އުރީދޫ ދިވެހި ޕްރިމިއަރ ލީގުގެ މުޙިއްމު މެޗަކަށް ޗެމްޕިއަން މާޒިޔާއާއި، ގދ.ތިނަދޫ މިއަދު ނިކުންނާނެއެވެ. މާޒިޔާއަށް މެޗު މުޙިއްމުވަނީ ލީގު ހޯދުމުގެ ރޭހުން ބޭރު ނުވެ އޮތުމަށެވެ. އަދި ތިނަދޫއަށް މެޗު މުޙިއްމުވަނީ ގަދަ ހަތަރެއްގެ ތެރެއަށް ވަނުމަށެވެ.
މާޒިޔާގެ ކޯޗި މަރްޔާން ސެކްލޮސްކީ ބުނީ ތިނަދޫއާ ދެކޮޅަށް ކުޅޭ މެޗަކީ ވަރުގަދަ މެޗެއްކަމަށާއި، މެޗުގެ މުހިންމުކަން ބޮޑުކަމަށެވެ. މެޗުގެ ކުރިން އެފްއޭމް ހައުސްގައި އޮތް ނޫސްވެރިންގެ ބައްދަލުވުމުގައި މެސެޑޯނިޔާ މަރްޔާން ސެކުލޮސްކީ ބުނީ މިއީ މޮޅުވާން މުހިންމު މެޗެއް ކަމަށާއި، މިމެޗު ފަސޭހަ ނުވާނެކަމަށެވެ. މާޒިޔާގެ ކޯޗު ބުނީ ތިނަދޫ އަކީ މޮޅު ތިކުޅުންތެރިން ގިނަ ޓީމެއްކަމަށާއި، ތިނަދޫ ޓީމުގައި ސަމާލުވާންޖެހޭ ވަކިވަކި ކުޅުންތެރިން ގިނަކަމަށެވެ. މާޒިޔާއަށް ލީގުގަ ދިމާވި މައްސަލައަކީ މުހިންމު ދަނޑިވަޅުގައި މުހިންމު ކުޅުންތެރިންތަކަކަށް އަނިޔާވުން ކަން ސެކުލޮސްކީ ފާހަގަކުރިއެވެ.
" އަހަންނަށް އެހާފަސޭހައެއްނޫން މުހިންމު ދަނޑިވަޅުތަކުގައި މުހިންމު ކުޅުންތެރިންނަށް އަނިޔާވުމުން. މިހުރިހާ ކަމަކާއެކު މެޗު ކާމިޔާބު ކުރުން އުންމީދަކީ" ކޯޗު ބުންޏެވެ.
މާޒިޔާގެ ކޯޗު ބުނީ އަނިޔާގެ މައްސަލަތައް ކުރިމަތިވިޔަސް ޓީމުގައި ރަނގަޅުކުޅުންތެރިން އެބަތިބިކަމަށެވެ.
ތިނަދޫ ކޯޗު އަލީ ސުޒޭން ބުނީ ޓީމް އޮތީ މޯރަލީ ވަރަށް ރަނގަޅު ހާލަތެއްގައި ކަމަށާއި ބޭނުމަކީ މިހާރު ލިބިފައޮތް އެގާރަ ޕޮއިންޓާއެކު ލީގުގެ ގަދަ ހަތަރަކަށް ދިޔުންކަމަށެވެ.
" މީގަ ތިބޭފުޅުންނަށް ވެސް ފެންނާނެ ޓީމު ކޮންފިޑެންސް ހައިކަން މޯރަލީ ވަރަށް ރަނގަޅަށް ޓީމު އޮތީ. މިއޮތް އެގާރަ ޕޮއިންޓާއެކު ގަދަ ހަތަރަކަށް ދިޔުން ވިސްނުންހުރީ " ސުޒޭން ބުންޏެވެ.
ސުޒޭން ބުނީ އަނިޔާގެ ސަބަބުން މިވަގުތު ކުޅުމާ ދުރުގަހުރި މާޒިޔާގެ އައްސަދުﷲއަށް ނުކުޅެވުން އެއީ އެޓީމަށް ލިބޭނެ ވަރަށްބޮޑު އެޑްވާންޓޭޖެއްކަމަށެވެ. މެޗާ ކުރިމަތިލާއިރު ގަދަ ހަތަރަކަށް ދިޔުމުގެ ދޮރު އަދި ބަންދުނުވާކަމަށާއި ގަދަ ހަތަރަކަށް ދިޔުން އެއީ ނުކުރެވޭވަރުގެ ކަމެއްނޫންކަމަށް ސުޒޭން ބުންޏެވެ.
އުރީ ދޫދިވެހި ޕްރިމިއަރ ލީގުގައި މާޒިޔާއާއި ތިނަދޫ ވާދަކުރާމެޗު ކުޅޭނީ މިއަދު ހަވީރުއެވެ.