2022 ވަނަ އަހަރު ޤަތަރުގައި ބާއްވަން ހަމަޖައްސާފައިވާ ވޯލްޑް ކަޕް ފުޓްބޯޅަ މުބާރާތް ނުބޭއްވިދާނެ ކަމުގެ ބިރު ބޮޑުވާން ފަށައިފި އެވެ.
ޤަތަރަށް ވޯލްޑް ބާއްވަން ފުރުސަތުދީފައިވަނީ ފީފާގެ ކުރީގެ ރައީސް ސެޕް ބްލެޓާ އެވެ. އޭނާ އަކީ ކޮރަޕްޝަނުގެ ތުހުމަތު ސާބިތުވެ ހަތަރު އަހަރަށް ފުޓްބޯޅައިން ސަސްޕެންޑްކޮށްފައިވާ މީހެކެވެ. އެތަކެއް ބޮޑެތި ކޮރަޕްޝަން ހިމެނޭ ގޮތަށް ޤަތަރަށް ވޯލްޑް ކަޕް އެވޯޑްކުރިކަން ފީފާގެ ފަހުގެ ތަހުގީގުތަކުން ސާބިތުވަމުން އަންނައިރު މިހާރު އުފެދިފައިވަނީ އެއަށްވުރެ ނާޒުކު ކަންބޮޑުވުންތަކެކެވެ.
ދުނިޔޭގެ އެންމެ ބޮޑު ފުޓްބޯޅަ މުބާރާތް ގަތަރުގައި ބޭއްވިދާނެ ކަމާމެދު އެންމެ ގިނަ ސުވާލުތަކެއް އުފެދެން ފެށީ ކޮރަޕްޝަނާއި ފަސާދައަށް ހިތްވަރުދޭތީވެ ޤަތަރާއިދެކޮޅަށް އަވައްޓެރި ޤައުމުތަކުން އަޅާފައިވާ ދަތިކުރުމުގެ ފިޔަވަޅުތަކާހެދި އެވެ. ޓެރަރިޒަމަށް ހިތްވަރުދޭ ކަމަށް ބުނެ ސައޫދީ އަރަބިއާ އާއި މިޞްރާއި ޔޫއޭއީ އާއި ބަހުރޭނުން ވަނީ އެގައުމުތަކަށް ނުވަދެވޭ ގޮތަށް ޤަތަރަށް ބޯޑަރުތައް ބަންދުކޮށްފަ އެވެ.
މީގެ ސަބަބުން ވޯލްޑް ކަޕަށް އެންމެ ބޮޑަށް ހުރަސް އެޅެމުންދަނީ އިމާރާތް ކުރުމުގެ ދާއިރާއިންނެވެ. ޤަތަރުގައި ވޯލްޑް ކަޕް ޕްރޮޖެކްޓް ހިންގާ މައި ފަސް ކުންފުނިން ވެސް ބީބީސީ އަށް ދީފައިވާ އިންޓަވިއުގައި ބުނެފައިވަނީ އަންދާޒާ ކުރިވަރަށްވުރެ މާބޮޑަށް ވެސް މިހާރު ޚަރަދު މަތިވަމުންދާ ކަމަށެވެ. މިތަކެތި ގަތުމާއި ޤަތަރަށް އެތެރެކުރުމުގެ ލޮޖިސްޓިކްސްގެ ޖުމްލަ ޚަރަދު 20 ޕަސެންޓާއި 25 ޕަސެންޓާ ދެމެދުގެ އަދަދަށް މިހާރު ވަނީ އިތުރުވެފަ އެވެ.
