ދުނިޔޭގެ ޤައުމުތަކުން ރާއްޖެއާމެދު އެކި ދުވަސްވަރު އެކި ގޮތްގޮތަށް ދެކި, ރާއްޖެއަށް ކަޅިއަޅަމުންދިއުމަކީ ފެންނަން އޮތް ހަޤީގަތެއްކަމަށާ، އެބަޔަކު އެކަންކުރަމުން ދަނީ އިސްލާމީ ޤައުމެއްގެ ގޮތުގައި ރާއްޖެއިން ހޯދަމުންދާ ކާމިޔާބީތަކުގެ ސަބަބުންކަމަށް ޑިފެންސް މިނިސްޓަރ އާދަމް ޝަރީފް ޢުމަރު ވިދާޅުވެއްޖެއެވެ.
ޑިފެންސް މިނިސްޓަރ މިހެން ވިދާޅުވީ ކަޅުތުއްކަލާ ކޮށީގައި ރޭ އޮތް ކޮލެޖް އޮފް ޑިފެންސް އެންޑް ސްޓަޑީސްގެ ދަސްވެނިވުމުގެ ރަސްމިއްޔާތު ޝަރަފުވެރިކޮށްދެއްވައި ވާހަކަފުޅުދައްކަވަމުންނެވެ.
ޑިފެންސް މިނިސްޓަރ އާދަމް ޝަރީފް ޢުމަރު ވިދާޅުވީ ބުދު ދީނުގައި ތިބި، ދިވެހިރައްޔިތުންނަށް ކުއްލިއަކަށް މާތްވެގެންވާ އިސްލާމްދީނުގެ ހިދާޔަތު ލިބި، މިނިވަންކަމާއި އެކު ތަރައްޤީވަމުން އަންނަ ޤައުމަކަށް ރާއްޖެ ވަމުން އަންނާތީ، ބައެއް ޤައުމުތަކުން ރާއްޖެއަށް ކަޅިއަޅަމުން އަންނަ ކަމަށެވެ. އަދި ޚުދު ދިވެހި ފަސްގަނޑަށް އުފަން ނަމަވެސް ގައުމުން ބޭރުގައި ތިބެގެން ޤައުމަށް ޣައްދާރުވުމުގެ ޢަމަލުތައް ކުރާ މީހުންވެސް އުޅެމުންދާ ކަމަށް މިނިސްޓަރ ފާހަގަކުރެއްވިއެވެ.
މިނިސްޓަރު ވިދާޅުވީ، ބޭރުގެ ނުފޫޒުތައް ރާއްޖެއަށް ވަންނަމުން ދިއުމަކީ، ޤައުމުގެ މިނިވަންކަމަށް ނުރައްކާވާނެ ކަމެއް ކަމަށް. އެހެންކަމުން އެކަމަށް ދިވެހި އަސްކަރިއްޔާއިން ތައްޔާރުވާންޖެހޭނެކަމަށް މިނިސްޓަރ ވިދާޅުވިއެވެ. އެއީ ޤައުމަށް ކުރިމަތިވާ ކޮންމެ ނޭދެވޭ އަސަރެއްގެ ބުރަ އުފުލަންޖެހޭ އެއްބަޔަކީ ސިފައިން ކަމުގައިވާތީ ކަމަށްވެސް މިނިސްޓަރު ވިދާޅުވިއެވެ.
ޑިފެންސް މިނިސްޓަރ އާދަމް ޝަރީފް ޢުމަރު ވިދާޅުވީ ދިވެހި އަސްކަރިއްޔާ ހަރުދަނާ ކުރުމަށް ކުރިއަށް އޮތް ތަނުގައި ގިނަގުނަ މަސައްކަތްތަކެއް ކުރަންޖެހޭ ކަމަށާ، އެންމެ މުހިއްމު އެއްކަމަކީ ޑިފެންސް ކޮލެޖުގެ ތެރެއިން، އަސްކަރިއްޔާގެ ތެރޭގައި ދިރާސާ ކުރުމުގެ ސަގާފަތެއް އުފެއްދުމަށް މަސައްކަތް ކުރުން ކަމަށް ޑިފެންސް މިނިސްޓަރ ވިދާޅުވިއެވެ.
ދިވެހި ސިފައިންގެ ލަޝްކަރު ޤާބިލް ބަޔަކަށް ހެދުމަށްޓަކައި ސިފައިންގެ ތަމްރީން ލިބުމުގެ ދާއިރާއިން ކޮށްދީފައިވާ އަގުހުރި ޚިދުމަތްތައް ފާހަގަކޮށް ނިޝާން އަސްކަރީގެ ވެރިޔާ އަދި ކުރީގެ ޗީފް އޮފް ޑިފެންސް ފޯސް މޭޖަރ ޖެނެރަލް ރިޓަޔަރޑް މުޙައްމަދު ޒާހިރަށް ވަނީ އޮނަރަރީ މާސްޓަރސް ޑިގްރީއެއް އަރުވާފައެވެ.