ކުޅިވަރު

ޓޮޓެންހަމް، ރެއާލް މެޑްރިޑަށް ފެންވަރު ދައްކާލައިފި


ތިން އަހަރު ތެރޭގައި ފުރަތަމަ ފަހަރަށް ޗެމްޕިއަންސް ލީގުގައި ރެއާލް މެޑްރިޑް 3-1 ން ބަލިކޮށް، ޓޮޓެންހަމް ޔޫރަޕުގައި ފެންވަރު ދައްކާލައިފިއެވެ.

މެޗަށް ފަހު ވާހަކަ ދައްކަމުން ޓޮޓެންހަމްގެ ކޯޗު މައުރީސިއޯ ޕޮޗެޓީނޯ ބުނީ ޔޫރަޕުގައި އޭނާގެ ޓީމަކީ ބޮޑު ޓީމެއް ކަމަށެވެ. ރެއާލް މެޑްރިޑް ފަދަ ޓީމުތަކާ ދެކޮޅަށް ކުޅެ ނަތީޖާ ނެރެވުމަކީ ކުލަބާއި ކުޅުންތެރިންގެ ކުރިމަގަށް ލިބޭ ވަރަށް ބޮޑު ކާމިޔާބީއެއް ކަމަށެވެ. އާޖެންޓީނާ އަށް އުފަން ކޯޗު ބުނީ ޓޮޓެންހަމުގެ މިހާރުގެ ފެންވަރަށް ބަލާއިރު ބޮޑެތި ކުލަބުތައް ބަލިކުރުމަކީ އެ ޓީމުން ކުރަންޖެހޭ ކަމެއް ކަމަށާއި، ރެއާލް މެޑްރިޑާ ދެކޮޅަށް ދެއްކި ކުޅުމާމެދު ހުރިހާ ގޮތަކުން ވެސް އޭނާ ހިތްހަމަޖެހޭ ކަމަށެވެ.

ރޭގެ މެޗުގެ ފުރަތަމަ ދެ ގޯލު ޖެހީ ޓޮޓެންހަމުގެ މިޑްފީލްޑަރު ޑެލޭ އަލީއެވެ. ތިން ވަނަ ލަނޑު ޖެހީ ކްރިސްޓިއަން އެރިކްސަންއެވެ. މި ތިން ލަނޑަށް ފަހު ރެއާލް އަށް ސުން ކަނޑުވާލަދިނީ ކްރިސްޓިއާނޯ ރޮނާލްޑޯއެވެ. މީގެ ތެރެއިން އަލީ ޖެހި ދެ ގޯލަކީ ސްޓީވަން ޖެރާޑް 2009ގައި ރެއާލް ކޮޅަށް ޖެހި ދެ ގޯލަށް ފަހު ޗެމްޕިއަންސް ލީގުގައި އެ ޓީމު ކޮޅަށް އިނގިރޭސި ކުޅުންތެރިއަކު ޖެހި ފުރަތަމަ ދެ ގޯލެވެ.

މެޗަށް ފަހު އަލީ ބުނީ މި ނަތީޖާ އަކީ އޭނާގެ ޓީމުން އެދިއެދި ތިބި ނަތީޖާއެއް ކަމަށެވެ. ޔޫރަޕުގެ ބޮޑެތި ޓީމުތައް ފަދައިން އަމިއްލަ ދަނޑުގައި ކުޅޭ މެޗުތަކުގައި މޮޅުވުމަކީ ކިހާ މުހިންމު ކަމެއްކަން މި މެޗުގައި ފެނިގެން ހިނގައްޖެ ކަމަށެވެ. އަދި ޓޮޓެންހަމަކީ ޔޫރަޕުގެ މުބާރާތްތަކުގައި އެންމެ މޮޅަށް ވާދަކުރެވިދާނެ ޓީމެއް ކަމާމެދު ސުވާލު އުފައްދާ ފަރާތްތަކަށް މިހާރު ޖަވާބު ދެވިފައިވާ ކަމަށް ވެސް އަލީ ފާހަގަ ކުރިއެވެ.

މި މޮޅާއެކު ރެއާލް އަށް ވަނީ ބާކީ އޮތް ދެ މެޗުން މޮޅުވިޔަސް ޓޭބަލުގެ ކުރި ހޯދުމުގެ އަމިއްލަ ބާރު ގެއްލިފައެވެ. އެއްވަނާގައި ޓޮޓެންހަމް މިހާރު އޮތީ ތިން ޕޮއިންޓްގެ ލީޑަކާއެކު ޖުމުލަ 10 ޕޮއިންޓާއެކުއެވެ.