ކުޅިވަރު

އަމިއްލަ ޖާރޒީ ވީދާލައި ސުއަރޭޒް ދަނޑުން ފައިބައިފި


ސްޕެނިޝް ލީގުގައި ލަސް ޕަލްމާސް އަތުން ބާސެލޯނާ ރޭ 3-0 އިން މޮޅުވި މެޗުގައި އެ ޓީމުގެ ފޯވަޑް ލުއިސް ސުއަރޭޒް އަމިއްލަ ޖާރޒީ ވީދާލައި މެޗު ދޫކޮށް ހިނގައްޖެއެވެ.

އުރުގުއޭގެ ފޯވަޑް ޖާރޒީ ވީދާލައި މެޗާ ވަކިވެ ޗޭންޖިންގ ރޫމަށް ދިޔައީ އިތުރު ވަގުތުގެ 2 މިނިޓްގެ ތެރެެއިން ފުރަތަމަ މިނިޓްގައި ނަތީޖާ 4-0 އަށް ބަދަލުކޮށްލަން ލިބުނު ފުރުސަތު އޭނާ އަތުން ބޭކާރުވުމުންނެވެ.

ބާސެލޯނާގެ އެހެން ކުޅުންތެރިން މެޗު ފުރިހަމަ ކުރަން ތިއްބައި ސުއަރޭޒް ޖާޒީ ވީދާލައި ޗޭންޖިން ރޫމަށް ދިއުމާ ބެހޭ ގޮތުން ކޯޗު އާނެސްޓޯ ވަލްވާޑޭ ބުނީ ކޮންމެ ކުޅުންތެރިއަކަށް ވެސް އުނދަގޫ ވަގުތު އަންނާނެ ކަމަށެވެ. އަދި މިއީ ސުއަރޭޒްގެ ހަޔާތުގައި އޭނާ އެންމެ ފޯމުދަށްކޮށް ހުރި ވަގުތު ކަމަށާއި އެކަމާހެދި އޭނާ މާޔޫސްވީ ކަމަށެވެ. 

ލަނޑު ނުޖެހޭނަމަ ކޮންމެ ފޯވަޑަކަށް ވެސް މިފަދަ ކަންތައްތައް ކުރިމަތިވާނެ ކަމަށާއި ބާސެލޯނާގެ ހުރިހާ ކުޅުންތެރިން ދަނީ ސުއަރޭޒް ކުރީގެ ފޯމަށް އައުމަށް އެހީތެރިވަމުން ކަމަށް ވެސް ކޯޗު ވަނީ ބުނެފައެވެ.

ލިވަޕޫލުން މީގެ ތިން އަހަރު ކުރިން ބާސެލޯނާ އަށް ބަދަލުވި ސުއަރޭޒަށް މި ސީޒަނުގައި މިހާތަނަށް ޖެހުނީ އަދި އެންމެ ލަނޑެކެވެ. ނަމަވެސް ރޭގެ މެޗުގައި ވެސް އޭނާ ވަނީ ލަޔޮނަލް މެސީ ލަނޑު ޖަހަން ފުރުސަތެއް ތަނަވަސްކޮށްދީފައެވެ. 

ސުއަރޭޒަކީ އެންމެ ފަހުން އިނގިރޭސި ޕްރެމިއާ ލީގުގައި 30 ގޯލު ޖެހި ކުޅުންތެރިޔާއެވެ. އޭނާ އެ ލީގު ދޫކޮށްދިޔަތާ ހަތަރު އަހަރު ފުރޭއިރު އަދި ވެސް މި ރެކޯޑަށް ނިމުން ގެނެވިފައެއްނުވެއެވެ.