ގްރީންސްޓްރީޓް ބަލިކޮށް، މާޅޮސް ލީގުގެ ފުރަތަމަ މޮޅު ހޯދައިފިއެވެ
އުރީދޫ ދިވެހި ޕްރިމިއަރ ލީގުގައި މާޅޮސް ފުރަތަމަ މޮޅު ހޯދީ ދެވަނަބުރުގައި ރޭ ގްރީންސްޓްރީޓް ދެ ލަނޑު އެއް ލަނޑުން ބަލިކޮށްގެންނެވެ.
ފޯރިގަދަ ކުޅުމެއް ފެނިގެންދިޔަ މެޗްގެ ފުރަތަމަ ލަނޑުޖަހާ ލީޑް ނެގީވެސް މާޅޮހުންނެވެ. ފުރަތަމަހާފްގެ ބާރަ ވަނަ މިނިޓްގައި މާޅޮހަށް ލަނޑު ޖަހައިދިނީ އެޓީމަށް ކުޅޭ ސްޕެއިންގެ އޭންޖަލް މުނޯޒްއެވެ.
މާޅޮހުން ލަނޑުޖެހިތާ މާގިނައިރެއް ނުވެ ގްރީން ސްޓްރީޓަށް ނަތީޖާ ހަމަހަމަކޮށްދިނީ މުހަންމަދު ނިޒާމްއެވެ.
މެޗުގައި މާޅޮސް މޮޅުވި ލަނޑު ސާޅީސްއަށްވަނަ މިނިޓްގައި އެޓީމަށް ކާމިޔާބުކޮށްދިނީ ލިބުނު ޕެނަލްޓީއަކުން މުނޯޒްއެވެ.
މެޗަށްފަހު މާޅޮސް ކޯޗު ނިސްތާރު ބުނީ މާޅޮހަށް އަދިކިރިޔާ ސީޒަންފެށުނީ ކަމަށާއި މިއީ ކުޅުންތެރިންގެ ހިތްވަރުން ހޯދި މޮޅެއްކަމަށެވެ.
މެޗަށްފަހު ގްރީންސްޓްރީޓްގެ އެސިސްޓެންޓެ ކޯޗު ފަރީދު މުޙައްމަދު ބުނީ އެޓީމަށް ދިމާވި އެންމެ ބޮޑުމައްސަލައަކަށްވީ ޓީމުގެ އެންމެ މުހިންމު ކުޅުންތެރިޔާ އަންމަޑޭ އަނިޔާގަ ހުރުންކަމަށެވެ. ކުރިޔަށްހުރި މެޗްތަކުގައި އިތުރަށް ޓީމް ރަނގަޅުވާނެކަމަށް ފަރީދު ބުންޏެވެ. އަދި މިބަލީގެ ސަބަބުން ގަދަ ހަތަރެއްގެ ތެރެއަށް ވަނުމަށް ހުރަސްތަކެއް ކުރިމަތިވެ، އިތުރު މަސައްކަތްތަކެއް ކުރަން ޖެހޭނެކަން އޭނާ ފާހަގަކުރިއެވެ.
މެޗުން ހޯދި މޮޅާއެކު މާޅަހަށް ލިބިފަވަނީ އަށް މެޗުން ފަސް ޕޮއިންޓެވެ.