ކުޅިވަރު

ސިޓީ މޮޅުވެ އެއްވަނާގަ، ގާޑިއޯލާ އުފަލުން


ޗެމްޕިއަންސް ލީގުގައި ނަޕޯލީ 2-1 ން ބަލިކޮށް، މެންޗެސްޓާ ސިޓީ ޓޭބަލުގެ ކުރީގައި ހަމަޖެހިލުމަކީ ލިބުނު ވަރަށް ބޮޑު އުފަލެއް ކަމަށް ކޯޗު ޕެޕްގާޑިއޯލާ ބުނެފިއެވެ.

ރަހީމް ސްޓާލިން އާއި ގަބްރިއަލް ޖެސޫސް ޖެހި ގޯލުތަކުން ސިޓީ އެއްވަނާގައި އޮތީ ކުޅުނު ތިން މެޗުވެސް ކާމިޔާބުކޮށް 9 ޕޮއިންޓާއެކުއެވެ. މެޗަށް ފަހު ގާޑިއޯލާ ބުނީ އޭނާގެ ކެރިއަރުގައި ނަޕޯލީ އަކީ އަބަދުވެސް ވަރަށް އުނދަގޫ ޓީމެއް ކަމަށާއި، ބޯޅަ ނެތިދާ ވަގުތުތަކުގައި ވަރުގަދަ އަށް ނުކުޅެފިނަމަ ނަޕޯލީން ކޮންމެ ޓީމެއް ވެސް ބަލިކޮށްލާނެ ކަމަށެވެ.

ރޭ ސިޓީ ކުޅުނީ މިކަންކަމަށް ވިސްނައިގެން ކަމަށާއި ހުރިހާ ގޮތަކުން ވެސް ކުޅުންތެރިން ދެއްކި ކުޅުމަށް އޭނާ ތައުރީފް ކުރާ ކަމަށެވެ. ނަމަވެސް ގާޑިއޯލާ ބުނީ މުބާރާތުގެ ދެ ވަނަ ބުރަށް ދެވޭނީ މަދުވެގެން އަދި އެއް މެޗު ކާމިޔާބުކޮށްގެން ކަމަށާއި އެކަން ކުރުމަށް އޭނާގެ ޓިމު އޮތީ ކެތްމަދުވެފައި ކަމަށެވެ.

ސިޓީ އެއްވަނާގައި އޮތްއިރު ހަ ޕޮއިންޓާއެކު ދެ ވަނާގައިވަނީ ޝަކްޓާ ޑޮނެސްކްއެވެ. އެ ޓީމު ރޭ މޮޅުވީ ޕޮއިންޓެއް ނުލިބި ޓޭބަލުގެ ފުލުގައި އޮތް ފޭނޫޑް އަތުން 2-1 ންނެވެ. ސިޓީ އަތުން ބަލިވި ނަޕޯލީ ތިން ޕޮއިންޓާއެކު އޮތީ ގްރޫޕުގެ ތިންވަނާގައެވެ.