ފީފާއިން ހޮވާ ދުނިޔޭގެ މޮޅު ކުޅުންތެރިޔާގެ އެވޯޑް މި ފަހަރު ވެސް ހޯދާނީ ރެއާލް މެޑްރިޑުގެ ޕޯޗުގަލް ކެޕްޓަން ކްރިސްޓިއަނޯ ރޮނާލްޑޯ ކަމަށް މީޑިޔާތަކުން ބުނަން ފަށައިފިއެވެ.
އަންނަ ހޯމަ ދުވަހު ލަންޑަނުގައި ބާއްވާ ހަފުލާގައި ދުނިޔޭގެ މޮޅު ކުޅުންތެރިޔާގެ މަގާމަށް ވާދަ ކުރާނީ ރޮނާލްޑޯ އާއި ބާސެލޯނާގެ ލަޔޮނަލް މެސީ އާއި އެ ޓީމު ދޫކޮށް ފްރާންސްގެ ޕީއެސްޖީ އަށް ބަދަލުވި ބްރެޒިލްގެ ނޭމާއެވެ. މީގެ ތެރެއިން އާޖެންޓީނާގެ ކެޕްޓަން މެސީ އަކީ މިހާތަނަށް ފަސް ފަހަރު ދުނިޔޭގެ މޮޅު ކުޅުންތެރިޔާގެ މަގާމު ހޯދާފައިވާ ހަމައެކަނި ކުޅުންތެރިޔާއެވެ. ރޮނާލްޑޯ އަށް މި ފަހަރު މިއެވޯޑް ލިބިއްޖެނަމަ މެސީގެ ރެކޯޑާ ހަމަހަމަ ކުރެވޭނެއެވެ.
އެންމެ މޮޅު އަންހެން ކުޅުންތެރިޔާގެ މަގާމަށް ވާދަކުރަނީ މިދިޔަ އަހަރުގެ މޮޅު ކުޅުންތެރިޔާ މެންޗެސްޓާ ސިޓީ އަށް ކުޅޭ އެމެރިކާގެ ކާލީ ލޮއިޑެވެ. އޭނާއާއެކު ދެން ވާދަކުރަނީ ބާސެލޯނާ އަށް ކުޅޭ ނެދަލޭންޑްސްގެ ލިއޭކޭ މާޓެންސް އާއި ވެނެޒުއޭލާގެ ކޮލެޓް ޓީމަށް ކުޅޭ ދީނާ ކަސްޓެލަނޯސްއެވެ.
އެންމެ މޮޅު ކޯޗުގެ މަގާމަށް ވާދަ ކުރަނީ ޗެލްސީ އަށް ޕްރެމިއާ ލީގު ކާމިޔާބުކޮށްދިން އެންޓޯނިއޯ ކޮންޓޭ އާއި ރެއާލް މެޑްރިޑަށް ޗެމްޕިއަންސް ލީގާއި ސްޕެނިޝް ލީގު ކާމިޔާބުކޮށްދިން ޒައިނުއްދީން ޒިދާން އާއި ޔުވެންޓަސް އަށް އިޓާލިއަން ލީގު ކާމިޔާބުކޮށްދިން ކޯޗު މަސިމިލާނޯ އަލެގްރީއެވެ.
އެންމެ މޮޅު ގޯލްކީޕަރުގެ މަގާމަށް ވާދަކުރަނީ ރެއާލް މެޑްރިޑުގެ ކޭލާ ނަވާސް އާއި ޔުވެންޓަސްގެ ޖިއާން ލުއިޖީ ބުފަން އާއި ބަޔާން މިއުނިކްގެ މެނުއަލް ނޯޔާއެވެ.
ފީފާއިން ހޮވާ ސަޕޯޓަރުންގެ އެވޯޑަށް ވާދަކުރަނީ ޖަރުމަނުގެ ބޮރޫޝިޔާ ޑޯޓްމުންޑާއި އެފްސީ ކޯޕަންހޭގަން އާއި ސެލްޓިކެވެ.