ކުޅިވަރު

ކޯޗިންގ ކެރިއަރަށް ގެއްލުންވިޔަސް މޯހަން ހިތްހަމަޖެހިފަ


އޭނާ ކޯޗުކޮށްދެމުން އަންނަ ދ. ކުޑަހުވަދޫ އުރީދޫ ދިވެހި ޕްރެމިއާ ލީގުގައި ކޮންމެ މެޗަކުން ބަލިވަމުން ދިއުމަކީ އަމިއްލަ ކޯޗިން ކެރިއަރަށް ލިބޭ ބޮޑު ގެއްލުމެއް ކަމަށް ކޯޗު މުހައްމަދު ޝިޔާޒް (މޯހަން) ބުނެފިއެވެ.

އުރީދޫ ދިވެހި ޕްރެމިއާ ލީގުގައި ރޭ ޓީސީ އަތުން 4-0 ން ބަލިވި މެޗަށް ފަހު ވާހަކަ ދައްކަމުން މޯހަން ބުނީ ކުޑަހުވަދޫގެ އަމާޒަކީ މިނިވަން ޗެމްޕިއަންޝިޕް ކާމިޔާބު ކުރުން ކަމަށެވެ. އެކަން އޭނާގެ ކޯޗުކަމުގައި ކާމިޔާބުވެފައިވުމުން ރަށުގެ ރައްޔިތުންނާއި ކުޅުންތެރިން ތިބީ އުފަލުން ކަމަށެވެ. އަދި އެހެން ޓީމުތަކާ ހިލާފަށް ޕްރެމިއާ ލީގަށް ރަށުން ބޭރުން ކުޅުންތެރިން ހޯދައިގެން ޓީމު ވަރުގަދަ ނުކުރީ ބޭނުމެއްގައި ކަމަށެވެ. އެއީ ޓިމުގައި މިހާރުތިބި އެރަށުގެ ކުޅުންތެރިންނަށް ފުޓްބޯޅައިގެ ތަޖުރިބާ ހޯދައިދިނުމަށް ކަމަށާއި ޓީމުގައި މިހާރު ވެސް 16 އަހަރުން ދަށުގެ ދެ ކުޅުންތެރިންނާއި 17 އަހަރުން ދަށުގެ ކުޅުންތެރިއަކު ވެސް ކުޅެމުން އަންނަ ކަމަށް މޯހަން ބުންޏެވެ. 

މޯހަން ބުނީ މިއީ ސްކޫލުގައި ކިޔަވާ ތިން ކުދިން ކަމަށާއި މި ފަހަކަށް އައިސް ގަލޮޅު ދަނޑުގެ ބޮޑު މުބާރާތެއްގައި ވާދަކުރާ ޓީމަކުން ސްކޫލްކުދިން ފެނިފައިނުވާނެ ކަމަށެވެ. އެހެންވެ އޭނާގެ ކޯޗިންގ ކެރިއަރަށް ގެއްލުންވި ނަމަވެސް މިއީ ކުޑަހުވަދޫ އާއި ދިވެހި ފުޓްބޯޅަ އަށް ކޮށްދެވޭ ވަރަށް ބޮޑު ހިދުމަތެއް ކަމަށެވެ. މޯހަން ބުނީ ޕްރެމިއާ ލީގުގައި ކުޅުނު 10 މެޗުގެ ތެރެއިން އަށް މެޗުން ބަލިވެ އަނެއް ދެ މެޗު އެއްވަރުވެ އެ ޓީމު ޓޭބަލުގެ ފުލުގައި އޮތް ނަމަވެސް އެނަތީޖާއާ މެދު ރަށުގެ އެއްވެސް މީހެއްގެ ހިތްހަމަނުޖެހުމެއްނެތް ކަމަށެވެ. އެހެންވެ އޭނާ ވެސް ޓީމަށް ކޯޗުކޮށްދެނީ ޤައުމީ ހިދުމަތެއްގެ ގޮތުގައި ބަލައިގެން ކަމަށާއި، ފުޓްބޯޅައިގެ ޑިވެލޮޕްމެންޓަށް ރަށްރަށަށް ގޮސް ކޯޗުކޮށްދިނުމަކީ އޭނާ އަށް ލިބޭ ވަރަށް ބޮޑު އުފަލެއް ކަމަށެވެ.