ޚަރަދު ބޮޑުވުން ނުހަނުބޮޑު ގޮންޖެހުމަކަށްވާއިރު ޤަތަރު ސަރުކާރުން ބުނަމުންދަނީ ވޯލްޑް ކަޕަށް އެއްވެސް ހުރަހެއްނެތް ކަމަށާއި ވޯލްޑް ކަޕަށް ހުރިހާ އިންތިޒާމެއް ބަރާބަރަށް ނިންމާލެވޭނެ ކަމަށެވެ. ނަމަވެސް ސަބްކޮންޓްރެކްޓަރުންނަށް ޕްރޮޖެކްޓް ދިނުމުގައި ޤަވާއިދާ ޚިލާފުވުން އިތުރުވުމާއި އުސޫލުތަކުގެ ބޭރުން ބިދޭސީން ލައްވައި މަސައްކަތް ކުރުވުމާއި ޓެރަރިޒަމްގެ ބިރު އިތުރުވަމުން އައުމަކީ ޤަތަރާމެދު ދުނިޔޭގެ ފުޓްބޯޅަ ޖަމިއްޔާ ފީފާއިން ކަންބޮޑުވަމުން އަންނަ މައްސަލަތަކެވެ.
މީގެ އިތުރުން ޤަތަރުގައި ކުޅޭ މެޗުތައް ދުނިޔެއަށް ދެއްކިދާނެ ކަމާމެދު ވެސް ފީފާއިން މިހާރު ވަނީ ސުވާލު އުފައްދަން ފަށާފަ އެވެ. ވޯލްޑް ކަޕް ދުރަށް ދައްކާނެ މައިގަނޑު ބްރޯޑްކާސްޓަރަކީ ޤަތަރުގެ ބެއިން ސްޕޯޓްސް އެވެ. މިކުންފުނީގެ މައި އޮޕަރޭޝަންސް ކުރިއަށް ދަނީ ޤަތަރާއެކު ސިޔާސީ ގުޅުން ކަނޑާލާފައިވާ ޔޫއޭއީގަ އެވެ. މި ކުންފުންޏަށް އެމީހުންގެ އާލާތްތަކާއެކު ވޯލްޑް ކަޕް ދައްކަން ޤަތަރަށް އެތެރެވެވިދާނެތޯ ވެސް މިހާރު ވަނީ ސުވާލު އުފެދިފަ އެވެ. މިފަދަ ކަމެއް ދިމާވެއްޖެނަމަ ބްރޯޑްކާސްޓަރުން ބަދަލުކުރުމަކީ އޭގެ ސަބަބުން ފީފާ އަށް ބޮޑު ގެއްލުންތަކެއް ކުރިމަތިވެދާނެ ކަމެއް ކަމަށްވާތީވެ ޤަތަރުގެ ވޯލްޑް ކަޕް އޮތީ ވަރަށް ބޮޑު ސުވާލުމާކެއްގަ އެވެ.
އާއްމުކޮށް ވޯލްޑް ކަޕް ބާއްވަނީ ޖޫން ޖުލައިގައި ކަމަށްވި ނަމަވެސް ފީފާއިން މިފަހުން ނިންމާފައިވަނީ ޤަތަރު ވޯލްޑް ކަޕް ޑިސެމްބަރު މަހު ބޭއްވުމަށެވެ. އެއީ ޖޫން ޖުލައި ގަތަރުގެ ހޫނުމިން 50 ޑިގްރީ އަށް އަރާތީވެ މިއީ އިންސާނުން ފުޓްބޯޅަ ކުޅެން އެކަށީގެންވާ ފިނިހޫނުމިނަކަށްނުވާތީވެ އެވެ. ޔޫރަޕުގެ ގައުމުތަކުން މިކަމާ ކަންބޮޑުވުމުން ޑިސެމްބަރުގައި މުބާރާތް ބާއްވަނީ ފިނިމޫސުމާ ދިމާކޮށެވެ. މިއީ ވެސް ޤަތަރުގެ ޚަރަދުތައް އެތައްގުނައަކަށް ބޮޑުވަމުންދާ ސަބަބެވެ. މިފަދަ އެތައް ސަބަބުތަކާހުރި އިރު އެންމެ ބޮޑު މައްސަލައަކީ ގަތަރާއި ގުޅިފައިވާ ޓެރަރިޒަމަށް ވާގިވެރިވުމުގެ ތުހުމަތުތަކެވެ.