ދުނިޔެ

"ފިޔަވަޅު އެޅިވަރަކަށް ނިއުކްލިއަރ ޕްރޮގްރާމް ހަލުވި ކުރާނަން"


އުތުރު ކޮރެއާއާ ދެކޮޅަށް ދަތިކުރުމުގެ ފިޔަވަޅުތައް އަޅާ ވަރަކަށް ނިއުކްލިޔަރ މަޝްރޫޢު ހަލުވި ކުރާނެ ކަމަށް ބުނެ އުތުރު ކޮރެއާއިން އިންޒާރު ދީފިއެވެ. 

އުތުރު ކޮރެއާގެ ޚާރިޖިއްޔާއިން ނެރުނު ބަޔާނެއްގައި ބުނެފައިވަނީ ސެޕްޓެމްބަރު މަހުގެ 11 ވަނަ ދުވަހު އދގެ ސަލާމަތީ މަޖިލީހުން އުތުރު ކޮރެއާއާ ދެކޮޅަށް ފާސްކޮށްފައިވާ ދަތިކުރުމުގެ ފިޔަވަޅުތަކަކީ އުތުރު ކޮރެއާގެ ރައްޔިތުންނާ ސަރުކާރާ ދިރިއުޅުމުގެ ނިޒާމް މުޅިން ނައްތާލުމުގެ މަޤްސަދުގައި އދގެ ސަލާމަތީ މަޖިލީހުން އަޅާފައިވާ ފިޔަވަޅުތަކެއް ކަމަށެވެ. އަދި އެމެރިކާއާ އެމެރިކާއަށް ތާޢިދުކުރާ ގައުމުތަކުން އުތުރު ކޮރެއާއާ ދެކޮޅަށް ފިޔަވަޅުތައް އަޅާ ވަރަކަށް އުތުރު ކޮރެއާއިން އެގައުމުގެ ނިއުކްލިޔަރ ޕްރޮގްރާމް އެންމެ ފުރިހަމަ ކުރުމަށް މަސައްކަތްތައް ކުރާނެ ކަމަށް ވެސް އުތުރު ކޮރެއާގެ ޚާރިޖިއްޔާގެ ބަޔާނުގައި ވަނީ ބުނެފައެވެ.

އުތުރު ކޮރެއާއިން މިހެން ބުނެފައިވަނީ އުތުރު ކޮރެއާގެ ޢަމަލުތައް ހުއްޓުވުމަށް އދގެ ސަލާމަތީ މަޖިލިސް ނާކާމިޔާބުބެފައިވާ ކަމަށާ ދެން އެމެރިކާއިން މިކަމުގައި އެނބުރޭނީ އެގައުމުގެ ދިފާޢީ މަރުކަޒު ޕެންޓަގަން އަށް ކަމަށް އެމެރިކާއިން އދއަށް ކަނޑައަޅުއްވާގފައި ހުންނަވާ ސަފީރު ނިކީ ހެއިލީ ވިދާޅުވެފައި ވަނިކޮށެވެ. 

އެމެރިކާގެ ސަފީރު ވިދާޅުވީ، އުތުރު ކޮރެއާގެ މައްސަލައިގައި އެކި އެކި ހައްލު ހޯދުމަށް އެމެރިކާއިން މަސައްކަތް ކުރަމުންދާ ކަމަށާ މިކަމުގައި އަސްކަރީ ފިޔަވަޅުތައް އެޅުމަކީ ވެސް އެމެރިކާއިން ގެންގުޅޭ ވިސްނުމެއް ކަމަށެވެ.

އދގެ ސަލާމަތީ މަޖިލީހުން ވޭތުވެދިޔަ ދެ މަސް ދުވަހުގެ ތެރޭގައި ދެ ފަހަރެއްގެ މަތިން އުތުރު ކޮރެއާއާ ދެކޮޅަށް ދަތިކުރުމުގެ ފިޔަވަޅުތައް އެޅި އިރު އެގައުމުން އޭގެ ފަހުން ވަނީ ނިއުކްލިޔަރ ޓެސްޓަކާ ބެލެސްޓިކް ދެ މިސައިލް އުދުއްސާލާފައެވެ. މީގެ ތެރެއިން އެގައުމުން ކުރި ނިއުކްލިޔަރ ޓެސްޓަކީ މިހާތަނަށް އެގައުމުން ކުރި އެންމެ ވަރުގަދަ ނިއުކްލިޔަރ ޓެސްޓް ކަމަށް ދެކުނު ކޮރެއާއާ ޖަޕާނުގެ ސައިންސްވެރިން އިއްތިފާޤުވެއެވެ. އަނެއްކޮޅުން، ދަތިކުރުމުގެ ފިޔަވަޅުތަކަށް ފަހު އުތުރު ކޮރެއާއިން އުދުއްސާލި ދެ ބެލެސްޓިކް މިސައިލް ވެސް އުދުއްސާލާފައި ވަނީ ޖަޕާނުގެ ސަރަހައްދުގެ މަތިންނެވެ.