ރައީސް ޔާމީންގެ ސަރުކާރުން ކުޅުދުއްފުށީގެ ތަރައްޤީއަށް ކުރައްވަމުންގެދަވާ މަސައްކަތްތައް ކުޅުދުއްފުށީގެ ރައްޔިތުން ހިތުގެ އަޑިން ޤަބޫލުކުރާކަން މިއަދު ހާމަވެފައިވާކަމަށް ހައުސިންގ މިނިސްޓަރ ޑރ. މުޙައްމަދު މުއިޒް ވިދާޅުވެއްޖެއެވެ.
ކުޅުދުއްފުށީގައި ޤާއިމްކުރާ ފެންބަންދުކުރާ ކާރުޚާނާގެ ޢަމަލީ މަސައްކަތް ފަށްޓަވައިދެއްވުމަށްފަހު ވާހަކަފުޅުދައްކަވަމުން މިނިސްޓަރ ޑރ.މުއިޒް ވިދާޅުވީ، މިއަދު ފެންނަމުން މިދަނީ އެތައް އަހަރެއްވަންދެން ކުޅުދުއްފުށީގެ ރައްޔިތުން ދެކެމުން އައި ހުވަފެން ރައީސް އަބްދުﷲ ޔާމީން އަބްދުލްޤައްޔޫމް ހަޤީޤަތަކަށް ހައްދަވައިދެއްވާ މަންޒަރުކަމަށެވެ. ކުޅުދުއްފުށީގެ ރައްޔިތުން ބޭނުންވެފައިތިބި އެތަށް ކަމެއް މިއަދު ހަޤީގަތަތަކަށް ވަމުންދާތީ ރައްޔިތުން ތިބީ އުފަލުންކަން ހާމަވާކަމަށާއި، އެރަށުން ބައެއް ހިއްކައިގެން އަޅާ އެއަރޕޯޓްގެ މަސައްކަތައް ރައްޔިތުން ބޭނުންވެފައި ތިބި މިންވަރު ރައްޔިތުން އިސްނަންގަވައިގެން ކުރިއަށްގެންދާ ތަފާތު ހަރަކާތްތަކުން ވަރަށް ރަނގަޅަށް ހާމަވާކަމުގައި މިނިސްޓަރ ފާހަގަކުރެއްވި.
"އަޅުގަނޑުމެންނަށް އިއްޔެ ހަވީރު ކުޅުދުއްފުށީ ރައްޔިތުންގެ ފަރާތުން ފެނިގެންދިޔަ މަންޒަރަކީ ދުވަހަކުވެސް، އެއްވެސް ރަށަކުން އަޅުގަނޑުމެން ދުށް މަންޒަރެއްނޫން. އެތައްސަތޭކަ އަންހެން ކަނަބަލުންތަކެއް، އެތައް ހާސް ރައްޔިތުންނެއް ގުޅިގެން ކުރި މަސައްކަތެއްގެ ނަތީޖާއެއްގެ ގޮތުން ރަށުގެ ބިން ހިއްކުމަށް ގެނެސްފައިވާ ޖައްރާފަށް ފަރިވަޅުލުމަށް އެބޭފުޅުން އެދިގެން އިސްނަގައިގެން ކުރިއަށް ގެންދިޔައީ އާދަޔާ ޚިލާފު އުފާވެރި ހަފްލާއެއް" ޑރ.މުޢިއްޒު ވިދާޅުވިއެވެ.
ކުޅުދުއްފުށީގެ ރައްޔިތުން ތިބީ ތަރައްޤީއަށް ފެންބޮވައިގެންފައިކަމަށާއި، އެއަރޕޯޓް މަޝްރޫޢުގެ އިތުރުން، ސަރަޙައްދީ ހޮސްޕިޓަލް އަޕްގްރޭޑް ކުރުމުގެ މަސައްކަތާއި، މަގުހެދުމާއި، ފެންބަންދުކުރާ ކާރުޚާނާ ފަދަ މަޝްރޫޢުތަށް ނިމިގެންދިއުމުން އެރަށުގެ އިތުރުން ހއ.އާއި ހދ.ގެ ރަށްރަށުގެ ރައްޔިތުންނަށް އެތަކެއް ފަސޭހަތަކެއް ލިބިގެންދާނެކަމަށް މިނިސްޓަރ ވިދާޅުވިއެވެ.
ހައުސިންގ މިނިސްޓަރ ވިދާޅުވީ ރައްޔިތުން އެދޭ ގޮތަށް އެ ރައްޔިތުންގެ ވިސްނުމާއެއްގޮތަށް ރައްޔިތުން ދެކެ ލޯބިވާ، އިޚްލާސްތެރިވެރިއަކު ތަރައްޤީގެ ކަންކަންވެސް ފުރިހަމަކޮށްދެއްވާތަން މިއަދު މުޅި ރާއްޖެއިންވެސް ފެންނަމުންދާކަމަށެވެ.