ދުނިޔެ

ދެކުނު ޗައިނާ ކަނޑުގެ މައްސަލައިގައި މެދުވެރިއަކަށް އެމެރިކާ


ދެކުނު ޗައިނާ ކަނޑުގެ މިލްކުވެރިކަމާމެދު ޗައިނާ އާއި އަވަށްޓެރި ބައެއް ޤައުމުތަކާ ދެމެދު އުފެދިފައިވާ އަރާރުން ހައްލުކުރުމުގައި މެދުވެރިއެއްގެ ދައުރު އަދާކުރަން ތައްޔާރަށް ހުންނެވިކަމަށް އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް ވިދާޅުވެއްޖެއެވެ. ޓްރަމްޕް ވިއެޓްނާމަށް ކުރައްވަމުންގެންދަވާ ދަތުރުފުޅުގައި ހެނޯއީގައި ދެއްވި ބަޔާނެއްގައި، ދެކުނު ޗައިނާ ކަނޑުގެ މިލްކުވެރިކަމުގެ މައްސަލައިގައި ޗައިނާ އާއި އަވައްޓެރި ޤައުމުތަކާ ދެމެދު އުފެދިފައިވާ ދެ ބަސްވުންތަކާމެދު އެމެރިކާ ކަންބޮޑުވާކަމަށް ވިދާޅުވިއެވެ.

އަދި އެ ކަނޑުގައި އަސްކަރީ އަރާރުމެއް އުފެދިއްޖެނަމަ އެމެރިކާގެ ޤައުމީ މަސްލަހަތަށްވެސް ނުރައްކާވާނެކަން ޓްރަމްޕް ވަނީ ފާހަގަކުރައްވާފައެވެ. ދެކުނު ޗައިނާ ކަނޑަކީ އަހަރެއްގެ މައްޗަށް ގާތްގަނޑަކަށް ތިން ޓްރިލިޔަން ޑޮލަރުގެ ވިޔަފާރީގެ ހަރަކާތްތައް ހިނގާ އަދި ވަރަށް ގިނަ ޢަދަދެއްގެ އާގުބޯޓު ހުރަސްކުރާ ކަނޑެކެވެ. ވިއެޓްނާމަކީވެސް މި މައްސަލައިގައި ޗައިނާއާ ދެބަސްވެފައިވާ ޤައުމެކެވެ.

ޓްރަމްޕްގެ ބަޔާނާ ގުޅިގެން، ދެކުނު ޗައިނާ ކަނޑުގެ މިލްކުވެރިކަމުގެ މައްސަލަ ހައްލުކުރަން އެ ޤައުމު ބޭނުންވަނީ ސުލްޙަވެރިކަމާއެކުގައި ކަމަށް ވިއެޓްނާމްގެ ރައީސް ވިދާޅުވިއެވެ. މި މައްސަލަ ހައްލުކުރުމަށް ބައިނަލްއަޤުވާމީ އިންސާފުގެ ކޯޓުން ނިންމާ ނިންމުންތައް ހުރިހާ ގައުމުތަކުންވެސް ގަބޫލުކުރަންޖެހޭނެ ކަމަށްވެސް ވިއެޓްނާމްގެ ރައީސް ވިދާޅުވިއެވެ.

ދެކުނު ޗައިނާ ކަނޑުގެ މިލްކުވެރިކަމާމެދު ޗައިނާއާ ދެބަސްވާ ޤައުމުތަކުގެ ތެރޭގައި ވިއެޓްނާމްގެ އިތުރުން މެލޭޝިޔާ އާއި ފިލިޕީންސް އާއި ބުރުނާއީ ހިމެނެއެވެ.