ތަރައްްޤީ

ބްރިޖު ސަރަޙައްދަށް ވަންނަ އުޅަނދުތަކަށް ފިޔަވަޅު އަޅަނީ


މާލެއާއި ހުޅުލެ ގުޅުވައިދޭ ބްރިޖްގެ މަސައްކަތް ފެށުމާއެކު އެ ސަރަހައްދަށް އެއްވެސް ބާވަތެއްގެ ކަނޑުގެ އުޅަނދުތައް ވަނުން ވަނީ މަނާކޮށްފައެވެ. އެގޮތުން ހުޅުލެއާއި މާލެއާ ދެމެދު އޮންނަ ކަނޑުއޮޅި ނުވަތަ ގާދޫ ކޮލުން އެއްވެސް އުޅަނދެސް ދަތުރުކުރުން މަނާކަން އަންގާ އެކަންވަނީ ޓްރާންސްޕޯރޓް އޮތޯރިޓީން އިއުލާންކޮށްފައެވެ. އަދި އެ ސަރަޙައްދު ފާހަގަވާނޭ ގޮތަށް ކަނޑުގައި ވަނީ ބޮއި ހަރުކޮށްފައެވެ.  

ހައުސިންގ މިނިސްޓްރީން ބުނީ އެ ސަރަހައްދުން ދުވާ އުޅަނދުތައް ވަނުން މަނާކޮށްފައިވީނަމަވެސް ބައެއް އުޅަނދުތައް އެ ސަރަހައްދު ބޭނުންކުރަމުންދާކަން ފާހަގަކުރެވިފައިވާކަމަށް އެމިނިސްޓްރީން ވިދާޅުވެއެވެ. އަދި އެކަމުގެ ސަބަބުން ބްރިޖްގެ މަސައްކަތަށް ބުރޫ އަރަމުންދާކަމަށާއި އެ ސަރައްހައްދު ބޭނުންކުރުމަކީ ނުރައްކާތެރިކަމެއްކަމަށްވެސް ހައުސިންގ މިނިސްޓްރީން ބުނެއެވެ. ބްރިޖްގެ މަސައްކަތް ހިނގަމުންދާ ސަރަހައްދަށް އެއްވެސް އުޅަނދެއް ނުވަނުންމަށް ހައުސިންގ މިނިސްޓްރީން އިލްތިމާސްކުރެއެވެ. އަދި އެ ސަރަހައްދަށް ހުއްދަނެތި ވަންނަ އުޅަނދަކާއި މެދު ފިޔަވަޅު އަޅާނެކަމުގެ އިންޒާރު ހައުސިން މިނިސްޓްރީން ވަނީ ދީފައެވެ.

ބްރިޖް ސަރަހައްދަށް ކަނޑު ދަތުރުކުރާ ފަރާތަކުން ވަނުން މަނާކޮށްފައިވާއިރު ބްރިޖާއި ހުޅުމާލެ ގުޅުވައިދޭ މަގު ހެދުމުގެ މަސައްކަތް ކުރަމުންދާތީ އެ ސަރަހައްދުން ވައިގެ ދަތުރުތައް ނުކުރުމަށްވެސް ދާދީ ފަހުން ހައުސިން މިނިސްޓްރީން ވަނީ އެދިފައެވެ. ހުޅުލެއާއި މާލެ ގުޅުވައިދޭ ބްރިޖްގެ މަސައްކަތް ވަރަށް ހަލުވިކަމާއި އެކު ކުރިޔަށްދާއިރު މިހާރު ކުރިޔަށްދަނީ ބްރިޖްގެ ތަނބުތަކާއި އެކު ބީމްތައް ރޭވުމުގެ މަސައްކަތެވެ. އަދި ބްރިޖްގެ މަސައްކަތް އެއްކޮށް ނިންމާ އަންނަ އަހަރުމެދުތެރޭ ހުޅުވުމަށް ދަނީ މަސައްކަތްކުރަމުންނެވެ.