އުރީދޫ ދިވެހި ޕްރެމިއަރ ލީގުގައި ވާދަކުރާ ގދ. ގިނަދޫ ޓީމުގެ ކޯޗަކަށް ތަޖުރިބާކާރު ކޯޗު އަލީ ސުޒޭން ހަމަޖައްސައިފި އެވެ.
މިދިޔަ ތިން އަހަރު މާޒިޔާ އަށް ކޯޗުކޮށްދިނުމަށްފަހު ސުޒޭން މި އަހަރު ކުރީކޮޅު ފެނިގެންދިޔައީ އޭނާގެ ކުރީގެ ކުލަބު ވިކްޓަރީގެ ކޯޗުގެ ގޮތުގަ އެވެ. ނަމަވެސް ޕްރެމިއަރ ލީގަށް ވިކްޓަރީ ކޮލިފައިނުވުމުން ރާއްޖޭގައި މިވަގުތު ހުރި އެންމެ ކާމިޔާބު ކޯޗު މިހާތަނަށް ހުރީ ހުސްކޮށެވެ.
ތިނަދޫގެ ކޯޗަކަށް ސުޒޭން މިގެނައީ އެ ޓީމުގައި މިހާތަނަށް ހުރި ސްޕޭނުގެ ކޯޗު ހުއާން މެނުއަލް މާޓިނޭޒް މެނޭޖްމަންޓަށް ފާޑުކިއުމުން އޭނާ މަޤާމުން ވަކިކުރުމަށްފަހު އެވެ.
ވިކްޓަރީ އާއި އީގަލްސްގެ ގިނަ ކުޅުންތެރިންތަކަކާއެކު ޕްރެމިއަރ ލީގުގައި ވާދަކުރާ ތިނަދޫ ޓީމު މިވަގުތު އޮތީ 10 ޕޮއިންޓާއެކު ލީގުގެ ފަސް ވަނާގަ އެވެ. ލީގުގެ ފަހު ބުރަށް ސުޒޭނާއެކު ނުކުންނައިރު ތިނަދޫގެ އަމާޒަކީ ގަދަ ހަތަރު ޓީމުގެ ތެރޭގައި ހިމެނި ޤައުމީ މުބާރާތުން ޖާގަ ހޯދުމެވެ.