ދުނިޔެ

ރޮހިންޔާ މުސްލިމުންނަށް ދޭ އަނިޔާތައް ހުއްޓުވަންޖެހޭ- އެމެރިކާ


އެމެރިކާގެ ރައީސް ޑޮނާލްޑް ޓްރަމްޕް ބޭނުންފުޅުވަނީ މިޔަންމާގެ ރަކާން ސްޓޭޓްގައި އެގައުމުގެ ބައިމަދު ރޮހިންޔާ މުސްލިމުންނާ ދެކޮޅަށް ހިންގަމުންދާ ޖަރީމާތައް ހުއްޓުވުމަށް އދގެ ސަލާމަތީ މަޖިލީހުން މިހާރުން މިހާރަށް ފިޔަވަޅުތައް އެޅުމަށް ކަމަށް އެމެރިކާގެ ނަޢިބު ރައީސް މައިކް ޕެންސް ވިދާޅުވެއްޖެއެވެ.

އދގެ ސުލްޙަ ބަލަހައްޓާ ފައުޖުތަކާ ބެހޭ ގޮތުން އދގެ ސަލާމަތީ މަޖިލީހުގައި ވާހަކަދައްކަވަމުން އެމެރިކާގެ ނަޢިބު ރައީސް ޕެންސް ވިދާޅުވީ، މިޔަންމާގެ ފުލުހުންގެ ޕޯސްޓްތަކަށް އެގަައުމުގެ ހަނގުރާމަވެރިންގެ ޖަމާޢަތަކުން ދިން ހަމަލާގެ ރައްދުގައި މިޔަންމާގެ އަސްކަރިއްޔާއިން އެގައުމުގެ ރޮހިންޔާ މުސްލިމުންނާ ދެކޮޅަށް ލާއިންސާނީ ޖަރީމާތައް ހިންގަމުންދާކަމަށެވެ. މިގޮތުން ރޮހިންޔާ މުސްލިމުންގެ ގެތައް އަންދާ އެމީހުން އަވަށްޓެރި ބަންގްލަދޭޝްއަށް ފަސްސަމުންދާ ކަމަށް ވެސް ޕެންސް ވިދާޅުވިއެވެ.

އެމެރިކާގެ ނަޢިބު ރައީސް ވަނީ ރޮހިންޔާ މުސްލިމުންނާ ދެކޮޅަށް ހިންގަމުންދާ ޖަރީމާތައް ހުއްޓުމަކަށް ގެނައުމަށް މިޔަންމާގެ އަސްކަރިއްޔާއަށް ގޮވާލައްވާފައެވެ. އަދި މިޔަންމާގައި އުޅެމުންދާ ރޮހިންޔާ މުސްލިމުންނަށް ސިޔާސީ ހެއްލެއް ހޯދުމަށް މަސައްކަތްތައް ކުރުމަށް މިޔަންމާގެ ސަރުކާރަށް ގޮވާލައްވާ ކަމަށް ވެސް އެމެރިކާގެ ނަޢިބު ރައީސް ވިދާޅުވިއެވެ.

މިޔަންމާގެ ރޮހިންޔާ މުސްލިމުންނާ ދެކޮޅަށް ހިންގަމުންދާ ޖަރީމާތައް ހުއްޓުމަކަަށް ގެނައުމުގައި މިޔަންމާގެ ސަރުކާރުން ނުކުޅެދިފައި ވާތީ އެގައުމަށް ވަނީ ބައިނަލްއަޤްވާމީ ދުނިޔޭގެ ފާޑުކިއުންތައް އަމާޒުވެފައެވެ.

މި ޖަރީމާތަކުގެ ސަބަބުން 421 ހާސް މީހުން ވަނީ މިޔަންމާ ދޫކޮށް އަވަށްޓެރި ބަންގްލަދޭޝްއަށް ހިޖުރަކޮށްފައެވެ.