ކުޅިވަރު

ކޮންޓޭގެ ހިތްހަމަ ނުޖެހުން ރެފްރީންނަށް!


އާސެނަލްއާ ދެކޮޅަށް ކުޅެ ލަނޑެއް ނުޖެހި ރޭ ޗެލްސީ އެއްވަރުވި މެޗުގައި ޑޭވިޑް ލުއިޒަށް ރަތްކާޑު ދައްކާ ދަނޑުން ފޮނުވާލި ނަމަވެސް ޓީމުގެ ޑިސިޕްލިން ދިފާއުކޮށް ޗެލްސީގެ ކޯޗު އެންޓޯނިއޯ ކޮންޓޭ ރެފްރީންނަށް ހިތްހަމަނުޖެހުން ފާޅުކޮށްފިއެވެ.

މެޗަށް ފަހު އޭނާ ބުނީ ޕްރެމިއާރ ލީގުގައި ރޭގެ މެޗަކީ އޭނާގެ ޓީމު 10 ކުޅުންތެރިންނާއެކު ޖެހިޖެހިގެން މެޗެއް ނިންމާލަން ޖެހުނު ތިން ވަނަ ފަހަރު ކަމަށާއި މިއީ ރެފްރީންގެ މައްސަލައެއް ކަމަށެވެ.

ކޮންޓޭ ބުނީ ރެފްރީންނަށް އޭނާގެ ހިތުގައި ވަރަށް މަތިވެރު އިޙްތިރާމެއް އެބައޮތް ކަމަށާއި ނަމަވެސް ރެފްރީންގެ ނިންމުންތަކާމެދު އެންމެންވެސް ވިސްނާލަންޖެހޭ ކަމަށެވެ. އަދި ޖެހިޖެހިގެން ތިން މެޗުގައި ޗެލްސީގެ ކުޅުންތެރިނަށް ރަތްކާޑު ދެއްކުމުން އެކަމާ ސުވާލު ކުރެވިދާނެ ކަމަށެވެ.

ކޮންޓޭ ބުނީ އާސެނަލް މެޗަކީ އަބަދުވެސް އުނދަގޫ މެޗެއް ކަމަށާއި މޮޅުނުވެވުނު ނަމަވެސް މެޗުގައި ޗެލްސީން ރަނގަޅު ކުޅުމެއް ދެއްކި ކަމަށެވެ. މި މެޗަކީ ފާއިތުވެދިޔަ 27 މެޗުގެ ތެރެއިން އޭނާގެ ކޯޗުކަމުގައި ޗެލްސީ އަށް ލަނޑެއް ނުޖެހި ނިންމާލަން ޖެހުނު ފުރަތަމަ މެޗެވެ.

އާސެނަލްގެ ކޯޗު އާސެން ވެންގާ ބުނީ މެޗުގައި މުޅި ޓީމުގެ ކުޅުން ވަރަށް ރަނގަޅު ކަމަށާއި ކުޅުންތެރިންގެ ގުޅުން ވެސް ރަނގަޅު ކަމަށެވެ. 

ވެންގާ ވަނީ މި މެޗާއި ލީގުގައި ލިވަޕޫލް އަތުން 5-0 ން އާސެނަލް ބަލިވި މެޗުގެ ތަފާތު ވެސް ކިޔާދީފައެވެ. އޭނާ ބުނީ ލިވަޕޫލް އަތުން ބަލިވީ ޓްރާންސްފާރ މާކެޓުގެ ދުވަސްވަރު ކަމަށްވުމުން އެއިރު ކުލަބު ބަދަލު ކުރަން ބޭނުންވެފައި ތިބި ކުޅުންތެރިންނަށް އެންމެ ރަނގަޅަށް ނުކުޅެވުނުކަމަށެވެ. ނަމަވެސް ޓްރާންސްފާ މާކެޓް ބަންދުވުމުން އެ ހުރިހާ ކުޅުންތެރިންގެ ފަރާތުން ވެސް ރޭގެ މެޗުގައި ފެނިގެންދިޔައީ ސާބަސް ހައްގު ކުޅުމެއް ކަމަށެވެ.