ކުޅިވަރު

17 އަހަރުން ދަށުގެ ވަރލްޑްކަޕް އިންގްލެންޑް ކާމިޔާބުކޮށްފި


އިނގިރޭސި ފުޓްބޯޅައިގެ ކުރިމަގު އޮތީ ވަރަށް އުޖާލާކޮށް ކަމަށް 17 އަހަރުން ދަށުގެ ވޯލްޑް ކަޕް ރޭ ކާމިޔާބުކުރި ޓީމުގެ ކޯޗު ސްޓީވް ކޫޕާ ބުނެފިއެވެ.

ފަހަތުން އަރާ ސްޕޭން 5-2 ން ބަލިކުރި ފައިނަލަށް ފަހު ކޯޗު ބުނީ ފައިނަލެއްގައި އިދިކޮޅު ޓީމު ދެ ލަނޑު ޖަހާފައި އޮއްވައި ފަސް ލަނޑު ޖަހައިގެން މޮޅުވުމަކީ އިނގިރޭސި ފުޓްބޯޅަ ކުރިއަރާ ކަމުގެ ސާބިތު ހެއްކެއް ކަމަށެވެ.

ކޯޗު ބުނީ އިނގިރޭސި ޓީމު ކުޅުނީ ބޮޑުބޯޅަ ޖަހައިގެން ނޫން ކަމަށާއި، ޕާސްކޮށްގެން ޓީމުގެ އަސްލު ގޭމް ކަމަށެވެ. ޓީމެއްގެ ގޮތުގައި އިނގިރޭސިން ފެނުނުއިރު ވަކިވަކި ކުޅުންތެރިންގެ މޮޅު ކުޅުންވެސް މެޗުން ފެނިގެންދިޔަ ކަމަށާއި މިއީ އުފާވެރި ވަގުތެއް ކަމަށެވެ.

ކޯޗު ބުނީ ނަތީޖާ އާއި ކުޅުމާމެދު ވެސް އޭނާ ހުރީ ވަރަށް އުފާވެފައި ކަމަށާއި އިނގިރޭސި ފުޓްބޯޅަ ކުރިއަރައިދާނެ ކަމާމެދު މިހާރު ޝައްކެތްނެތް ކަމަށެވެ. އޭނާ ބުނީ ތަށި ތަހުސީސް ކުރަނީ އިނގިރޭސި އެފްއޭ އާއި ކުލަބުތަކުގެ އެކަޑަމީތަކަށް ކަމަށެވެ. ޒުވާން ކުޅުންތެރިން ބިނާކުރަން އެކަޑަމީތަކުން ކުރަނީ ވަރަށް ރަނގަޅު މަސައްކަތެއް ކަމަށް ވެސް އޭނާ ވަނީ ފާހަގަކޮށްފައެވެ.  

އިންޑިޔާގައި ކުރިއަށް ދިޔަ މުބާރާތުގެ އެންމެ ގިނަ ގޯލު ޖެހައިގެން ރަންބޫޓު ހޯދީ އިނގިރޭސި ފޯވަޑް ރިއާން ބްރަވެސްޓާއެވެ. މުބާރާތުގެ އެންމެ މޮޅު ކުޅުންތެރިއަކީ އިނގިރޭސިވިލާތުގެ މެންޗެސްޓާ ސިޓީގެ ޒުވާން ކުޅުންތެރިޔާ ފިލް ފޮޑެންއެވެ. އެންމެ މޮޅު ގޯލްކީޕަރަކީ މުބާރާތުގެ ތިން ވަނަ ހޯދި ބްރެޒިލްގެ ކީޕަރު ގަބްރިއަލް ބްރަޒާއޯއެވެ.