ދުނިޔެ

ހޫޘީ ހަމަލާތަކަކީ ޓެރަރިސްޓް ހަމަލާތަކެއް- ސައުދީ ސަރުކާރު


ޔަމަންގެ ހޫޘީ ޖަމާއަތުން ސައޫދީއަށް ދޭ މިސައިލް ހަމަލާތަކާއި ސަރަހައްދީ ރޮނގު ހުރަސްކޮށް ދޭ ހަމަލާތަކަކީ ޓެރަރިސްޓް ހަމަލާތަކެއް ކަމަށާއި، ހޫޘީންނަށް ރައްދުދިނުމުގެ ހައްޤު ސައުދީ ޢަރަބިޔާއަށް ލިބިފައިވާކަމަށް އެ ޤައުމުން ބުނެފިއެވެ.

ދާދިފަހުން ހޫޘީ ހަނގުރާމަވެރިން ސައޫދީ ޢަރަބިޔާގެ ވެރިރަށް ރިޔާޒަށް އަމާޒުކޮށް ފޮނުވާލި ބަލިސްޓިކް މިސައިލް ޙަމަލާ ކުށްވެރިކުރުމަށް އެދި ސައޫދީ ސަރުކާރުން އދގެ ސަލާމަތީ މަޖިލީހަށް ފޮނުއްވި ސިޓީގައި ބުނެފައިވަނީ، ހޫޘީން ފޮނުވާލި މިސައިލް އުފައްދާފައިވަނީ އީރާނުން ކަމަށާއި އެ ޙަމަލާގައި އީރާނުގެ ދައުރެއްވެސް އޮތްކަމަށެވެ. ހޫޘީންނަށް ހަތިޔާރު ފޯރުކޮށްދިނުމަކީ އދގެ ގަރާރުތަކާ ޚިލާފު ކަމެއްކަމަށްވެސް ސައޫދީ ސަރުކާރުން ސަލާމަތީ މަޖިލީހަށް ފޮނުވި ސިޓީގައި ބުނެފައިވެއެވެ.

ހޫޘީންނާ ދެކޮޅަށް ހަނގުރާމަކުރުމަށްޓަކައި ސައޫދީން ޔަމަންގެ ހަނގުރާމައަށް ވަދެފައިވަނީ ދެހާސް ސޯޅަ ވަނައަހަރު އެކުލަވާލި އަރަބި އިއްތިހާދުގެ ތެރެއިނެވެ. ހޫޘީންވަނީ ޔަމަނުން ފޭބުމަށް ސައޫދީއަށް ގޮވާލާފައެވެ. އަދި ޔަމަނުން ނުފައިބާނަމަ ސައޫދީ އިޤުތިޞާދީ ސަރަހައްދުތަކަށް މިސައިލް ހަމަލާތައް ދޭނެކަމުގެ އިންޒާރުވެސް ހޫޘީންވަނީ ދީފައެވެ.

ހޫޘީން ސައޫދީއަށް ފޮނުވާލި މިސައިލަށް ހުރަސްއަޅައި އެ މިސައިލް ވައްޓާލިކަމަށް ސައޫދީ ވައިގެ ދިފާޢީ ބާރުތަކުން ބުނެއެވެ.