މި ސީޒަނަށް ފަހު ބާސެލޯނާ ދޫކޮށްލާނެ ކަމަށް އާޖެންޓީނާގެ ޑިފެންޑަރު ހާވިއާ މަޝެރާނޯ ބުނެފިއެވެ.
އުމުރުން މިހާރު 33 އަހަރުގެ ކުޅުންތެރިޔާ މިހެން ބުނީ އަންނަ އަހަރު ރަޝިޔާގައި ބާއްވާ ވޯލްޑް ކަޕަށް ފަހު ގައުމީ ޓީމަށް ކުޅުން ހުއްޓާލާނެކަން އިއުލާނުކުރިތާ ހަފުތާއެއް ފަހުންނެވެ.
ލިވަޕޫލުން 2010 ވަނަ އަހަރު ބާސެލޯނާއާ ގުޅުނު މަޝެރާނޯ ބުނީ ކުލަބުން އޭނާއާ މެދު ކަންތައްތައް ކުރަނީ ވަރަށް ރަނގަޅަށް ކަމަށާއި އޭނާއާ މެދު ހިތްހަމަޖެހޭކަން ބާސެލޯނާއިން އަބަދުވެސް ބުނާ ކަމަށެވެ. ނަމަވެސް އޭނާގެ ކުރިމަގަށް އަމިއްލަ އަށް ވިސްނަންޖެހޭނެ ކަމަށާއި އޭނާ އަށް މިހާރު ބާސެލޯނާގައި ކުޅެން ލިބޭ ވަގުތު އަންނަނީ މަދުވަމުން ކަމަށެވެ.
މަޝެރާނޯ ބުނީ އެގޮތަށް ދިމާވަނީ ބާސެލޯނާގައި އޭނާ އަށްވުރެ މޮޅަށް ފަހަތާއި މެދުތެރެއަށް ކުޅޭ ކުޅުންތެރިން ތިބުމުން ކަމަށެވެ. ހާއްސަކޮށް ފަހަތަށް މިހާރު ކުޅެމުން އަންނަ އުމްޓީީޓީ އާއި ޖެރާޑް ޕީކޭއަކީ އޭނާ އަށްވުރެ ޒުވާން މޮޅު ދެ ކުޅުންތެރިން ކަމަށެވެ. މިހެންވެ އާ ކުލަބަށް ދިއުމަށް ވިސްނަނީ ކުޅެން ގިނަ ވަގުތު ހޯދުމަށް ކަމަށް ވެސް މަޝެރާނޯ ވަނީ ބުނެފައެވެ.
ބާސެލޯނާގެ ކޯޗުކަމާ އާނެސްޓޯ ވަލްވާޑޭ ހަވާލުވި ފަހުން މި ސީޒަނުގައި މަޝެރާނޯ އަށް ގިނައިން ފުރުސަތު ލިބެނީ ބެންޗުންނެވެ.