ޚަބަރު

ފޮރިން މިނިސްޓްރީން އެމްއެންޔޫއާއެކު އެމްއޯޔޫއެއްގައި ސޮއިކޮށްފި


ފޮރިން ސަރވިސްއަކީ ދިރާސާއަށް އަހުލުވެރި ދާއިރާއަކަށް ހެދުމުގެ މަސައްކަތް ކުރަމުންދާކަމަށް ފޮރިން ސެކްރެޓަރީ އަޙްމަދު ސަރީރު ވިދާޅުވެއްޖެއެވެ.

ސަރީރު މިހެން ވިދާޅުވީ އިންސާނީ ވަޞީލަތްތައް ތަރައްޤީކުރުމާއި ގުޅޭގޮތުން މިނިސްޓްރީ އޮފް ފޮރިންގ އެފެއާޒާއި މޯލްޑިވްސް ނޭޝަނަލް ޔުނިވަރސިޓީއާއިއެކު އެއްބަސްވުމުގައި ސޮއިކުރުމަށް މިއަދު ބޭއްވި ރަސްމިއްޔާތުގައި ވާހަކަދައްކަވަމުންނެވެ.

ބައިނަލްއަޤުވާމީ ގުޅުންތަކާއި ބެހޭގޮތުން ދިރާސާކޮށް ޢާއްމުން ހޭލުންތެރިކުރުވުމުގެ ގޮތުން ފޮރިން މިނިސްޓްރީއާއި ޤައުމީ ޔުނިވަރސިޓީ އެކު މިއަދު އެކުލަވާލި އެއްބަސްވުމުގެ ދަށުން ޕްރޮފެޝަނަލް މުވައްޒަފުން ބިނާކުރުމުގެ މަސައްކަތްކުރާނެކަމަށް ޔުނިވަރސިޓީން ބުނެއެވެ. އަދި ޔުނިވަރސިޓީގައި ކިޔަވާދޭ  ބައިނަލްއަޤުވާމީ ގުޅުންތަކާއި ބެހޭ ޕްރޮގްރާމްތަކުގައި ފޮރިން މިނިސްޓްރީގެ ފަރާތުން އެހީތެރިކަން ދޭންޖެހެއެވެ.

މި މި އެއްބަސްވުމުގައި ސޮއިކުރުމަށް މިއަދު ބޭއްވި މިރަސްމިއްޔާތުގައި ވާހަކަދައްކަވަމުން ފޮރިން ސެކްރެޓަރީ އަޙްމަދު ސަރީރު ވިދާޅުވީ ފޮރިން މިނިސްޓްރީގައި މަސައްކަތްކުރާ މުވައްޒަފުންނަކީ ބޭރުގެ ފަރާތްތަކާއި މުޢާމަލާތްކުރަންޖެހޭ ބަޔަކަށްވަތީ މިދާއިރާއިން މީހުން ބިނާކުރަން ޖެހިފައިވާކަމަށެވެ.

މިއެއްބަސްވުމުގައި ފޮރިން މިނިސްޓްރީގެ ފަރާތުން ސޮއިކުރެއްވީ ފޮރިން ސެކްރެޓަރީ އަޙްމަދު ސަރީރެވެ. އެމްއެންޔޫގެ ފަރާތުން ސޮއިކުރެއްވީ ވައިސް ޗާންސެލަރ ޑރ.ޢަލީ ފަވާޒް ޝަރީފެވެ.

މިރަސްމިއްޔާތުގައި ވާހަކަދައްކަވަމުން އެމްއެންޔޫގެ ވައިސް ޗާންސެލަރ ޑރ.ޢަލީ ފަވާޒް ޝަރީފް ވިދާޅުވީ އެމްއެންޔޫއިން ފަށާފައިވާ ދިރާސާކުރުމަށް ދިވެހިން އަހުލުވެރިކުރުވުމުގެ މަސައްކަތައް މިއެއްބަސްވުމުގެ ދަށުން އިތުރު ފުރިހަމަކަމެއް ލިބިގެންދާނެކަމަށެވެ.

މިއެއްބަސްވުމުގެ ދަށުން ބައިނަލްއަޤުވާމީ ގުޅުންތަކާއި ބެހޭގޮތުން ދިރާސާތައްކޮށް ޢާއްމުން ހޭލުންތެރިކުރުވުމުގެ ގޮތުން އެމްއެންޔޫއާއި ގުޅިގެން ޙަރަކާތްތައް ހިންގުމުގެ މަސައްކަތްކުރާނެކަމަށް ފޮރިން މިނިސްޓްރީން މަޢުލޫމާތުދެއެވެ.