ރާއްޖެއިން ބޭރުން ބޭސްފަރުވާކުރުމަށް ދިން މުއްދަތު ހަމަވުމުންވެސް ރާއްޖެ އައިސްފައިނުވާތީ ޤާސިމް އިބްރާހިމް ހޯދައިގެން ރާއްޖެ ގެނެސްދިނުމަށް ކަރެކްޝަނަލް ސަރވިސަސްއިން އެދިފައިވާކަމަށް މޯލްޑިވްސް ޕޮލިސް ސަރވިސަސް އިން ބުނެފިއެވެ.
ޤާސިމް ހޯދުމަށް ފުލުހުންގެ ކިބައިން ކަރެކްޝަނަލް ސަރވިސްއިން އެދިފައި މިވަނީ އެނާއަށް ބޭސްފަރުވާކުރުމަށް ތިން ފަހަރެއްގެ މަތިން މުއްދަތު އިތުރުކޮށްދިނުމަށްފަހުގައެވެ. ޤާސިމްގެ ބޭސްފަރުވާއަށް ކަރެކްޝަނުން އެންމެ ފަހުން އިތުރުކޮށްދިން މުއްދަތު ހަމަވެފައިވަނީ މިމަހުގެ ދެވަނަ ދުވަހުއެވެ.
ޤާސިމްގެ ބޭސް ފަރުވާއަށް އެންމެ ފުރަތަމަ ކަރެކްޝަނުން ދީފައިވަނީ 10 ދުވަހުގެ މުއްދަތެކެވެ. ނަމަވެސް އެ މުއްދަތު ހަމަވި ފަހުން ދެ ފަހަރެއްގެ މަތިން މުއްދަތު އިތުރުކޮށްދީފައިވޭ.
އެ މުއްދަތު ހަމަވިއިރުވެސް ޤާސިމް ރާއްޖެ އައިސްފައި ނުވާތީ އޭނާ އުޅެނީ ފިލައިގެންކަމަށް ބަލާކަމަށް ކަރެކްޝަނުން ވަނީ ބުނެފައެވެ.
ފުލުހުން ބުނީ ޤާސިމް ރާއްޖެ ގެނައުމަށް ކަރެކްޝަނުން އެދިފައިވާތީ އެ މަސައްކަތް ކުރަމުން އަންނަކަމަށެވެ.
ބޭސްފަރުވާއަށް ރާއްޖެއިން ބޭރަށް ދިޔުމަށްފަހު ޤާސިމްވަނީ ހިތުގެ އޮޕަރޭޝަނެއްކޮށްފައެވެ. އަދި ކަރެކްޝަނުން ދިން މުއްދަތު ހަމަވުމުން މާލެ އައުމަށް އެއަރޕޯޓަށް ދިޔުމުން ޤާސިމް ޕްލައިޓަށް އަރުވާފައިނުވާކަމަށް އެނާގެ ޤާނޫނީ ޓީމުން ވަނީ ބުނެފައެވެ.
ރައްޔިތުންގެ މަޖިލީހުގެ މެމްބަރުންނަށް ރިޝަވަތު ދިންކަމުގެ ކުށް ސާބިތުވެ ޤާސިމްގެ މައްޗަށް ވަނީ ތިން އަހަރާއި ދެ މަހާއި ބާރަދުވަހުގެ ޖަލު ހުކުމެއް އިއްވާފައެވެ.