މިލަންދޫ އަތުންވެސް މޮޅު ނުވެވި، ލީގުގެ ގަދަ ހަތަރަކަށް އެރުމަށް ކުރަންޖެހޭ މަސައްކަތް ކްލަބް ގްރީން ސްޓްރީޓްސްއަށް އިތުރުވެއްޖެއެވެ.
އެސް.ޓީ.އޯ މާލޭ ލީގުގެ ދެވަނަ ޓީމުގެ ގޮތުގައި އުރީދޫ ދިވެހި ޕްރިމިއަރ ލީގަށް ކޮލިފައިވި ކްލަބް ގްރީން ސްޓްރީޓްސް އާއި ށ.މިލަންދޫ މިއަދު ހަވީރު ބައްދަލުކުރި މެޗު ނިމުނީ އެކެއް އެކަކުން ދެޓީމް އެއްވަރުވެގެންނެވެ.
މިމެޗުގެ ފުރަތަމަ ހާފުގައި ދެޓީމުން ކުރެ އެއްޓީމަކަށްވެސް މާ ރަނގަޅު ކުޅުމެއް ދެއްކިފައެއް ނުވެއެވެ. އަދި ލަނޑު ޖަހާނެ މާރަނގަޅު ފުރުސަތުތަކެއްވެސް ތަނަވަހެއް ނުކުރެވެއެވެ. އެހެންމަވެސް ދެވަނަ ހާފް ފެނިގެންދިޔައީ ފުރަތަމަ ހާފާއި ހިލާފަށް މާ އޯޕަން ގޭމެއްގެ ގޮތުގައެވެ. އެގޮތުން ދެވަނަ ހާފްގެ ކުރީކޮޅު ގްރީންއިން ލަނޑެއް ޖަހާ މެޗުގައި ލީޑް ނެގިއެވެ. މިލަނޑު މެޗުގެ 48 ވަނަ މިނެޓުގައި ކާމިޔާބުކޮށްދިނީ އިބްރާހިމް ރިޒުހާންއެވެ. މިލަނޑަށްފަހުވެސް އިތުރު ލަނޑުތަކެއް ޖަހާނެ ރަނގަޅު ފުރުސަތުތަކެއް ގްރީން ސްޓްރީޓްސް ވަނީ ތަނަވަސް ކޮށްފައެވެ. މިލަންދޫ ޓީމުންވެސް ވަނީ ކުޅުން ރަނގަޅުކޮށް ގޯލް ޖަހާނެ ރަނގަޅު ފުރުސަތުތަކެއް ތަނަވަސްކޮށްފައެވެ.
މިމެޗުގައި މިލަންދޫއިން ނަތީޖާ ހަމަ ހަމަކުރީ މެޗު ނިމެން ތިން މިނެޓަށް ވެފައި ވަނިކޮށެވެ. މިލަނޑު އެޓީމަށް ކާމިޔާބުކޮށްދިނީ ފޯވާޑް އިޝާން އިބްރާހިމް (ސައްޓު)އެވެ. މެޗުގެ އިތުރު ވަގުތުގައި ސައްޓުއަށް ވަނީ މެޗުން މިލަންދޫ މޮޅުކޮށްދިނުމަށްވެސް ރަނގަޅު ފުރުސަތެއް ލިބުނެވެ. އެހެންނަމަވެސް ސައްޓު މުޅިން ހުސްކޮށް ހުރެ ކުރިއަށް ފޮނުވާލި ބޯޅައިގެ ހުރަހަކަށްވީ ގްރީންގެ ގޯލް ކީޕަރި އަހުމަދު ފައިރޫޒްއެވެ.
މެޗަށްފަހު ކްލަބް ގްރީން ސްޓްރީޓްސްގެ އެސިސްޓަންޓް ކޯޗު ފަރީދު މުހައްމަދު ބުނީ މިމެޗުގެ ލަނޑު ޖަހާނެ ގިނަ ފުރުސަތުތަކެއް ލިބުނު ކަމަށާއި މިއީ މޮޅު ވެވެންޖެހޭ ވަރުގެ މެޗެއް ކަމަށެވެ. ފަރީދު އިތުރަށް ބުނީ ލީގުގައި ބޮޑު ބްރޭކްތަކެއް ގިނަވުމުގެ ސަބަބުން ޓީމުތަކަށް ވަރަށް އުނދަގޫވާ ކަމަށާއި ގްރީންއަށްވެސް އެމައްސަލަ ދިމާވާކަމަށެވެ.
ށ.މިލަންދޫ ޓީމުގެ ކޯޗު މުހައްމަދު ނާސިރު ބުނީ އެންމެ ފަހުން ކުޅުނު ދެ މެޗުގައި ބައިކޮޅަށް ބާރަ ލަނޑު ވަދެފައި ވުމުން މިފަދަ ނަތީޖާއެއް ނެރެވުމަކީ ލިބުނު ބޮޑު ކުރިއެރުމެއް ކަމަށެވެ.