ކުޅިވަރު

އަގުއެރޯ 30 ގޯލު ޖަހަން ކުރީގެ ތަރިން ޗެލެންޖްކޮށްފި


މެންޗެސްޓާ ސިޓީގެ ފޯވަޑް ސާޖިއޯ އަގުއެރޯ މި ސީޒަނުގައި 30 ގޯލު ޖަހަންވާނެ ކަމަށް ބުނެ ކުރީގެ ކުޅުންތެރިން އޭނާ އަށް ޗެލެންޖްކޮށްފިއެވެ.

އިނގިރޭސި ކުރީގެ ކެޕްޓަން އެލަން ޝިއަރާ އާއި މެންޗެސްޓާ ޔުނައިޓެޑުގެ ލެޖެންޑް ގެރީ ނެވިލް އަގުއެރޯ އަށް މި ޗެލެންޖް ދިނީ ފާއިތުވެދިޔަ ފަސް މެޗުގައި އާޖެންޓީނާގެ ފޯވަޑް ފަސް ގޯލު ޖެހުމުންނެވެ. އިނގިރޭސި ޕްރެމިއާ ލީގުގައި ރޭ ވަޓްފޯޑް އަތުން ސިޓީ 6-0 ން މޮޅުވި މެޗުގައި އަގުއެރޯ ވަނީ ހެޓްރިކް ހަދާފައެވެ. މި ތިން ގޯލާއެކު ސިޓީގެ ތާރީހުގައި އެންމެ ގިނަ ގޯލު ޖެހުމުގެ ރެކޯޑް ހެދުމަށް އަގުއެރޯ އަށް ދެން ބޭނުންވަނީ އެންމެ ތިން ގޯލެވެ.

2011 ވަނަ އަހަރު ޓީމާ ގުޅުނު އަގުއެރޯ ރޭގެ މެޗުގައި ޖެހި ތިން ގޯލާއެކު އޭނާގެ ޖުމުލައަކީ 175 ގޯލެވެ. ސިޓީއަށް އެންމެ ގިނަ ގޯލު ޖަހައިދިނުމުގެ ޝަރަފު އޮންނަނީ 1940 ގައި 177 ގޯލު ޖަހައިގެން ރެކޯޑް ހެދި އިނގިރޭސި ފޯވަޑް އެރިކް ބުރޫކް އަށެވެ.

ރޭގެ ހެޓްރިކަކީ ޕްރެމިއާ ލީގުގައި އަގުއެރޯ ހެދި ހަ ވަނަ ހެޓްރިކެވެ. މީގެ ކުރިން މިއަދަދަށް ހެޓްރިކް ހަދާފައިވާ ކުޅުންތެރިންނަކީ ޝިއަރާ އާއި މައިކަލް އޮވެން އަދި ތިއޭރީ އޮންރީއެވެ. މިހެންވެ ޝިއަރާ ބުނީ އަގުއެރޯ އަމާޒުކުރަންވީ 30 ގޯލު ޖަހަން ކަމަށާއި ފާއިތުވެދިޔަ ހަތަރު ސީޒަނުގައި 20 ގޯލަށްވުރެ ގިނައިން ލަނޑުޖެހި ކުޅުންތެރިޔާ އާ އަމާޒަކަށް ވާސިލްވަން ޖެހިފައިވާ ކަމަށެވެ. ޕްރެމިއާ ލީގުގައި އެންމެ ފަހުން 30 ގޯލު ޖެހީ ފޯވަޑަކީ ލިވަޕޫލްގެ ކުރީގެ ފޯވަޑް ލުއިސް ސުއަރޭޒްއެވެ.

ސިޓިގެ ކޯޗު ޕެޕް ގާޑިއޯލާ މެޗަށް ފަހު ބުނީ އަގުއެރޯ އަކީ އެކުލަބުގެ ލެޖެންޑެއް ކަމަށާއި ވަރަށް އަވަހަށް އާ ރެކޯޑަކާއެކު އުފާފާޅު ކުރުމުގެ ފުރުސަތު އަގުއެރޯ އާއި މުޅި ޓީމަށް ލިބިގެންދާނެ ކަމަށެވެ.