ރޮހިންޔާ ރެފިއުޖީން ބަންގްލަދޭޝްގެ ސަރަހައްދީ ރޮނގުގެ ކައިރީގައި އުޅެމުންގެންދާ ބިކަ ހާލަތު ސިފަކޮށް ދެމުން އިންސާނީ އެހީގެ ދާއިރާގައި މަސައްކަތްކުރާ ޖަމްއިއްޔާއެއް ކަމަށްވާ "ޑޮކްޓާސް ވިތައުޓް ބޯޑާސް" އިން ބުނީ ރޮހިންގްޔާ މުސްލިމުން ސިއްޙީ ބޮޑު ކާރިސާއަކާ ކުރިމަތިލާން ޖެހިފައިވާކަމަށެވެ.
އެޖަމްއިއްޔާގެ ވިލަރެސް ވެރިޔާ ރޮބަޓް އޯނޮސް ވިދާޅުވީ ރޮހިންޔާ މުސްލިމުންގެ ޖަމާވެފައިވާ ސަރަހައްދުގައި ފަޚާނާގެ ނިޒާމާއި ކުނި ނައްތާލުމުގެ ނިޒާމެއް ނެތްކަމަށެވެ. އަދި ސާފުބޯފެނާއި އެކަށީގެންވާ ކާނާއާއި ބޭސް ފަރުވާ އެ ސަރަހައްދުން ލިބެން ނެތުމުން ރޮހިންޔާ ރެފިއުޖީންގެ ތެރޭގައި ކޮލެރާއާއި ހިމަބިހި ފެތުރުގެ ބިރު ވަރަށް ބޮޑު ކަމަށެވެ. މިހާރުވެސް އެކިބާވަތުގެ ހުމާއި ރޯގާތައް ރޮހިންޔާއިންގެ ތެރޭގައި ފެތުރެމުންދާ ކަމަށާ އެރޯގާތަކުގައި ރޮހިންޔާއިންގެ ކުޑަކުދިން މަރުވަމުންދާކަމަށް އޯނޮސް ވިދާޅުވިއެވެ.
"ޑޮކްޓާސް ވިތައުޓް ބޯޑާސް" ޖަމްއިއްޔާގެ އެހެން މަސްއޫލުވެރިއެއް ކަމަށްވާ ކޭޓް ވައިޓް ވިދާޅުވީ އެއްފަހަރާ ހަތަރު ލައްކައެއްހާ މީހުންނަށް އިންސާނީ އެހީގެ ޚިދްމަތްތައް ދިނުމަށް ބޭނުންވާ ވަސީލަތްތައް ރޮހިނގްޔާއިން ތިބޭ ސަރަހައްދުގައާއި ރެފިއުޖީ ފޭލިގެތަކުގައި ނެތްކަމަށެވެ. އަދި ވާރޭވެހި ފޭލިގެތަކުގައި ފެންބޮޑުވެ ޗަކައާއި މަޑު ހެދިފައިވުމަކީވެސް ބަލިތައް ފެތުރުމަށް މަގުފަހިވެފައިވާ ކަމެއްކަމަށްވެސް އެނާ ވިދާޅުވިއެވެ. މީގެއިތުރުން މިހާ ގިނަ އަދަދެއްގެ މީހުންނަށް ކާބޯތަކެއްޗާއި ބޭހާއި ސާފުތާހިރުވުމަށް ބޭނުންކުރާ ތަކެއްޗާއި އަންނައުނު ފޯރުކޮށްދޭ ވަރަށް އިންސާނީ އެހީގެ ތަކެތި ނުލިބުމަކީވެސް ބޮޑުމައްސަލައެއްކަމަށް ކޭޓް ވައިޓް ވިދާޅުވިއެވެ.
މިޔަންމާ ސިފައިން ހިންގާ ގަތްލު އާންމުތަކުން ސަލާމަތް ވުމަށްޓަކައި އަވަށްޓެރި ބަންގްލަދޭޝްގެ ސަރަހައްދީ ރޮނގުގެ ކައިރިއަށް ޖަމާވެފައިވާ ރޮހިންގްޔާ މުސްލިމް ރެފިއުޖީންގެ އަދަދު ހަތަރު ލައްކައަށް އަރާކަމަށް އދ. ން ބުނެއެވެ. މިހާރުވެސް ދުވާލެއްގެ މައްޗަށް އެވްރެޖްކޮށް ދިހަ ވަރަކަށް ހާސް ރޮހިންޔާ ރެފިއުޖީން އެމީހުންގެ އަމިއްލަ ވަޒަން ދޫކޮށް ވަރަށް ދަތި ހާލުގައި ފައިމަގުގައި ބަންގްލަދޭޝްގެ ސަރަހައްދީ ރޮނގުގެ ކައިރިއަށް އަންނަމުންދާކަމަށް އދ. ން ބުނެއެވެ.
ރޮހިންޔާ މުސްލިމުންގެ ނަސްލު ނައްތާލުމަށްޓަކައި މިޔަންމާ ސަރުކާރުން ހިންގާ ގަތްލު އާންމުތަކުގައި އަންހެނުންނާއި ކުޑަކުދިންނާއި އުމުރުން ދުވަސްވީމީހުން ކަތިލެވެމުން ދިޔަނަމަވެސް އެކަން ހުއްޓުވުމަށް ބައިނަލްއަގްވާމީ މުޖްތަމައުން މިޔަންމާގެ ހަރުކަށި ވެރިންނާ ދެކޮޅަށް ފިއްތުންތައް ކުރިމަތި ކުރާތަން ނުފެނުމަކީ ހިތާމަ ހުރި ކަމެއްކަމަށް އިންސާނީ ހައްގުތަކަށް މަސައްކަތްކުރާ ފަރާތްތަކުން ބުނެއެވެ.