ކުޅިވަރު

މާޒިޔާގެ ފުރަތަމަ ބައްޔާއެކު ނިއުއަށް ފުރުޞަތު ބޮޑުވެއްޖެ


އުރީދޫ ދިވެހި ޕްރެމިއާ ލީގުގައި ފުރަތަމަ ފަހަރަށް ޗެމްޕިއަން މާޒިޔާ މިއަދު ބަލިވެއްޖެއެވެ.

ޓޭބަލުގެ ތިން ވަނާގައި އޮތް ޓީސީ އަތުން މާޒިޔާ 1-0 ން ބަލިވުމުން މި ދެ ޓީމު މިހާރު ވަނީ ޕޮއިންޓްގެ ގޮތުން ހަމަހަމަވެފައެވެ.

ވަރަށް އާދައިގެ ކުޅުމެއް ދެ ޓީމުގެ ފަރާތުން ވެސް ފެނިގެންދިޔަ މި މެޗުގައި ފެނިގެންދިޔަ ހަމައެކަނި ލަނޑު ޖެހީ މެޗުގެ ފުރަތަމަ މިނިޓްގައި ޓީސީގެ އިބްރާހީމް ވަހީދު ހަސަންއެވެ.

މި ލަނޑުން ނަތީޖާ ކަނޑައެޅިގެން ދިއުމުން ދެ ޓީމު ވެސް މިހާރު އޮތީ 13 ޕޮއިންޓުން އެއްވަރުވެފައެވެ. ނަމަވެސް ގޯލުގެ ތަފާތުން އެއްވަނަ ލިބެނީ މާޒިޔާ އަށެވެ.

މި ނަތީޖާގެ ފައިދާ އެންމެ ބޮޑަށް ނެގޭނެ ޓީމަކަށް އޮތީ ނިއުރޭޑިއަންޓެވެ. ޓޭބަލުގެ ފުލުގައި އޮތް ދ. ކުޑަހުވަދޫ އަތުން ނިއު މާދަމާ މޮޅުވެއްޖެނަމަ އެ ޓީމަށް ޓޭބަލުގެ އެއްވަނަ ލިބިގެންދާނެއެވެ.

މާޒިޔާ ޓީސީ މެޗުގައި ޓީސީ އަށް ނަތީޖާ ފުޅާކުރަން އެންމެ ހުސް ފުރުސަތެއް ލިބުނީ މެޗުގެ 70 ވަނަ މިނިޓްގައެވެ. ނަމަވެސް ބިދޭސީ މިޑްފީލްޑަރު ހަލީލް ގަމާލް ހުސްކޮށް ހުރެ ފޮނުވާލި ބޯޅަ ދިޔައީ ހުރަސް ދަނޑިމަތިންނެވެ.

މެޗުގެ ނަތީޖާ އަނބުރާލުމަށް މާޒިޔާ އަށް ފުރުސަތު ލިބިގެންދިޔައީ މެޗުގެ އިތުރު ވަގުތުގައެވެ. މުހައްމަދު އުމޭރު ތަނަވަސްކޮށްދިން ފުރުސަތުގައި ކެރިކް އަންދްރޭ ގޯލަށް ޖެހި ބޯޅަ ދިފާއު ކުރީ ޓީސީގެ ނޭޕާލް ކީޕަރު ކިރަން ލިމްބޫއެވެ. އޭގެ އިތުރުކޮޅެއް ފަހުން އުމޭރު ގޯލަށް ޖެހި ބޯޅަ ބޭރަށް ދިޔައީ ހުރަސް ދަނޑިމަތިންނެވެ.

ލީގުގައި މިރޭ ކުޅޭނީ ގްރީން ސްޓްރީޓްސް އާއި އއ. މާޅޮސްއެވެ.