ހަތަރު މެޗުން ޕޮއިންޓެއް ލިބުނަސް ކުޅުންތެރިން ހޯދި ކުރިއެރުމާމެދު ހިތްހަމަ ޖެހޭކަމަށް ނަވާރަ އަހަރުން ދަށުގެ ޤައުމީ ޓީމްގެ ކޯޗު އިހުސާން އަބުދުލްޣަނީ، ސާންތި ބުނެފިއެވެ.
އޭއެފްސީ ނަވާރަ އަހަރުން ދަށުގެ މުބާރާތުގެ ކޮލިފައިންގައި ކުޅުނު ފަހު މެޗުގައި ފަހެއް ސުމަކުން ތަޖަކިސްތާން އަތުން ބަލިވި މެޗަށްފަހު ސާންތި ބުނީ އެމެޗުގައިވެސް ކުރިއެރުންތައް ފެނުނުކަމަށެވެ. އުޒުބެކިސްތާން އަތުން ބަލިވި މެޗަށް އިޝާރާތްކޮށް ސާންތި ބުނީ އެއަށްވުރެ ރަނގަޅަށް ތަޖަކިސްތާން މެޗުގައި ކުޅުނުކަމަށެވެ. އެގޮތުން ބޯޅަ ލިބޭއިރަށް ޖެހުމުގެ ބަދަލުގައި ބޯޅަ ތިރިކޮށްގެން ކުޅެން މަސައްކަތްކޮށްފައިވާކަން ސާންތި ފާހަގަކުރިއެވެ.
އުޒްބެކިސްތާން އަދި ތަޖަކިސްތާން ފަދަ ޓީމްތަކުން ކުޅެނީ މުޅިން ތަފާތު ފުޓްބޯޅައެއްކަމަށާއި މިސަރަހައްދުގައި މިޓީމްތައް އޮތް ނަމަވެސް އެއީ ޔޫރަފްގެ ފުޓްބޯޅަ ކުޅެމުން އަންނަ ޤައުމުތަކެއްކަމަށް ސާންތި ބުންޏެވެ. މެޗްގެ ފުރަތަމަ ގޯލް ތަޖަކިސްތާނުން ޖެހީ މެޗުގެ ފުރަތަމަ ހާފްގެ ސާޅީސް އެއްވަނަ މިނިޓްގައެވެ. ސާންތި ބުނީ ސާޅީސް މިނިޓް މިފަދަ ޓީމްތަކާ އެކު ހިފަހައްޓާލުމަކީވެސް ފަސޭހަކަމެއް ނޫންކަމަށާއި، މެޗުގައި ލިބޭ ބޯޅަ ހިފަހައްޓައިގެން ކުޅެން މަސައްކަތް ކުރުމުން މިހާރު ކޮންމެ ޓީމަކާ އެކުވެސް ކުޅެވިދާނެކަމުގެ ޔަޤީންކަން ކުޅުންތެރިންނަށް ލިބެމުން އަންނަކަމަށެވެ.
"މިއަދުވެސް އަޅުގަނޑުމެންނަށް ވަރަށް ފަސޭހަ ވަރަށް އީޒީކޮށް ވަތް ތިން ގޯލް ފެނިގެން ގޮސްފި. ކުޅުންތެރިން އިތުރަށް ސަމާލުވީނަމަ، ކޮޅަށް ވަތް ތިން ގޯލަކީ ސަލާމަތް ކުރެވިދާނެ ތިން ގޯލް. މިފަދަ ކަންތައްތައް ރަނގަޅު ވާނީވެސް މިފެންވަރުގެ ޓީމްތަކާ އެކު ގިނައިން ކުޅުނީމަ. އަޅުގަނޑު އެއްވެސް ވަރަކަށް ކުޅުންތެރިންނާއި، ދޭތެރޭގައި ޝަކުވާއެއް ނެތް. މީގެ ތެރެއިން ބައެއް ކުޅުންތެރިންގެ ފުރަތަމަ މުބާރާތް، އަނެއް ބައި ކުޅުންތެރިންގެ ދެވަނަ މުބާރާތް. ކުޅުނު ވަރަކަށް މިކުދިން އަންނާނީ ރަނގަޅުވަމުން. އަދި މިއީ ފެށުމެއް، އެއްކޮށް މިޓީމް މަސައްކަތް ކުރާތާ އަދި މީ އެންމެ ތިން މަސްދުވަސް." ފަހު މެޗަށްފަހު ސާންތި ބުންޏެވެ.
ކޮލިފިކޭޝަން ރާއްޖެ ނިންމާލީ ފުރަތަމަ މެޗުގައި ލަންކާއާ އެއްވަރުކޮށް ހޯދި ހަމައެކަނި ޕޮއިންޓާއެކުއެވެ. ބަނގްލަދޭޝް އަތުން ރާއްޖެ ބަލިވެފައިވަނީ އެއް ލަނޑު ސުން ލަނޑުންނެވެ. އުޒްބަކިސްތާނުން ވަނީ ރާއްޖެ ކޮޅަށް ހަ ގޯލް ޖަހާފައެވެ. އަދި ތަޖަކިސްތާނުން ވަނީ ރާއްޖެ ކޮޅަށް ފަސް ގޯލް ޖަހާފައެވެ.