިއަދަދަށް މީގެ ކުރިން ގޯލު ޖަހާފައިވަނީ ނެދަލޭންޑްސްގެ މަޝްހޫރު ފޯވަޑް ޕެޓްރިކް ކްލައިވަޓްއެވެ.

ރޭގެ ބައްޔާއެކު 2013ގެ ފަހުން ޗެމްޕިއަންސް ލީގުގެ ގްރޫޕް ސްޓޭޖުގައި މެޗަކުން މޮޅުނުވުމުގެ ސިލްސިލާ ސެލްޓިކަށް ވަނީ ދިގުދެމިގެންގޮސްފައެވެ. އަދި އެ ޓީމުން އެންމެ ފަހުން މުބާރާތުގައި ކުޅުނު 20 މެޗުން ވެސް މޮޅުވެފައިނުވާއިރު ބައިކޮޅަށް ވަނީ މި މެޗުތަކުގައި 48 ގޯލު ވަދެފައެވެ.

މިހެންވެ ކޯޗު ބްރެންޑަން ރޮޖާސް ބުނީ ދައްކާނެ މާގިނަ ވާހަކަތަކެއް ނެތް ކަމަށާއި އޭނާގެ ޓީމަކީ އާދައިގެ ޓީމަކަށްވާއިރު ޕީއެސްޖީ އަކީ ތައްޓަށް ވާދަކުރާ ޓީމެއް ކަމަށެވެ. ދެ ޓީމުގެ ތަފާތު މިހެން ހުއްޓަސް ސެލްޓިކްގެ ކުޅުންތެރިންގެ ފަރާތުން ފެނިގެންދިޔައީ 12 އަހަރުން ދަށުގެ ކުޅުންތެރިން ކުޅޭކަހަލަ ފުޓްބޯޅައެއް ކަމަށެވެ. ހާއްސަކޮށް ޑިފެންސްލައިނުގައި ގިނަ މައްސަލަތަކެއް އެބަހުރި ކަމަށާއި އެކަންކަން ރަނގަޅުވިނަމަ ތަފާތު ކުޑަކުރަން އޭނާގެ ޓީމަށް އެކަށީގެންވާ ވަރަށް މަސައްކަތް ކުރެވުނީސް ކަމަށެވެ.