ކުޅިވަރު

ރޮނަލްޑޯގެ ރެކޯޑާއެކު ރިއަލް މޮޅު


ދުނިޔޭގެ އެންމެ ވާދަވެރި ދެ ކުޅުންތެރިއަކީ ކްރިސްޓިއާނޯ ރޮނާލްޑޯ އާއި ބާސެލޯނާގެ ލަޔޮނަލް މެސީއެވެ. ކޮންމެ ކަމެއްގައި އެކަކަށްވުރެ އަނެކަކު ކުރި ހޯދުމަކީ މި ދެ ކުޅުންތެރިންނާއި އެމީހުންގެ ސަޕޯޓަރުން ވެސް ނުހަނު އެދޭ ކަމެކެވެ. ޗެމްޕިއަންސް ލީގުގައި ރޭ އަޕޮއެލް އަތުން 3-0 ޗެމްޕިއަން ރެއާލް މެޑްރިޑް މޮޅުވި މެޗުގައި ރޮނާލްޑޯ ވަނީ އަނެއްކާ ވެސް ދެ ކަމެއްގައި ވާދަވެރި މެސީ އަށްވުރެ ކުރިއަށް ޖެހިލާފައެވެ.

އަޕޮއެލް ކޮޅަށް ރެއާލްގެ ފުރަތަމަ ދެ ލަނޑު ޖަހައިދިނީ ދުނިޔޭގެ މޮޅު ކުޅުންތެރިޔާ ރޮނާލްޑޯއެވެ. ފަހު ލަނޑު ޖަހައިދިނީ ކެޕްޓަން ސާޖިއޯ ރާމޯސްއެވެ. ރޮނާލްޑޯގެ ފަހު ލަނޑަކީ ޕެނަލްޓީއަކުން ޖަހައިދިން ލަނޑެކެވެ.

މިއާއެކު އޭނާ ވެފައިވަނީ މުބާރާތުގައި ޕެނަލްޓީތަކުން އެންމެ ގިނަ ގޯލު ޖަހައިދިން ކުޅުންތެރިޔާ އަށެވެ. ޕެނަލްޓީތަކުން ރޮނާލްޑޯ މިހާތަނަށް 12 ގޯލު ޖަހާދީފައިވާއިރު މެސީ ޖަހާފައިވަނީ 11 ގޯލެވެ.

ރޭގެ ދެ ލަނޑާއެކު އަމިއްލަ ދަނޑުގައި އެންމެ ގިނަ ގޯލު ޖެހި ކުޅުންތެރިއަކީ ވެސް ރޮނާލްޑޯއެވެ. ޗެމްޕިއަންސް ލީގުގައި އޭނާ މިހާތަނަށް އަމިއްލަ ދަނޑުގައި 55 ގޯލު ޖަހާފައިވާއިރު މެސީ ޖަހާފައިވަނީ 45 ގޯލެވެ.