ޚަބަރު

އަނަސްގެ މަރު - ޝަރީޢަތް ނިމެންދެން ތުހުމަތުކުރެވޭ މީހުން ބަންދު


މިދިޔަ ޖުލައިމަހު ލިޓަސް ސާރވިސް ސެންޓަރުގެ ތެރޭގައި ތޫނު އެއްޗަކުން ހަމަލާދީ މަރާލި މުހައްމަދު އަނަސްގެ މަރުގެ މައްސަލާގައި ދައުލަތުން ދައުވާކުރާ މީހުން ޝަރީއަތް ނިމެންދެން ބަންދުގައި ބެހެއްޓުމަށް ކުރިމިނަލް ކޯޓުން އަމުރުކޮށްފިއެވެ.

މި މައްސަލާގައި ދައުލަތުން ފަސްމީހެއްގެ މައްޗަށް ދައުވާކުރެއެވެ. އަނަސްގެ މަރާއި ގުޅިގެން ދައުލަތުން ދައުވާކުރަނީ ޅ.ކުރެންދޫ އަސުރުމާގެ އަހުމަދު ޒަޔާނާއި މ.ދިމިޝްގު އުސްމާން ޝަރީފާއި ސ.ފޭދޫ ވެސްޓަންވިލާ ހަސަން މަހްފޫޒާއި ލ.ގަން ތުނޑި ރަންނާރި ޖުނައިހު އަބްދުﷲއާއި ދަފްތަރު ނަމްބަރު 1746 ސިމާހްގެ މުސާއެވެ.

މި މައްސަލާގައި މިއަދު ބޭއްވި އިބްތިދާއީ އަޑުއެހުމަށް ވަކީލަކާއި އެކު ހާޒިރުވެފައިވަނީ ހަސަން މަހްފޫޒާއެވެ. ދެންތިބި ހަތަރު މީހުން ވަކީލަކު އައްޔަންކުރަން ކޯޓުން މިއަދު ވަނީ ދިހަ ދުވަހުގެ ފުރުސަތެއް ދީފައެވެ.

މި މައްސަލާގައި ހިމެނޭ އަހުމަދު ޒަޔާނާއި އުސްމާން ޝަރީފްގެ މައްޗަށް ދައުލަތުން ކުރަނީ ތޫނު އެއްޗެއް ބޭނުންކޮށްގެން ގަސްދުގައި މީހަކު މެރުމުގެ ކުށުގެ ދައުވާއެވެ. ބަކީ ތިބި ތިން މީހުންގެ މައްޗަށް އުފުލާފައިވަނީ ތޫނު އެއްޗެއް ބޭނުންކޮށްގެން ގަސްދުގައި މީހަކު މެރުމުގައި ބައިވެރިވުމުގެ ކުށުގެ ދައުވާއެވެ.

އަނަސްގެ މަރާއި ގުޅިގެން ދައުލަތުން ވަނީ ކުޑަކުއްޖެއްގެ މައްޗަށްވެސް ދައުވާ އުފުލާފައެވެ. އެހެންމަވެސް އެ ކުއްޖާގައި މައްސަލައިގެ އަޑުއެހުންތައް އަދި ފަށާފައެއް ނުވެއެވެ. މިމައްސަލައިގައި ތުހުމަތުކުރެވޭ ބަޔަކު ފިލައިގެން އުޅެނިކޮށްވެސް ވަނީ ހައްުޔަރުކޮށްފައެވެ.